ބްރޯޑްކާސްޓަރުންނާއި ރީބްރޯޑްކާސްޓަރުންގެ އަހަރީ ފީ މާފުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހުން ކޮމިޝަނުން އެދިއްޖެ

June 8, 2021

ކޮވިޑް 19ގެ ޙާލަތާގުޅިގެން، ބްރޯޑްކާސްޓިންގ ދާއިރާއަށް ތަފާތު މާލީގޮންޖެހުންތަކާ ކުރިމަތިވެ، މި ސިނާއަތުގައި ހަރަކާތްތެރިވާ ކުދި އަދި މެދު ފަންތީގެ ބްރޯޑްކާސްޓްކުރާ އަދި ރީބްރޯޑްކާސްޓްކުރާ ސްޓޭޝަންތައް ހުއްޓާލަންޖެހިދާނެކަމުގެ ބިރު ހީވެފައިވާތީ، މި ފަރާތްތަކުން ދައްކަން ޖެހޭ އަހަރީ ފީ ދެއްކުމުގައި ލުއި ގޮތްތަކެއް ހަމަޖައްސައިދިނުމަށް އެދި ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙްގެ އަރިހުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އެދިވަޑައިގެންފިއެވެ.

ތިރީގައި މިވަނީ މިކަމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ކޮމިޝަނުން ފޮނުވާފައިވާ ސިޓީގެ މުހިންމު ބައިތަކެވެ.

“ދުނިޔެއަށް ދިމާވެފައިވާ ކޮވިޑް 19ގެ ޙާލަތާގުޅިގެން، ތަފާތު ސިނާޢަތްތަކަށް ވަނީ ބޮޑެތި މާލީ ގެއްލުންތަކާއި، ގޮންޖެހުންތައް ކުރިމަތިވެފައެވެ. މި ދިމާވެފައިވާ ހާލަތާ ގުޅިގެން ދިވެހިރާއްޖޭގެ ގިނަ ސިނާޢަތުތަކަކަށްވަނީ މިކަމުގެ ނޭދެވޭ އަސަރުކޮށްފައެވެ. އަދި، މި ބަލިމަޑުކަން ދެމިގެން ދިއުމުގެ ސަބަބުން މި ގެއްލުންތައް މިހާރުވެސް ދަނީ މެދުކެނޑުމެއްނެތި ކުރިމަތިވަމުންނެވެ. މިގޮތުން، ބްރޯޑްކާސްޓިންގ ދާއިރާއަށް ތަފާތު މާލީގޮންޖެހުންތަކާ ކުރިމަތިވެ، މި ސިނާއަތުގައި ހަރަކާތްތެރިވާ ކުދި އަދި މެދު ފަންތީގެ ބްރޯޑްކާސްޓްކުރާ އަދި ރީބްރޯޑްކާސްޓްކުރާ ސްޓޭޝަންތައް ހުއްޓާލަންޖެހިދާނެކަމުގެ ބިރު ވަނީ ކުރިމަތިވެފައެވެ.

ބްރޯޑްކާސްޓަރުންނާއި، ރީބްރޯޑްކާސްޓަރުންނަށް ދިމާވެފައިވާ މި ދަތި ދަނޑިވަޅުގައި އެ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދީ، މި ދާއިރާ ދެމެހެއްޓެނިވި ގޮތެއްގައި ކުރިޔަށް ގެންދިޔުމުގެ ޤާނޫނީ ޒިންމާ ޙަވާލުވެފައިވާ ފަރާތުގެ ހައިސިއްޔަތުން، އެ ފަރާތްތަކަށް ލުއިތަކެއް ދިނުމަށްޓަކައި، ތިރީގައި ތަފްސީލު ހިމަނާފައިވާ ލުއިތައް ދިނުމަށް އެދި މަނިކުފާނަށް ހުށަހެޅުމަށް މިކޮމިޝަނުންވަނީ ނިންމާފައެވެ.

  1. ބްރޯޑްކާސްޓަރުންނަށް (ޓީވީ އަދި ރޭޑިއޯގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް) ކޮމިޝަނުން ދޫކޮށްފައިވާ ބްރޯޑްކާސްޓިންގ ލައިސަންސްގެ 2020 އަދި 2021 ވަނަ އަހަރުގެ އަހަރީ ފީއާއި، ޖޫރިމަނާ މާފުކޮށްދިނުން.

 

  1. ބްރޯޑްކާސްޓަރުންނަށް (ޓީވީ އަދި ރޭޑިއޯގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް) ކޮމިޝަނުން ދޫކޮށްފައިވާ ފްރިކުއެންސީތަކުގެ 2020 އަދި 2021 ވަނަ އަހަރުގެ އަހަރީ ފީ މާފުކޮށްދިނުން.

 

  1. ރީބްރޯޑްކާސްޓަރުން (ކޭބަލްޓީވީގެ ޚިދުމަތްދޭ ފަރާތްތައް) ގެ ތެރެއިން މުޅި ރާއްޖެއަށް ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ނަގާފައިވާ ފަރާތްތަކުގެ 2020 އަދި 2021 ވަނަ އަހަރު އަހަރީ ފީ އަދި ޖޫރިމަނާ މާފުކޮށްދިނުން.

 

  1. ރީބްރޯޑްކާސްޓަރުން (ކޭބަލްޓީވީގެ ޚިދުމަތްދޭ ފަރާތްތައް) ގެ ތެރެއިން މުޅި ރާއްޖެއަށް ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ނަގާފައިވާ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކުގެ 2020 އަދި 2021 ވަނަ އަހަރު އަހަރީ ފީ އަދި ޖޫރިމަނާ މާފުކޮށްދިނުން.

 

  1. 2020 އަދި 2021 ވަނަ އަހަރުގެ އަހަރީފީއާއި، ޖޫރިމަނާ ފައިސާ ދައްކާ ހަލާސްކޮށްފައިވާ ފަރާތްތަކާ މެދު އިންސާފުވެރި، ހަމަހަމަ އުޞޫލަކުން ޢަމަލުކުރުމުގެ ގޮތުން އެ ފަރާތްތަކަށް މަތީގައި ދެންނެވުނު ލުއިތައް ކުރިޔަށް އޮތް ދެ އަހަރަށް (2022 އަދި 2023 އަށް) ބަހާލައިގެން ފޯރުކޮށްދިނުން.”

 

ކޮވިޑް-19ގެ ޙާލަތާ ގުޅިގެން، ވޭތުވެދިޔަ 2020 ވަނަ އަހަރުވެސް، ބްރޯޑްކާސްޓަރުންނަށް ދިމާވެފައިވާ މާލީ ގޮންޖެހުންތަކާއި ސްޓޭޝަންތައް ހިންގުމަށް ހުރި ދަތިތައް ދެނެގަތުމުގެ ގޮތުން ކޮމިޝަނުން އެ ފަރާތްތަކާއެކު ކުރެވުނު މަޝްވަރާތަކާއި އެއްކުރެވުނު މަޢުލޫމާތުގެ މައްޗަށް ރިޕޯޓެއް ވަނީ ތައްޔާރުކޮށްފައެވެ. އަދި ސްޓޭޝަންތައް ހިންގުމަށާއި މާލީ ގޮތުން ލިބިފައިވާ ގެއްލުންތަކުން އަރައިގަތުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުގެ ކިބައިން ކޮމިޝަނުން އެދި، ރައީސުލްޖުމްހޫރިއްޔާއަށާއި، ރައްޔިތުންގެ މަޖިލީހަށާ އަދި ކަމާގުޅޭ އެހެން ފަރާތްތަކަށް ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓާއެކު ސިޓީ ފޮނުވާފައިވެއެވެ.