ޓެސްޓް ސިގްނަލް ފޮނުވުމުގެ ކުރީން ހުއްދައަށް އެދުމަށާއި ބްރޯޑްކާސްޓްކުރަން ފަށާ ތާރީހު އެންގުމަށް ކޮމިޝަނުން ހަނދާންކޮށްދީފި

July 23, 2013

ރާއްޖޭގައި އަލަށް ބްރޯޑްކާސްޓްކުރަން ފަށާ ފަރާތްތަކުން ބްރޯޑްކާސްޓް ޓެސްޓް ސިގްނަލް ފޮނުވުމުގެ ކުރީން ހުއްދައަށް އެދުމަށާއި އަދި ބްރޯޑްކާސްޓްކުރަން ފަށާ ތާރީހް ލިޔުމުން އެންގުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ހަނދާންކޮށްދީފިއެވެ.

ބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ 16 ވަނަ މާއްދާގައިވާގޮތުން ޓެސްޓް ސިގްނަލް ފޮނުވޭނީ، ޓެސްޓް ސިގްނަލްގައި ފޮނުވާނެ ކޮންޓެންޓާ ބެހޭ މަޢުލޫމާތާއި ޝެޑިއުލްއާއި މުއްދަތު ހުށަހަޅާ މިކަމަށްޓަކައި ކޮމިޝަނުން ދޫކުރާ ހުއްދައެއް ލިބިގެންނެވެ. ޓެސްޓް ސިގްނަލް ފޮނުވާއިރު ފޮނުވާ ކޮންޓެންޓްގެ ތެރޭގައި ޚަބަރާއި، ޚަބަރާގުޅޭ މަޢުލޫމާތާއި އިޢުލާނާއި އިޝްތިހާރު އަދި އާންމު މަޢުލޫމާތެއްވެސް ނުހިމެނުމަށް މި މައްދާގައިވެއެވެ.

މިހާތަނަށް ބްރޯޑްކާސްޓްކުރަން ފަށާފައިނުވާ ހުރިހާ ފަރާތްތައް މިކަމަށް ސަމާލުވެ، ބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ 16ވަނަ މާއްދާގައިވާގޮތުގެ މަތިން ޓެސްޓް ސިގްނަލް ފޮނުވުމަށާއި، ޓެސްޓް ސިގްނަލް ނިމި ބްރޯޑްކާސްޓްކުރަން ފަށާ ތާރީހުވެސް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ލިޔުމުން އެންގުމަށް ކޮމިޝަނުން ނެރެފައިވާ ސާރކިއުލާރގައި ފާހަގަކޮށްފައިވެއެވެ.