September 11, 2012
ނަންބަރު:427-SDV/CIR/2012/15
ސަރކިއުލަރ
ޙައްޖުގެ އަޅުކަން ހިނގަމުންދާ ގޮތް ރޭޑިއޯ/ޓެލެވިޜަންގެ ޒަރީއާ އިން ގެނެސްދިނުމަށްޓަކައި ރާއްޖޭގެ ބްރޯޑްކާސްޓަރަކަށް ސަޢޫދީ އަރަބިއްޔާގެ ސަރުކާރުން ދެއްވާ ޙައްޖު ދަތުރަށް ބްރޯޑްކާސްޓަރަކު ހޮވުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް އިން މިހާރު ވަނީ މި ކޮމިޝަނާ ހަވާލުކުރައްވައިފައެވެ.
ސައުދީ ސަރުކާރުން އަންގަވައިފައި ވަނީ މި ފުރުސަތު ދޭ ފަރާތަކީ ޕްރޮގްރާމް ނުވަތަ ޚަބަރު ގެނެސްދިނުމުގައި މަސައްކަތްކުރާ ސީނިއަރ ފިރިހެން މުވައްޒަފަކަށް ވާންޖެހޭނެ ކަމަށާއި މީގެ ކުރިން ޙައްޖެއް ވެފައިވާ މީހެއް ކަމުގައި ވެގެން ނުވާނެ ކަމަށެވެ. ޝޯޓްލިސްޓްކުރާ ތިން ކެންޑިޑޭޓެއްގެ ވަނަވަރު ފޮނުވުމުން، އޭގެ ތެރެއިން ވަކި ފަރާތެއް ކަނޑައަޅާނީ ސައުދީ ސަރުކާރުންނެވެ.
މި ގޮތުން މި އަހަރު ޙައްޖު ދަތުރަށް ތިން ފަރާތެއް ޝޯޓްލިސްޓް ކުރުމަށްޓަކައި މި ކޮމިޝަނުން ނިންމާފައި ވަނީ ޚަބަރާއި ޕްރޮގްރާމްތައް ހިމަނައިގެން ރާއްޖޭގައި މިހާރު ބްރޯޑްކާސްޓްކުރަމުންދާ ޗެނަލްތަކުގެ މެދުގަ އެވެ. ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ލިބި، ނަމަވެސް 10 ސެޕްޓެމްބަރ 2012 އާ ހަމައަށް ބްރޯޑްކާސްޓްކުރަން ފަށައިފައިނުވާ ފަރާތްތައް މީގެ ތެރޭގައި ނުހިމެނޭނެ އެވެ.
މި ކޮމިޝަނުން ނިންމާފައި ވަނީ ރާއްޖޭގައި މިހާރު ބްރޯޑްކާސްޓްކުރަމުންދާ ޗެނަލްތަކުގެ މެދުގައި ގުރުއަތުލައި، ތިން ޗެނަލެއް ގުރުއަތުން ހޮވައި، ގުރުއަތުން ހޮވޭ ތިން ޗެނަލުން ހުށަހަޅުއްވާ ތިން ނަން ސައުދީ އަށް ފޮނުވާށެވެ.
މި ގުރުއަތުލުން އޮންނާނީ މާދަމާ، 12 ސެޕްޓެމްބަރ 2012 ވާ ބުދަ ދުވަހުގެ 13:00 ގައި މި ކޮމިޝަންގަ އެވެ. ގުރުއަތުލުމުގައި ބައިވެރިވެވަޑައިގަންނަވާ ކޮންމެ ބޭފުޅަކަށް ވެސް ތަމްސީލްކުރެއްވޭނީ އެއް ޗެނަލެވެ. މި ގުރުއަތުލުމުގައި ތަމްސީލްނުކުރާ ޗެނަލްތަކަށް ނަން ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.
ވީމާ، ޚަބަރާއި ޕްރޮގްރާމްތައް ހިމަނައިގެން ރާއްޖޭގައި މިހާރު ބްރޯޑްކާސްޓްކުރަމުންދާ ޗެނަލްތަކަށް މި ގުރުއަތުލުމުގައި ބައިވެރިވުމަށް ދައުވަތު އަރުވަމެވެ.
24 ޝައްވާލް 1433
11 ސެޕްޓެމްބަރ 2012