August 28, 2013
ނޫސް ބަޔާން
“މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޮމިޝަންގެ ޒިންމާ، އެ ކޮމިޝަނަށް އުފުލުމުގައި ނުކުޅެދިފައިވާތީވެ، މި މަހު ފަށަން ހަމަޖެހިފައިވާ ސާފު ޗެމްޕިއަންޝިޕް ގެނެސްދޭން ޖެހިފައި ވަނީ ގަނެގެން” ކަމަށް ބުނެ މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޯޕަރޭޝަން (އެމްބީސީ) އިން މިއަދު ނެރުނު ނޫސް ބަޔާނާ ގުޅޭ ގޮތުން ދަންނަވަމެވެ.
އެމްބީސީ ވެސް ހިމެނޭ ގޮތަށް، ރާއްޖޭގެ އެހެން ބްރޯޑްކާސްޓަރުންނާއި ރީބްރޯޑްކާސްޓަރުންނާއި ސްޓޭކްހޯލްޑަރުންގެ ފުރިހަމަ ހިއްސާ އޮވެގެން، 2012 ވަނަ އަހަރުގެ ކުރީކޮޅު މި ކޮމިޝަނުން އެކުލަވައިލައި ގެޒެޓްކޮށްފައިވާ ރީބްރޯޑްކާސްޓްކުރުމުގެ ޤަވާއިދުގެ 38 މާއްދާގެ (ހ) އަދި ބްރޯޑްކާސްޓްކުރުމުގެ ޤަވާއިދުގެ 35 ވަނަ މާއްދާގައި ބުނާގޮތުން، ދިވެހި ރައްޔިތުންގެ ޚާއްސަ ޝައުގެއް ހިމެނޭ އިވެންޓެއް ނުވަތަ “ލިސްޓަޑް އިވެންޓެއް” ރާއްޖޭގައި ބްރޯޑްކާސްޓްކުރުމުގެ ޙައްޤު އެއްވެސް ބްރޯޑްކާސްޓަރަކު/ ރީބްރޯޑްކާސްޓަރަކު ހޯދައިފިނަމަ، ޕަބްލިކް ސަރވިސް ބްރޯޑްކާސްޓަރަށް އެ ލިސްޓެޑް އިވެންޓެއް ބްރޯޑްކާސްޓްކުރުމުގެ ހައްޤު އެ ފަރާތަކުން އަގަކާ ނުލައި ފޯރުވައިދޭންވާނެއެވެ.
މި ޤަވާއިދުތަކުން އެ އިވެންޓެއްގެ ރައިޓްސް ފޯރުވައިދިނުން ލާޒިމްވާނީ އެ ބްރޯޑްކާސްޓަރަކު/ ރީބްރޯޑްކާސްޓަރަކު އެ އިވެންޓެއް ބްރޯޑްކާސްޓަކުރުމަށް ހޯދައިފައިވާ ވަކި ހައްގެއް ނުވަތަ ހައްގުތަކެކެވެ. މިސާލަކަށް ރީބްރޯޑްކާސްޓަރަކު ހޯދައިފައި ވަނީ ކޭބަލް ރައިޓްސް ކަމަށް ވާނަމަ، ޕަބްލިކް ސަރވިސް ބްރޯޑްކާސްޓަރަށް އަގަކާ ނުލައި ފޯރުވައިދޭންވާނީ ކޭބަލް ރައިޓްސް އެވެ.
އަދި މީގެ އިތުރުން ލިސްޓެޑް އިވެންޓެއް ފޯރުވައިދިނުމަށް ޕަބްލިކް ސަރވިސް ބްރޯޑްކާސްޓަރު މަހްރޫމުވާނޭ ފަދަ ގޮތަކަށް ނުވަތަ ޕަބްލިކް ސަރވިސް ބްރޯޑްކާސްޓަރު އެންމެ ފުޅާ ދާއިރާއެއްގައި ޚިދުމަތް ފޯރުވައިދޭ ޒަރީއާއިން ނުގެނެސްދެވޭ ފަދަ ގޮތަކަށް ލިސްޓެޑް އިވެންޓެއްގެ ވަކި ހައްގުތަކެއް ހޯދުން މަނާކޮށްފައި އޮތް އޮތުމަކީ ޙައްޤު ހޯދާ ބްރޯޑްކާސްޓަރަކު/ ރީބްރޯޑްކާސްޓަރަކު އެ އިވެންޓެއް ވިއްކާ ފަރާތާއެކު ސޮއިކުރާ ކޮންޓްރެކްޓްގައި، ޕަބްލިކް ސަރވިސް ބްރޯޑްކާސްޓަރަށް އެ އިވެންޓެއް ބްރޯޑްކާސްޓްކުރުމުގެ ވަކި ހައްޤެއް ހޯދުމަށް ހުރަސްއެޅޭނޭ އެއްވެސް މުއާމަލާތެއް ކުރުން ހުއްޓުވުމަށް ކަމުގައި ވެސް ދަންނަވަމެވެ. އޭގެ މާނައަކީ ޕަބްލިކް ސަރވިސް ބްރޯޑްކާސްޓަރު ބޭނުންވާ ވަކި ރައިޓެއް ނުވަތަ ހައްގެއް ބްރޯޑްކާސްޓަރަކު/ ރީބްރޯޑްކާސްޓަރަކު، ޕަބްލިކް ސަރވިސް ބްރޯޑްކާސްޓަރަށް ގަނެދޭން ޖެހޭނެ ވާހަކައެއް ނޫނެވެ.
އެހެންކަމުން ސާފް ޗެމްޕިއަންޝިޕް 2013 ބްރޯޑްކާސްޓްކުރުމަށް އެއްވެސް ޙައްޤެއް އެއްވެސް ބްރޯޑްކާސްޓަރަކު/ ރީބްރޯޑްކާސްޓަރަކު ހޯދައިފިނަމަ އެ ހޯދި ޙައްޤަކީ އެ ފަރާތަށް ލިބިފައިވާ ޙައްޤުގެ ހުދޫދުގެ ތެރެއިން އެމްބީސީ އަށް އަގަކާ ނުލައި ލިބެން ޖެހޭ އެއްޗެއް ކަމުގައި ބްރޯޑްކާސްޓް އަދި ރީބްރޯޑްކާސްޓް ކުރުމުގެ ޤަވާއިދުން ސާފުކޮށް އެނގޭކަމުގައި ދެންނެވީމެވެ. އަދި އެމްބީސީން އެ ބުނާ ޙައްޤު ހޯދުމަށް މިހާރު ވެސް އެއްވެސް ހުރަހެއް އޮތް ކަމަކަށް މި ކޮމިޝަނަކުން ނުދެކެމެވެ.
އަދި ދަންނަވަމެވެ. ސާފު ޗެމްޕިއަންޝިޕަކީ މި ކޮމިޝަނުން ކަނޑައަޅާފައިވާ ލިސްޓެޑް އިވެންޓެއް ކަމުގައި ވީ ނަމަވެސް، އެ އިވެންޓް ބްރޯޑްކާސްޓްކުރުމުގެ ޙައްޤު ރާއްޖޭގެ އެއްވެސް ބްރޯޑްކާސްޓަރަކު ވެސް އަދި ރީބްރޯޑްކާސްޓަރަކު ވެސް މިހާތަނަށް ހޯދައިފައިވާ ކަމެއް މި ކޮމިޝަނަށް އެނގިފައެއް ނުވެއެވެ. އަދި ސާފު ޗެމްޕިއަންޝިޕްގެ ބްރޯޑްކާސްޓިން ރައިޓްސް ރާއްޖޭގެ އެއްވެސް ބްރޯޑްކާސްޓަރެއް ނުވަތަ ރީބްރޯޑްކާސްޓަރެއް ހޯދައިގެން، ގަވައިދުގައިވާ ގޮތަށް އެމްބީސީ އަށް ދޫނުކޮށްގެން އުޅޭ ކަމެއް ވެސް އެމްބީސީން މިހާތަނަށް މި ކޮމިޝަނަށް އަންގައިފައެއް ނުވެ އެވެ.
ވީމާ، އެމްބީސީގެ ބަޔާނުގައި އެމްބީސީގެ ޗެނަލްތަކުން ސާފު ޗެމްޕިއަންޝިޕް އަގަކާ ނުލާ ބްރޯޑްކާސްޓްކުރުމަށް ބޭނުންވާ ހައްގު އެ ކޯޕަރޭޝަނަށް ހޯދައިދިނުމުގައި މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޮމިޝަނުން ނުކުޅެދިފައިވާ ކަމަށް ބުނެ ޝާއިއުކޮށްފައިވާ ބަޔާނަކީ ކަމުގެ ހަގީގަތް ބަލަންވާ ވަރަށް ނުބައްލަވައި، އާންމު ރައްޔިތުންނަށް މައުލޫމާތު އޮޅޭ ގޮތަށް އަދި މި ކޮމިޝަންގެ އަގުވެއްޓޭ ގޮތަށް ޝާއިއުކޮށްފައިވާ ބަޔާނެއްކަމުގައި ހިތާމައާއެކު ދެންނެވުމަށް މި ފުރުސަތުގެ ބޭނުންކުރަމެވެ.
28 އޯގަސްޓް 2013