ސުޕްރީމު ކޯޓުގެ އަމުރަކަށް ބަލާ މައްސަލައަކަށް ރާއްޖޭ ޓީވީގެ ނޫސްވެރިއަކު ފުލުހުންގެ އިދާރާއަށް ހާޒިރުކުރާތީ ބްރޯޑްކާސްޓިން ކޮމިޝަނުން ކަންބޮޑުވުން ފާޅުކޮށްފި

October 26, 2013

ބްރޯޑްކާސްޓްކުރި ކޮންޓެންޓަކާ ގުޅިގެން، ރާއްޖޭ ޓީވީގެ ނޫސްވެރިއަކު ފުލުހުންގެ އިދާރާއަށް ހާޒިރުކުރުމަށް ޗިޓް ހަވާލުކުރުމާ ގުޅިގެން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބު މިއަދު ބޭއްވެވި މީޑިއާ ބްރީފިންގައި ފާހަގަކުރެއްވި މައިގަނޑު ނުކުތާތައް ތިރީގައި މި ވަނީ އެވެ.

  1. ރާއްޖޭ ޓީވީގެ ނޫސްވެރިއަކު ފުލުހުންގެ އިދާރާއަށް ހާޒިރުކުރުމަށް ޗިޓް ހަވާލުކުރިކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން، އެކަމުގެ ތަފްސީލް ހޯދުމަށް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ރިޔާޒަށް، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބު ފޯނުން ގުޅުއްވުމުން، އެ މައްސަލަ އަކީ ސުޕްރީމު ކޯޓުގެ އަމުރަކަށް ތަހުގީގު ކުރައްވާ މައްސަލައެއް ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިކަން.
  2. ރާއްޖެޓީވީން ފޮނުވި ރިޕޯޓެއްގެ މައްސަލަ ބަލައިދެއްވުން އެދި 21 އޮކްޓޯބަރ 2013 ގައި ބްރޯޑްކާސްޓިންގ ކޮމިޝަނަށް ސުޕްރީމް ކޯޓުން ސިޓީއަކުން އަންގާފައިވާކަން އަދި މި މައްސަލަ 10 ދުވަހުގެ ތެރޭގައި ބެލުމަށް ސުޕްރީމް ކޯޓުން އެދިވަޑައިގެންފައިވާކަން.
  3. ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 42 ވަނަ މާއްދާގެ (ނ) ގައި ވާގޮތުން ޝަކުވާ ރައްދުވާ ފަރާތަށް ޖަވާބުދާރީވުމަށް އެކަށީގެންވާ ފުރުސަތު ދޭންޖެހޭ ކަމަށާއި އަދި އެ ގާނޫނުގެ 43 ވަނަ މާއްދާގެ (ހ) ގައި ވާގޮތުން މައްސަލަތައް ބެލުމަށް މި ކޮމިޝަނަށް 2 މަސް ދުވަހުގެ މުއްދަތެއް ދީފައިވާތީ، ކޮމިޝަންގައި ޝަކުވާ ބެލުމަށް ކަނޑައަޅާފައިވާ އުސޫލުގެ ތެރެއިން މި މައްސަލަ ބަލައި ނިމުނުހާ އަވަހަކަށް އެކަން އަންގާނެ ވާހަކަ މި ކޮމިޝަނުން 24 އޮކްޓޯބަރ 2013ގައި ސުޕްރީމް ކޯޓަށް ދަންނަވާފައިވާކަން.
  4. ބްރޯޑްކާސްޓްކުރާ ކޮންޓެންޓާ ގުޅުން ހުރި މައްސަލަތައް ބެލުމަށް ހާއްސަ ދެ ޤާނޫނަކުން މިނިވަން 2 މުއައްސަސާ އުފައްދާފައިވަނިކޮށް، އެ ދެ ޤާނޫނު ފަހަނަޅައި، ބްރޯޑްކާސްޓްކުރި ކޮންޓެންޓެއްގެ މައްސަލަ ބެލުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ސުޕްރީމް ކޯޓުން އަމުރެއް ކުރެއްވުމުން އެކަމާ މި ކޮމިޝަނުން ވަރަށް ކަންބޮޑުވާކަން
  5.  މި ކަމުގެ ސަބަބުން ޤާނޫނު އަސާސީއިން ކަށަވަރުކޮށްދޭ ހިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އެޅޭ ކަމަށް މި ކޮމިޝަނުން ދެކޭ ކަމަށް
  6. ބްރޯޑްކާސްޓްކުރާ ކޮންޓެންޓެއްގެ ސަބަބުން އެއްވެސް ބްރޯޑްކާސްޓަރަކާ މެދު ފިޔަވަޅެއް އަޅާނަމަ އަޅަން ޖެހޭނީ ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 44 ވަނަ މާއްދާގެ ދަށުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުންކަން ވަރަށް ސާފުކޮށް އެނގެން އޮތްކަން.
  7. މި ކަންބޮޑުވުންތައް ފާޅުކޮށް ރައީސުލްޖުމްހޫރިއްޔާއަށާއި ސުޕްރީމްކޯޓަށާއި ރައްޔިތުންގެ މަޖިލީހަށް ސިޓީ ފޮނުވުމަށް ކޮމިޝަނުން ނިންމާފައިވާކަން
  8. މި ކޮންސަރން ނޫސްވެރިކަމުގެ މިނިވަންކަމަށް މަސައްކަތްކުރާ އިންޓަރނޭޝަނަލް އޯގަނައިޒޭޝަންތަކާ ހިއްސާކުރުމަށް މި ކޮމިޝަނުން ނިންމާފައިވާކަން
  9. ބްރޯޑްކާސްޓްކުރާ ކޮންޓެންޓަކާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ހާޒިރުކުރުމުގެ ބަދަލުގައި، އެކަން މި ކޮމިޝަނުން ބެލުމަށްފަހު، ނިންމި ގޮތެއް މޯލްޑިވްސް ޕޮލިސް ސަރވިސް އަށް އަންގާ ގޮތަށް އެއްބަސްވެ، މޯލްޑިވްސް ޕޮލިސް ސަރވިސް އާ އެކު މި ކޮމިޝަނުން އެމް.އޯ.ޔޫއެއްގައި މިދިޔަ އަހަރު ސޮއިކޮށްފައިވާކަން.