February 13, 2025
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ލައިސަންސް ދޫކޮށްގެން ހިންގާ ޗެނަލްތައް އާއްމުން ބަލާ/އަހާ މިންވަރު ދެނެގަތުމަށް އެ ރެކޯޑް ބެލެހެއްޓުމުގެ މަސައްކަތް ކުރުމަށް ކޮމިޝަނުން ނިންމައިފި އެވެ.
ކޮމިޝަނުން މި މަސައްކަތް ކުރުމަށް ނިންމާފައިވަނީ ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް މެދުވެރިކޮށް ބްރޯޑްކާސްޓިންގ ދާއިރާ ކުރިއެރުވުމަށް ކޮމިޝަނުން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށާއި އަދި ބްރޯޑްކާސްޓަރުން އުފައްދާ ކޮންޓެންޓް އިތުރަށް މުއްސަނދިކުރުމަށް އެފަދަ ރެކޯޑެއް ބެލެހެއްޓިފައި ހުރުމަކީ ކޮންމެހެން މުހިންމުކަމެއް ކަމަށް ދެކިގެންނެވެ. އަދި މި މައުލޫމާތަކީ ކޮމިޝަންގެ ޕޮލިސީތައް ބައްޓަން ކުރުމަށްވެސް މުހިންމު މައުލޫމާތެއްކަމަށް ކޮމިޝަނުންދެކެއެވެ.
އެހެން ކަމުން ދާއިރާގެ ކަމާގުޅޭ ފަރާތްތަކުން މި މައުލޫމާތު އެއްކުރުމަށް ނިންމައި އެމައުލޫމާތު ގަވައިދުން ފޯރުކޮށްދެއްވުމަށް އެފަރާތްތަކަށް ކޮމިޝަނުން ވަނީ އަންގާފައެވެ.
މިކަމާއި ގުޅޭ ގޮތުން ކޮމިޝަނުގެ ރައީސް ޞަފާ ޝަފީގު ވިދާޅުވީ “ވިއުވާ އެންގޭޖްމަންޓަކީ ބްރޯޑްކާސްޓަރުންނަށް ވަރަށް މުހިއްމު މައުލޫމާތެއް. އަދި އެކަމަށް ވަރަށް ރިކުއެސްޓް ކުރައްވަމުން ގެންދަވާ ކަމެއް. މި މައުލޫމާތާއި އެކު ޗެނަލްތަކުން ވިއުވާ އެންގޭޖްމަންޓަށް ބަލާ ކޮންޓެންޓް އުފައްދާ ތަރައްގީ ކުރެވޭނެ. ބެލުންތެރިން ބޭނުންވާ ގޮތަށް ޕްރޮގްރާމްތައް ބައްޓަން ކުރެވޭނެ. މިއީ މިހާރު ނިއު މީޑިއާގައިވެސް ހާމަކޮށް ފެންނަން ހުންނަ މައުލޫމާތު” އެވެ.
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ބްރޯޑްކާސްޓްކުރުމުގެ އަދި ރީބްރޯޑްކާސްޓްކުރުމުގެ ގަވާޢިދު ފަރުމާކޮށްފައިވަނީ މައިގަނޑުގޮތެއްގައި ލޯކަލް ކޮންޓެންޓް ކުރިއެރުވުމަށާއި އަދި ބައިނަލްއަޤްވާމީ ކޮންޓެންޓް އާންމުންނާއި ހަމައަށް ފޯރުކޮށްދިނުމަށް ކަމަށްވާއިރު، އާއްމުން ޗެނަލްތައް ބަލާ މިންވަރު ދެނެގަތުމަށް މިފަދަ ރިކޯޑެއް ބެލެހެއްޓުމަކީ ބްރޯޑްކާސްޓް މީޑިއާތަކުގެ ކޮންޓެންޓް އިތުރަށް ފުޅާކޮށް ބައްޓަންކުރަން އިތުރަށް ފަސޭހަވެގެންދާނެ ކަމެއްކަމަށް ކޮމިޝަނުންދެކެއެވެ