ބްރޯޑްކާސްޓިންގ ޚިދުމަތް ދިނުމަށް ހުރި ދަތިތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބްރޯޑްކާސްޓަރުންނާއެކު ކޮމިޝަނުން ބައްދަލުވުންތަކެއް ފަށައިފި

December 22, 2019

ބްރޯޑްކާސްޓިންގ ޚިދުމަތް ދިނުމަށް ހުރި ދަތިތަކާއި އަދި ބްރޯޑްކާސްޓް ދާއިރާގެ ކުރިމަގާ ގުޅޭގޮތުން ބްރޯޑްކާސްޓަރުންނާ މަޝްވަރާކުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ބައްދަލުވުންތަކެއް ފަށައިފިއެވެ.

މިގޮތުން ކޮމިޝަނުގެ މެމްބަރުން ފައްޓަވާފައިވާ ސިލްސިލާގެ މިއަދުގެ ފުރަތަމަ ބައްދަލުވުން ބޭއްވީ ސަންގު ޓީވީއާއެކުއެވެ.

މިއަދުގެ ބައްދަލުވުމުގައި، ސަންގުޓީވީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ވަޙީދު، ފާހަގަކުރެއްވި އެންމެ މުހިންމު އެއް ކަންބޮޑުވުމަކީ، ބްރޯޑްކާސްޓްކުރުމުގެ ޤާނުނާއި ގަވާއިދާ ޚިލާފުވުމުން ސްޓޭޝަންތައް ބޮޑެތި އަދަދުތަކުން ކޮށްފައިވާ ޖޫރިމަނާތަކާއި އެކަމުގެ ސަބަބުން ސްޓޭޝަންތަކަށް ލިބުނު މާލީ ގެއްލުންތަކެވެ.

ބްރޯޑްކާސްޓްކުރުމުގެ ޤާނުނާއި ގަވާއިދާ ޚިލާފުވުމުން ސްޓޭޝަންތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރުމުގެ ބަދަލުގައި، އެކަށީގެންވާ ފިޔަވަޅެއްގެ ގޮތުގައި ފެނިވަޑައިގަންނަވަނީ، ބްރޯޑްކާސްޓްކުރުމުގެ ލައިސަންސުން ޕޮއިންޓް ކެނޑޭ އުސޫލެއް ތަޢާރަފުކުރުން ކަމުގައިވެސް އިބްރާހީމް ވަހީދު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ސަންގު ޓީވީގެ ފަރާތުން ފާހަގަކުރި އިތުރު ކަންބޮޑުވުންތަކަކީ، ޗެނަލް ރައިޑްކުރުމަށް ބްރޯޑްކާސްޓަރުން އަތުން ނަގާ ފީ ބޮޑުވުމާއި، ބައެއް ޗެނަލްތަކުން އެއްވެސް ޒިންމާދުރުކަމެއްނެތި ކޮންޓެންޓް ފޮނުވަމުން ދިއުމާއި، ބައެއް ފަރާތްތަކުން އެއްވެސް ބާވަތެއްގެ ހުއްދައެއް ނެތި ބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ދިނުން ކަމުގައެވެ. އަދި ޗެނަލްތަކުން އުފައްދާ މުނިފޫހިފިލުވުމުގެ ކޮންޓެންޓް ބްރޯޑްކާސްޓްކުރުމުގެ ކުރިން ބަލައި ފާސްކުރުމަށް “ސެންސަރޝިޕް ޑެސްކް” އެއް ކޮމިޝަންގައި ޤާއިމްކުރުމުގެ މުހިންމު ކަންވެސް ފާހަގަކުރެއްވިއެވެ.

ސަންގު ޓީވީއާ ބައްދަލުކުރެއްވުމަށްފަހު، ކޮމިޝަން މެމްބަރުން މިއަދު ދެވަނަ ބައްދަލުވުން ބޭއްވެވީ ފިޔެސް ޓީވީއާ އެކުގައެވެ.

ފިޔެސް ޓީވީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ރަފީޢު މި ބައްދަލުވުމުގައި ފާހަގަކުރެއްވި އެންމެ ބޮޑު ކަންބޮޑުވުމަކީ ކޮމިޝަނުން ބްރޯޑްކާސްޓަރުންނާއެކު އޮންނަ ގުޅުން ކުޑަވުމުގެ ސަބަބުން ދާއިރާގެ ތަރައްޤީއަށް އެކަށީގެންވާ މަސައްކަތް ނުކުރެވުން ކަމުގައެވެ. އަދި ޗެނަލް ރައިޑްކުރުމަށް ބްރޯޑްކާސްޓަރުން އަތުން ނަގާ ފީ ބޮޑުވުމާއި، ކަމާގުޅޭ ފަރާތްތައް މި ދާއިރާއަށް އަހުލުވެރިކުރުމަށް މަސައްކަތްނުކުރާ ކަމާއި، ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އެކަށީގެންވާ ތަމްރީނު ނުލިބޭ ކަމުގައި ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ކޮމިޝަން އުފެދިގެން އެތައް އަހަރެއް ފާއިތުވެގެން ދިޔައިރުވެސް، ބްރޯޑްކާސްޓިންގގެ ޚިދުމަތްދޭ ފަރާތްތަކުގެ އަގުވަޒަންކޮށް، އެވޯޑް ދެވިފައި ނުވުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ.

މި ދެ ބައްދަލުވުމުގައި، ހުށަހެޅި ޚިޔާލު ތަކާމެދު ކޮމިޝަނުން އިތުރު މަޢުލޫމާތު ހޯދާ އަދި ފާޅުކުރި ކަންބޮޑުވުންތަކަށް ކޮމިޝަނުން އަލިމަގެއް ހޯދުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަޤީންކަން ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ ދެއްވިއެވެ. އަދި ކޮމިޝަނާއި ބްރޯޑްކާސްޓަރުންނާ ދެމުދު އޮންނަ ގުޅުން މި ދައުރުގައި ހަރުދަނާ ކުރެއްވުމަށް ވަރަށް އިސްކަންދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ. މީގެއިތުރުން، ބްރޯޑްކާސްޓްކުރުމުގެ ދާއިރާގެ ތަރައްޤީއަށް ކުރަންހުރި މަސައްކަތްތަކާއި ކޮމިޝަންގެ ތަސައްވުރާ ގުޅޭގޮތުން ކޮމިޝަންގެ ރައީސާއި މެމްބަރުން ވާހަކަފުޅު ދެއްކެވިއެވެ.

މި ދެ ބައްދަލުވުމުގެ އިތުރުން، ރާއްޖޭގެ ބައެއް ރަށްރަށުގައި ރީބްރޯޑްކާސްޓިންގގެ ޚިދުމަތް ދެމުންދާ ކުންފުނިތަކެއްގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވާ، އެފަރާތްތަކުން ރީބްރޯޑްކާސްޓިންގެ ޚިދުމަތް ދިނުމަށް ހުރި ދަތިތަކާއި ގޮންޖެހުންތަކާ މެދު މަޝްވަރާކޮށް، އެފަރާތްތަކުން ފާޅުކުރި ކަންބޮޑުވުންތަކަށް ޙައްލެއް ހޯއްދަވައިދެއްވުމަށް މަސައްކަތްކުރައްވާނޭ ކަމަށްވެސް ކޮމިޝަންގެ މެމްބަރުން ވިދާޅުވިއެވެ.

މިއަދުގެ މި ތިން ބައްދަލުވުމުގައި، ކޮމިޝަން ރައީސް މަރިޔަމް ވަހީދާގެ އިތުރުން، ނައިބު ރައީސް އަޙްމަދު ގައިސްއާއި، ކޮމިޝަނަރ ޒީނާ ޒާހިރާއި، ކޮމިޝަނަރ ޢަލީ ޔޫސުފް އަދި ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ނާސިހު ބައިވެރިވެވަޑައިގަތެވެ.