ވިޝަންސް އޮފް ދަ ފިއުޗާގެ އިތުރު ސްޕޮންސަރެއްގެ ގޮތުގައި މިއުސް އަދި ސޮލްޓީ ޕީޕަލް ބައިވެރިވެއްޖެ

October 7, 2024

ބްރޯޑްކާސްޓް ދުވަސް ފާހަގަ ކުރުމުގެ ގޮތުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ބާއްވާ ކުރެހުމުގެ މުބާރާތް ވިޝަންސް އޮފް ދަ ފިއުޗާގެ އިތުރު ސްޕޮންސަރެއްގެ ގޮތުގައި މިއުސް އަދި ސޮލްޓީ ޕީޕަލް ބައިވެރިވެއްޖެ އެވެ.

ފެންވަރު ރަނގަޅު އާޓް ސަޕްލައި ވިއްކާ ފަރާތެއް ކަމުގައިވާ މިއުސް އަދި ހުޅުމާލޭގެ ގޮނޑުދޮށުގައި މޫދު ކުޅިވަރާއި އެކު ދަރިވަރުންނަށް އާޓް ކްލާސް ހިންގާ ސޯލްޓީ ޕީޕަލް މުބާރާތުން ވަނަތައް ލިބޭ ދަރިވަރުންނަށް އިނާމްދޭން ކަނޑައަޅައިފި  އެވެ.

ވިޝަންސް އޮފް ދަ ފިއުޗާ އަކީ ރާއްޖޭގެ ހުރިހާ ސްކޫލްތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ބާއްވާ އާޓް މުބާރާތެކެވެ.

މި މުބާރާތުގެ މަގްސަދަކީ ދަރިވަރުން ބްރޯޑްކާސްޓިން ދާއިރާއަށާއި ރާއްޖޭގައި ހަރަކާތްތެރިވާ ރޭޑިއޯ/ޓީވީ ޗެނަލްތަކުން ފޮނުވާ ކޮންޓެންޓަށް ޝައުގުވެރިކަން އިތުރުކޮށް، ކޮންޓެންޓް އުފައްދާ މީހުންގެ ބުރަ މަސައްކަތް ކުޑަކުދިންގެ އަމިއްލަ ހިޔާލުން ސިފަ ކުރާ ގޮތް ދެނެގަތުމެވެ.

ވިޝަންސް އޮފް ދަ ފިއުޗާ ގައި ބައިވެރިވަމަށް ޝައުގުވެރިވާ ފަރާތްތަކަށް މި އާޓް މުބާރާތަށް ކުރެހުން ހުށަހެޅުމަށް ކޮމިޝަނުން ވަނީ މައިގަނޑު ޝިއާރުތަކެއް ކަނޑައަޅާފައި އެވެ.

މި ޝިއާރު ތަކަކީ؛

ދަ އިވޮލިއުޝަން އޮފް މީޑީއާމި ޝިއާރަށް ހުށަހަޅާ ކުރެހުންތަކުން ދައްކުވައިދޭންވާނީ ނުވަތަ ލިބޭ މެސެޖަކަށްވާންވީ އިހުގެ ރޭޑިއޯ އިން ފެށި ބްރޯޑްކާސްޓިން މިއަދާ ހަމައަށް އައި އިރު ޒަމާނީ ބްރޯޑްކާސްޓިން ޕްލެޓްފޯމަކަށް ބަދަލުވެފައިވާ ގޮތެވެ.

ބްރޯޑްކާސްޓް މީޑިއާ އެންޑް ކަލްޗާމި ޝިއާރަށް ހުށަހަޅާ ކުރެހުންތަކުން ދައްކުވައިދޭންވާނީ ރާއްޖޭގެ ސަގާފަތާއި، ތާރީހާއި އަދި އާދަކާދަ ދެމެހެއްޓުމުގައި ބްރޯޑްކާސްޓިން މީޑީއާ އަދާ ކުރާ ދައުރެވެ.

ބްރޭކިން ނިއުސް: މި ޝިއާރަށް ހުށަހަޅާ ކުރެހުންތަކުން ބްރޯޑްކާސްޓިން މީޑިއާ އިން ބްރޭކިން ނިއުސް އާއްމުންނަށް ގެނެސްދިނުމަށް އަދާ ކުރާ މުހިއްމު ދައުރު ދައްކައިދޭންވާނެ އެވެ.

ތިން އުމުރު ފުރައަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި އާޓް މުބާރާތުގައި ކޮންމެ އުމުރު ފުރައަކުން އެއްވަނަ، ދެވަނަ އަދި ތިންވަނަ ހޮވާނެ އެވެ.

މުބާރާތް ބެހިފައިވާ އުމުރު ފުރާތަކަކީ؛

  • 6  އަހަރާއި 9 އަހަރު ދެމެދުގެ އުމުރުފުރާ
  • 10  އަހަރާއި 13 އަހަރު ދެމެދުގެ އުމުރުފުރާ
  • 14 އަހަރާއި 16 އަހަރު ދެމެދުގެ އުމުރުފުރާ

މި މުބާރާތުގެ ސްޕޮންސަރެއް ގޮތުގައި މިއުސް އަދި ސޮލްޓީ ޕީޕަލް ބައިވެރިވުމަކީ މި މުބާރަތަށް ލިބޭ އިތުރު ފުރިހަމަ ކަމެކެވެ.