September 8, 2024
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ކުރިއަށްގެންދާ ‘ސްޓޭޝަން ވިޒިޓް’ގައި ޕަބްލިކް ސާވިސް މީޑީއާ އާއި ބައްދަލުކޮށްފިއެވެ.
ޕަބްލިކް ސާވިސް މީޑީއާ ހިންގާ މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ) ގައި މިއަދު ބޭއްވި މި ބައްދަލުވުމުގެ މަގްސަދަކީ އެ ކުންފުނީގެ ދަށުން ހިންގާ އެކިއެކި ބްރޯޑްކާސްޓް ޗެނަލްތައް ހިންގުމަށް ހުރި ދަތިތަކާއި ގުޅިގެން މައުލޫމާތު ހޯދައި އެ ދަތިތައް ހައްލު ކުރުމަށް ދެފަރާތުން މަޝްވަރާކުރުމެވެ.
މި ބައްދަލުވުމުގައި ޕީ. އެސް. އެމް ގެ ފަރާތުން ބައިވެރިވެވަޑައިގަތީ؛
މުހައްމަދު ސައީދް- މެނޭޖިންގް ޑިރެކްޓރު
އަބްދުﷲ ޔާމީން- ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓރު
އަދި ކުންފުނީގެ ޑިޕާޓްމަންޓް ތަކުގެ ވެރިންނެވެ.
މި ބައްދަލުވުމުގައި ކޮމިޝަންގެ ފަރާތުން ބައިވެރިވެވަޑައިގަތީ؛
މަރިޔަމް ވަހީދާ- ރައީސް
މުހައްމަދު ފަޒީން- ނައިބު ރައީސް
އާމިނަތު އަމީނާ- ކޮމިޝަނަރު
ޝިފްލާ އިބްރާހިމް- ކޮމިޝަނަރު
މަރިޔަމް ޒީނިޔާ-ސެކްރެޓަރީ ޖެނެރަލް
އިބްރާހިމް އަޝްރަފު- ލައިސެންސިންގް ޑިރެކްޓަރު
އަހުމަދު ޝަރަފުއްދީން -އެކައުންޓްސް އޮފިސަރު
މި ބައްދަލުވުމުގައި ކޮމިޝަންގެ ޓީމުން ވަނީ ބްރޯޑްކާސްޓިން ކޯޕަރޭޝަންގެ އައު މެނޭޖިން ޑިރެކްޓަރު މަރުހަބާ ވިދާޅުވެފައި އެވެ. މީގެ އިތުރަށް ބްރޯޑްކާސްޓް ދާއިރާ ތަރައްގީ ކުރުމަށް ކޮމިޝަނުން ކުރަމުންގެންދާ މަސައްކަތްތައް ކޮމިޝަނުން ވަނީ ހިއްސާކޮށްފައި އެވެ.
ސްޓޭޝަން ވިޒިޓް ތަކަކީ ލައިސަންސް ދޫކޮށްފައިވާ ބްރޯޑްކާސްޓަރުންނާއި ކޮމިޝަންއާ ގުޅުން ބަދަހިކޮށް، ސްޓޭޝަންތައް ހުރި ދަތިތައް ދެނެގަނެ މައުލޫމާތު އޮޅުން ފިލުވުމަށް ބާއްވާ ސިލްސިލާ ބައްދަލުވުން ތަކެކެވެ. މިގޮތުން ކޮމިޝަނުން މިފަހުން ވަނީ އެސްއެސްޓީވީގެ އިތުރަށް އެންޓީވީ އާއި ބައްދަލުކޮށްފައި އެވެ. މި ބައްދަލުވުންތަކުގައިވެސް ވަނީ އެ ޗެނަލްތައް ހިންގުމުގައި ދިމާވާ ދަތިތައް ހައްލުކޮށްދިނުމަށް ކޮމިޝަނާއި ޗެނަލްތައް ގުޅިގެން ކުރެވޭނޭ ކަންކަމާއި ގުޅޭގޮތުން މަޝްވަރާތައް ކުރިއަށް ގެންގޮސްފައި އެވެ.