ޒުވާނުންގެ ދުވަހާ ގުޅިގެން ބާއްވާ ނޫސްވެރިކަމުގެ ތަމްރީނު ޕްރޮގްރާމް ފަށައިފި

October 10, 2021

މިއަހަރުގެ ޒުވާނުންގެ ދުވަހާ ގުޅިގެން ބާއްވާ ނޫސްވެރިކަމުގެ ތަމްރީނު ޕްރޮގްރާމް މިއަދު ކުޅުދުއްފުށި ސިޓީގައި ފަށައިފިއެވެ.

މިއީ މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި ކުޅުދުއްފުށި ސިޓީ ކައުންސިލާ އަދި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން ގުޅިގެން ފަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ޒުވާނުންގެ ފަންނުވެރިކަން ކުރިއަރުވައި، މިދާއިރާގެ ވަޒީފާގެ ފުރުޞަތުތަކަށް އަހުލުވެރިކުރުވުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މި ތަމްރީނު ޕްރޮގްރާމް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި، މުޖުތަމައެއް ބިނާކުރުމަށް ނޫސްވެރިކަމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުވާލައްވައި، ރާއްޖޭގައި ނޫސްވެރިކަން ކުރިއެރުވުމަށް އިސްކަންދެއްވާކަމަށް ވިދާޅުވެ، ބްރޯޑްކާސްޓްކުރުމުގެ ދާއިރާގެ ކުރިމަގަށް ކޮމިޝަނުން ކުރުމަށް ކަނޑައަޅާ ކަންތައްތަކާމެދުވެސް ވާހަކަފުޅު ދެއްކެވިއެވެ.

ތަމްރީން ޕްރޮގްރްމާ ފަށްޓަވައިދެއްވުމުގެ ގޮތުން ފުރަތަމަ ސެޝަން ނަންގަވައިދެއްވީ ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާއެވެ. އަދި ކޮމިޝަންގެ ފަރާތުން ކޮމިޝަނަރ ޢަލީ ޔޫސުފާއި، ޑިރެކްޓަރ، ލީގަލް ޝާން ޞާލިޙް މުޙައްމަދު އަދި ގެސްޓް ލެކްޗަރަރއިންގެ ގޮތުގައި މުޙައްމަދު އާސިފް (މޮންދު) އަދި ޝައްމާން ޝާކިރު މި ޕްރޮގްރާމްގެ އެކި ސެޝަންތައް ނަންގަވައިދެއްވާނެއެވެ.