August 22, 2025
ނަންބަރު: (OTHR)427-BUR/427/2025/1
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ޗެނަލް 13 އަށް އަޅާފައިވާ ފިޔަވަޅާ ގުޅޭގޮތުންނާއި، މޯލްޑިވްސް ޖާރނަލިސްޓްސް އެސޯސިއޭޝަނުން ނެރެފައިވާ ނޫސް ބަޔާނާއި ގުޅޭގޮތުން ދަންނަވަން.
– ޗެނަލް 13ގެ 30 ޖަނަވަރީ 2025 ވަނަ ދުވަހު ބްރޯޑްކާސްޓްކުރި “އިރާދަން ޚަބަރުގެ ބޮޑު ރިޕޯޓް” ގައި ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާއި ޚިލާފުވާ ކޮންޓެންޓް ހުރިކަން ކޮމިޝަނަށް ފާހަގަ ކުރެވުމުން ކޮމިޝަންގެ އިސްނެގުމަށް އެ މައްސަލަ ބަލަން ނިންމުނު.
– ކޮމިޝަންގެ އިސްނެގުމަށް މައްސަލަ ބެލުމަކީ ޤާނޫނު ނަންބަރު 2010/16 (ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު)ގެ ދަށުން މި ކޮމިޝަންގެ މައްޗަށް މަތިކޮށްފައިވާ ޤާނުނީ ޒިންމާއެއްކަމުން އެ އުސޫލުން މައްސަލަ ބަލައި ފިޔަވަޅު އަޅަންޖެހޭކަމަށް ފެންނަ ކޮންޓެންޓާއި ގުޅޭގޮތުން ފިޔަވަޅު އެޅުމަކީ މި ކޮމިޝަނުން އަބަދުވެސް ކުރަމުން އަންނަ ކަމެއް.
– އެގޮތުން ޗެނަލް 13 އިން 30 ޖަނަވަރީ 2025 ވަނަ ދުވަހު ބްރޯޑްކާސްޓްކުރި “އިރާދަން ޚަބަރުގެ ބޮޑު ރިޕޯޓް” ގެ ކޮންޓެންޓް ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ތިންވަނަ ހަމައިގެ (1)، ފަސްވަނަ ހަމައިގެ (1) ވަނަ ނަންބަރު އަދި ފަސްވަނަ ހަމައިގެ (4) ވަނަ ނަންބަރާ ޚިލާފަށް ބްރޯޑްކާސްޓްކޮށްފައިވާތީ، ޤާނޫނު ނަންބަރު 2010/16 (ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު) ގެ 44 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރުގެ ދަށުން މަޢާފަށް އެދި ބަޔާނެއް ނެރުމަށާއި، އެއްވެސް ޝަރުތެއް ނެތި މި ބަޔާން 19 އޮގަސްޓް 2025 ވާ އަންގާރަ ދުވަހުގެ ކުރިން، އެއް ރޭ 08:00 އާއި 09:00 އާ ދެމެދުގެ ވަގުތެއްގައި ޗެނަލް 13 އިން ޢާންމުކޮށް ބްރޯޑްކާސްޓްކުރުމަށާއި،
– ޗެނަލް 13 އިން 30 ޖަނަވަރީ 2025 ގައި ބްރޯޑްކާސްޓްކުރި (އިރާދަން ޚަބަރުގެ ބޮޑު ރިޕޯޓް) ގެ ކޮންޓެންޓް ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 44 ވަނަ މާއްދާގެ (ނ) ގައި ” ބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ދިނުމުގެ ލައިސަންސް ދޫކޮށްފައިވާ ފަރާތަކުން ޤާނޫނާއި ޤަވާއިދާ ޚިލާފުވަމުންދާނަމަ، އަދި އެކަން ރަނގަޅުކުރުމަށް އެންގުމުން ރަނގަޅުނުކޮށްފިނަމަ، އެފަރާތެއްގެ ޕްރޮގްރާމް ޝެޑިއުލުން ބައެއް ވަގުތީގޮތުން މެދުކަނޑާލުމަށް އެންގުމުގެ އިޚްތިޔާރު ކޮމިޝަނަށް ލިބިފައިވާތީ އާއި ޗެނަލް 13 އިން އެއް ބާވަތެއްގެ ކުށް ތަކުރާރުކޮށް ކުރަމުން ގެންދާތީ ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 44 ވަނަ މާއްދާގެ (ނ) ގެ ދަށުން ޗެނަލް 13 ގެ ޕްރޮގްރާމްޝެޑިއުލުން އެއް ރޭ 08:00 ން 09:00 އަށް މެދުކަނޑާލުމަށް އެންގުމަށް މި ކޮމިޝަނުން 6 ޖުލައި 2025 ވަނަ ދުވަހު ވަނީ ނިންމާފައި.
– 6 ޖުލައި 2025 ވަނަ ދުވަހުގެ ނިންމުމާއި އެއްގޮތަށް މައްސަލައިގެ ރިޕޯޓް ތައްޔާރުކޮށް 11 އޮގަސްޓް 2025 ވަނަ ދުވަހު މި އިދާރާގެ ފަރާތުން ޗެނަލް 13 އަށް އެކަންވާނީ އަންގާފައި. އެގޮތުން އަންގާ ތާރީޚުން ފެށިގެން ރަސްމީ 7 ދުވަހުގެ މުއްދަތެއް ޗެނަލް 13 އަށް ދީ، 21 އޮގަސްޓް 2025 ވަނަ ދުވަހުގެ ރޭ 08:00 ން 09:00 އަށް ޕްރޮގްރާމް ޝެޑިއުލް މެދުކަނޑާލުމަށް ވާނީ އަންގާފައި. ނަމަވެސް އެ އެންގުމާއި ގުޅިގެން ޗެނަލް 13 ގެ ފަރާތުން އެއްވެސް މުއާމަލާތެއް މި ކޮމިޝަނާއި ކޮށްފައި ނުވާކަން ފާހަގަ ކުރަން.
– ކޮމިޝަނުން މިގޮތަށް ނިންމާ ނިންމުންތަކާއި، އަމަލުކުރުމަށް އަންގާއެންގުތަކުގެ ލިޔެކިޔުން ނުލިބޭކަމަށް ބުނުމަކީ މީގެކުރިންވެސް ޗެނަލް-13އިން ތަކުރާރުކޮށްފައިވާ ކަންކަން ކަމުގައި މިފުރުސަތުގައި ފާހަގަކުރަން. އަދި ހަމަ މިއާއެކު 11 އޮގަސްޓްގައި އެންގި އެންގުމަށް އަމަލުކުރޭތޯ ކަށަވަރުކުރުމަށް މިކޮމިޝަނުން 21 އޯގަސްޓްގައި ޗެނަލް 13 ގެ އިސްވެރިންނަށް ގުޅުމުން އެ އެންގުން ލިބިފައިނުވާކަމަށް ބުނެ، އެންގުމާއި ޚިލާފަށް އެޗެނަލުން ވަނީ އަމަލުކޮށްފައި.
– 21 އޮގަސްޓް 2025 ވަނަ ދުވަހުގެ ރޭ 08:00 އިން 09:00 އަށް ޕްރޮގްރާމް ޝެޑިއުލް މެދުކަނޑާލުމަށް އެންގި އެންގުމާއި އެ ޗެނަލުން ޚިލާފުވުމުން އެކަމާއި ގުޅިގެން ކޮމިޝަނުން ޤާނޫނީ ފިޔަވަޅު އަޅާނެކަމުގެ އެންގުމެއް ކޮމިޝަންގެ ސޯޝަލް މީޑިއާގައި ހިއްސާ ކުރުމުން ބައެއް މީޑިއާތަކުންނާއި މޯލްޑިވްސް ޖާރނަލިސްޓްސް އެސޯސިއޭޝަނުން މި ކޮމިޝަންގެ އިސްވެރިންނަށް ގުޅައި ކަންހިނގާފައިވާ ގޮތުގެ ތަފްސީލް މަޢުލޫމާތު ހޯއްދެވިކަން އުފަލާއެކު ފާހަގަ ކުރަން.
– ނަމަވެސް، މޯލްޑިވްސް ޖާރނަލިސްޓްސް އެސޯސިއޭޝަނުން ކަމުގެ ހަޤީގަތް އެނގިތިބެ، މި ކޮމިޝަނުގެ ނަން ކިލަނބުކޮށް، ކޮމިޝަންގެ މުސްތަގިއްލުކާމާއިމެދު އާންމުންގެ މެދުގައި ނުރަނގަޅު ތަސައްވުރެއް އުފެދޭގޮތަށް މަޢުލޫމާތު ހާމަކޮށްފައިވާކަން ހިތާމައާއި އެކު ފާހަގަކުރަން.
– މޯލްޑިވްސް ޖާރނަލިސްޓްސް އެސޯސިއޭޝަނަކީ މިނިވަންކަމާއި އެކު ވަކި ފަރާތަކަށް ބުރަނުވެ، ތެދުވެރި، މިނިވަން، ޒިންމާދާރު ނޫސްވެރިކަމަށް ހިތްވަރުދޭ ބަޔަކަށް ވާންޖެހޭނެ ކަމަށް މި ކޮމިޝަނުން ދެކެން. ނަމަވެސް، މިކަންކަމަށް އިސްކަންނުދީ، ކޮމިޝަނުން ހިއްސާކުރި މުހިންމު މަޢުލޫމާތުތަކެއް ނުހިމަނައި އެމްޖޭއޭއިން ބަޔާނެއް އާންމުކުރި ކުރުން މި ކޮމިޝަނުން ކުށްވެރިކުރަން.
– މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނަކީ ބައިނަލްއަޤްމީ އެކި ޖަމާއަތްތަކާއިއެކު ގާތް ގުޅުމެއް ބާއްވާ އަދި މީޑިއާގެ ތަފާތު ޖަމިއްޔާތަކުގެ މެމްބަރު ކަންވެސް ކުރަމުން އަންނަ ކޮމިޝަނަކަށް ވީ ހިނދު މި ކޮމިޝަނަކީ ބައިނަލްއަޤްވާމީ ބެސްޓްޕްރެކްޓިސް އާއި އެއްގޮތަށް މަސައްކަތްކުރަމުން އަންނަ އިދާރާއެއް. އަދި ދިވެހި ރާއްޖޭގެ ބްރޯޑްކާސްޓިން ދާއިރާގައި ހަރާކާތްތެރިވާ ފަރާތްތަކާއި އާންމު މުޖުތަމަޢުގެ މަސްލަހަތު ހިމާޔަތް ކުރުމަކީ މި ކޮމިޝަނުން އެންމެ ބޮޑު އިސްކަމެއް ދޭ ކަންތައްކަމުގައި ދަންނަވަން. އަދި މި ކޮމިޝަނުން މިހާތަނަށްވެސް، އަދި ދެންވެސް މަސައްކަތް ކުރަމުންދާނީ އެއްވެސް ފަރާތެއްގެ ނުފޫޒަކަށް ލެނބުމެއް ނެތި، މިނިވަން، މުސްތަޤިއްލު ކޮމިޝަނެއްގެ ގޮތުގައިކަމުގެ ޔަޤީންކަން، އެންމެހައި ފަރާތްތަކަށް އަރުވަން.
28 ޞަފަރު 1447
22 އޮގަސްޓް 2025