ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ބްރޯޑްކޮމް ރައީސްގެ މެސެޖް – 3 މެއި 2020

May 2, 2020

ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ބްރޯޑްކޮމް ރައީސްގެ މެސެޖް

3 މެއި 2020 ގައި ފާހަގަކުރާ މި އަހަރުގެ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ މީޑިއާތަކުގައި މަސައްކަތްކުރައްވާ އެއްމެހައި ފަރާތްތަކަށް ދުވަހުގެ ތަހުނިޔާއާއި މުބާރަކްބާދީ ދަންނަވަމެވެ. މި އަހަރުގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ޝިޢާރެއްގެ ގޮތުގައި ޔުނެސްކޯއިން ކަނޑައަޅުއްވާފައިވަނީ “ޖާނަލިޒަމް ވިދައުޓް ފިއަރ އޯ ފޭވަރ” ނުވަތަ “ބިރުވެރިކަމެއް ނުވަތަ ވަކި ފަރާތަކަށް ބުރަވުމެއް ނެތި ކުރެވޭ ނޫސްވެރިކަން” މިއެވެ.

މި އަހަރުގެ މި ދުވަސް އަޅުގަޑުމެންނާ ކުރިމަތިލަނީ އިންސާނީ ޙަޔާތުގައިވެސް މީގެ ކުރީން ކުރިމަތިވެފައި ނުވާ ފަދަ ބޮޑު ބަލިމަޑުކަމެއް މުޅި ދުނިޔެ ތަހައްމަލުކުރަމުންދާ ނާޒުކު ދަނޑިވަޅެއްގައެވެ. އެހެންކަމުން، ނޫސްވެރީންގެ މަސައްކަތްތައް ވެސް މި ދުވަސްވަރު ބައްޓަންކުރަންޖެހިފައި މި ވަނީ މި ވަބާއިން އިންސާނިއްޔަތު ސަލާމަތްކުރުމަށް ކުރެވޭ މަސައްކަތްތަކާ އެއް މިސްރާބަކަށެވެ.

ރާއްޖޭގައިވެސް ކޮވިޑް-19ގެ ބަލިމަޑުކަން ފެތުރެމުންދާއިރު ނޫސްވެރިންނަށް މިނިވަންކަމާއެކު މި ކަމުގެ ޚަބަރާއި މައުލޫމާތު ފެތުރުމަށް ފަހި ފުރުޞަތުތަކެއް ތަނަވަސްވެފައިވީ ނަމަވެސް، އެ ފުރުޞަތުގެ ބޭނުން ކުރަންވާނީ މި ކަމުގެ ޞައްޙަ މައުލޫމަތު ކަމާބެހޭ އިދާރާތަކުން ކަށަވަރުކުރުމަށް ފަހުގައިކަން ފާހަގަކުރަމެވެ. އަދި ދުނިޔޭގެ ސައެންޓިފިކް ކޮމިއުނިޓީއިން ރިސާޗްކޮށް ހާމަކުރާ މި ބަލީގެ އެންމެ ފަހުގެ މައުލޫމާތަށް ބުރަވެ ނޫސްވެރިކަން މި ދާއިރާގައި ފުޅާކުރުމަކީ މުހިއްމުކަމެއްކަމަށް ދެކެމެވެ.

މިހާރު ދުނިޔޭގައި އެކި މީޑިއާގެ ވަސީލަތްތަކުން އަދި ޚާއްޞަކޮށް މީސްމީޑިއާއިން ފެތުރެމުންދާ މައުލޫމާތުގެ ޞައްޙަކަން، ޔުނެސްކޯއިން ތައްޔަރުކޮށްފައިވާ ކޮވިޑް-19 ގެ އޮންލައިން ރިސޯސް ސެންޓަރ މެދުވެރިކޮށް ކަށަވަރުކުރެވޭނެ ނިޒާމެއް މިހާރު ޤާއިމުކޮށްފައިވުމާއެކު، އެ ނިޒާމުގެ ބޭނުން ހުރިހާ ނޫސްވެރިންވެސް ކުރުމަށް މި ފުރުޞަތުގައި ބާރުއަޅަމެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ރާއްޖެއަށް އައިސްފައިވާ އިޤްތިސާދީ ހީނަރުކަމުގެ ނުރަނގަޅު އަސަރު މީޑިއާތަކަށް ވެސް ކޮށްފައިވާ މިދަނޑިވަޅުގައި، ސަރުކާރުގެ ފަރާތުން މީޑިއާތަކަށް މާލީ އެހީތެރިކަން ފޯރުވައިދިނުމަށް ކުރައްވާ މަސައްކަތްތައް ފާހަގަކޮށް ޝުކުރުދަންނަވަމެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް މިއަދު ފާހަގަކުރާއިރު، އަޅުގަނޑުމެންގެ ޒުވާން ނޫސްވެރިންގެ ތެރެއިން ގެއްލުވާލައިފައިވާ ނޫސްވެރިޔާ، އަޙްމަދު ރިލްވާނާއި މަރާލައިފައިވާ ނޫސްވެރިޔާ، ޔާމީން ރަޝީދުގެ މަތީން ހަނދުމަކޮށް، އެ ފަރާތްތަކުގެ ޢާއިލާތަކަށް އިންސާފު އަދިވެސް ލިބިފައިނުވާކަން ހިތާމަޔާއެކު ފާހަގަކުރަމެވެ.

އަޅުގަނޑުގެ ދުޢާއަކީ ރާއްޖޭގެ ނޫސްވެރިކަމުގެ ވެށި މިނިވަންކަން މަތީ ދެމިއޮވެ، ޒިންމާދާރުކަމާއެކު ކުރެވޭ ޕްރޮފެޝަނަލް ނޫސްވެރިކަމެއް ކުރުމުގެ ބާރުވެރިކަން ރާއްޖޭގެ ހީވާގި ނޫސްވެރީންނަށް ލިބިގެން ދިއުމެވެ.

________________

3 މެއި 2020