ސްކޫލްތަކުގެ ދަރިވަރުންނަށް ބްރޯޑްކާސްޓްކުރުމުގެ ދާއިރާއަށް އަހުލުވެރިކުރުވުމުގެ ސެޝަންތަކެއް ބާއްވައިފި

November 17, 2021

މިއަހަރުގެ ބްރޯޑްކާސްޓްކުރުމުގެ ދުވަސް ފާހަގަކުރުމަށް ހިންގަމުންދާ ހަރަކާތްތަކުގެ ދަށުން، ބައެއް ބްރޯޑްކާސްޓަރުންނާ ގުޅިގެން މާލޭ ބައެއް ސްކޫލްތަކުގެ ދަރިވަރުންނަށް މި ދާއިރާއަށް ޝައުޤުވެރިކަން އިތުރުކޮށް، އަހުލުވެރިކުރުވުމުގެ ގޮތުން ސްޓޭޝަންތަކުގައި ސެޝަންތަކެއް ބާއްވައިފިއެވެ.

ނޮވެމްބަރ 15 އިން 17އަށް ކުރިއަށް ގެންދިޔަ މި ސެޝަންތަކުގައި ސްކޫލްތަކުގެ ދަރިވަރުން ސްޓޭޝަންތަކަށް ޒިޔާރަތްކޮށް، ބްރޯޑްކާސްޓްކުރާ ސްޓޭޝަންތަކުގައި މަސައްކަތްތައް ކުރިއަށްދާގޮތް ބަލައި، މި ދާއިރާގެ އެކި ފަންނީ މަސައްކަތްތަކާ ގުޅޭ މަޢުލޫމާތު ދަރިވަރުން ހޯދިއެވެ.

މި ސެޝަންތަކުގައި ބައިވެރިވި ސްކޫލްތަކަކީ، ދަރުމަވަންތަ ސްކޫލާއި، މަޖީދިއްޔާ ސްކޫލާއި، ޣިޔާސުއްދީން ސްކޫލާއި، އަމީނިއްޔާ ސްކޫލާއި، ޢިއްޒުއްދީން ސްކޫލާއި، މުހްޔިއްދީން ސްކޫލުގެ އިތުރުން ކަލާފާނު ސްކޫލެވެ.

އަދި ކޮމިޝަނާ ގުޅިގެން މި ސްކޫލްތަކުގެ ދަރިވަރުންނަށް ސެޝަންތައް ކުރިއަށްގެންގޮސްދިން ބްރޯޑްކާސްޓަރުންނަކީ ޕަބްލިކް ސަރވިސް މީޑިއާ، ވީ މީޑިއާ، ދިރާގު ޓީވީ އަދި މޯލްޑިވްސް ބިޒްނަސް ނެޓްވާރކެވެ.