July 15, 2025
ޝަކުވާ ނަމްބަރު: IMCAC-01/2025
ޝަކުވާ ހުށަހެޅި ތާރީޙް: 02 ފެބްރުވަރީ 2025
ހުލާސާ: މިއީ، ރާއްޖެ ޓީވީއިން 26 ޖަނަވަރީ 2025 ގައި ބްރޯޑްކާސްޓްކުރި (“ދިވެހިން ހަމަ ފުނޑިއްޖެއޭ، މިވަރުން ދެން ފުދިއްޖެއޭ” ) ލަވަ ކޮންޓެންޓް ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ ޚިލާފްވާ ކަމަށް ބެލެވޭ ކަމަށް ފާހަގަކޮށް ކޮމިޝަންގެ އިސްނެގުމުގެ މަތީން ބަލަމުންދިޔަ މައްސަލައެކެވެ.
ނިންމި ގޮތް:
ރާއްޖެ ޓީވީއިން 26 ޖަނަވަރީ 2025 ގައި ބްރޯޑްކާސްޓްކުރި “ދިވެހިން ހަމަ ފުނޑިއްޖެއޭ، މިވަރުން ދެން ފުދިއްޖެއޭ” ލަވަގެ ކޮންޓެންޓް ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ ޚިލާފްވާ ކަމަށް ބެލެވޭކަމަށް ފާހަގަކޮށް އިންޓަރނަލް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ މި ޝަކުވާއާ ގުޅިގެން، ޤާނޫނީ ހަމަތަކުގެ މަތިން ތަޙްޤީގުގެ އެންމެހައި އިޖުރާޢަތުތައް ފުރިހަމަކޮށް މައްސަލައިގެ ތަޙުޤީގަށް ލިބިފައިވާ މަޢުލޫމާތަށް ނަޒަރުކުރާއިރު،
މި މައްސަލައިގައި، ވަކިފަރާތަކަށް ބުރަނުވެ މުސްތަޤިއްލު ތަޙްޤީގެއް ކުރުމުގެގޮތުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި ކަމާބެހޭ ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ އެންމެހާ ޙައްޤުތައް މައްސަލަ ރައްދުވި ފަރާތަށް ލިބިދެވުނުކަން ކަށަވަރުކޮށް، މައްސަލަ ރައްދުވާ ރާއްޖެ ޓެލެވިޜަން ޕްރައިވެޓް ލިމިޓެޑަށް ޖަވާބުދާރިވުމަށް އެކަށީގެންވާ ފުރުޞަތު ދީފައިވާކަމާއި،
ރާއްޖެ ޓެލެވިޜަން ޕްރައިވެޓް ލިމިޓެޑަށް މައްސަލައަށް ޖަވާބުދާރީވުމަށް ދަންނަވައި ފޮނުވި ކޮމިޝަންގެ ސިޓީތަކާއި ގުޅިގެން އެ ސްޓޭޝަނުން ކޮމިޝަނަށް ފޮނުވި ނަންބަރު RTV-OG/25/002 (24 ފެބްރުވަރީ 2025) ސިޓީ އަދި ނަންބަރު RTV-OG/25/005 (13 މާރިޗ 2025) ސިޓީއަށް ނަޒަރުކުރާއިރު ޝަކުވާގައި ފާހަގަކޮށްފައިވާ ކޮންޓެންޓާ ގުޅިގެން މައްސަލައަށް އިންކާރުކޮށް ޖަވާބުދާރީވެފައިނުވާކަމާއި،
ރާއްޖެ ޓީވީގެ ސިޓީތަކުގައި މި މައްސަލައާއި ގުޅޭގޮތުން، ތަފާތު ސުވާލުތައް ކޮމިޝަނާއި ކުރިމަތިކޮށްފައި ވީނަމަވެސް، ރާއްޖެ ޓީވީއިން 26 ޖަނަވަރީ 2025 ގައި ބްރޯޑްކާސްޓްކުރި “ދިވެހިން ހަމަ ފުނޑިއްޖެއޭ، މިވަރުން ދެން ފުދިއްޖެއޭ” ލަވައިގެ ފާހަގަކޮށްފައިވާ ކޮންޓެންޓް ކޯޑް އޮފް ޕްރެކްޓިސްގެ ފަސްވަނަ ހަމައިގެ (1) ވަނަ ނަންބަރާއި ފަސްވަނަ ހަމައިގެ (4) ވަނަ ނަންބަރާއި ޚިލާފްވާކަމަށް ކޮމިޝަނަށް ސާބިތުވާތީ، މިއީ ރާއްޖެ ޓެލެވިޜަން ޕްރައިވެޓް ލިމިޓެޑުން މި މައްސަލައިން ބަރީޢަވެވޭނެ ހުއްޖަތެއް ނޫން ކަމަށާއި،
ރާއްޖެ ޓީވީއިން 26 ޖަނަވަރީ 2025 ގައި ބްރޯޑްކާސްޓްކުރި (“ދިވެހިން ހަމަ ފުނޑިއްޖެއޭ، މިވަރުން ދެން ފުދިއްޖެއޭ” ލަވައިގެ ކޮންޓެންޓް ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ފަސްވަނަ ހަމައިގެ (1) ވަނަ ނަންބަރު “ޚަބަރާ ކަރަންޓް އެފެއާޒް ގެނެސްދިނުމުގައި، ވަކި ފަރާތަކަށް ބުރަވުމެއްނެތި، ހަމަހަމަ ކަމާއެކު ގެނެސްދިނުމަށް އިސްކަންދީ ތެދު މަޢުލޫމާތު ފެތުރުމަށް މަސައްކަތްކުރުން” އަދި ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ފަސްވަނަ ހަމައިގެ (4) ވަނަ ނަންބަރު “ކަމެއް ހިނގިގޮތް ސާބިތު ނުވާ ހާލަތެއްގައި، އެކަމެއް ހިނގިކަމަށް ލިބޭ މަޢުލޫމާތު ހާމަކުރާއިރު މުޢުތަބަރުކަމަށް ޔަޤީންކުރެވޭ މަސްދަރެއްގެ މައްޗަށް ބިނާކޮށް އެކަމެއް ގެނެސްދިނުން” އާ ޚިލާފު ކޮންޓެންޓް ބްރޯޑްކާސްޓްކޮށްފައިވާކަމަށް ތަޙްގީޤަށް ސާބިތުވާކަމަށް ކަނޑައަޅައި،
ކޯޑް އޮފް ޕްރެކްޓިސްގެ ފަސްވަނަ ހަމައިގެ (1) ވަނަ ނަންބަރު އަދި ފަސްވަނަ ހަމައިގެ (4) ވަނަ ނަންބަރާއި ޚިލާފް ކޮންޓެންޓް ރާއްޖެ ޓެލެވިޜަން ޕްރައިވެޓް ލިމިޓެޑް އިން ބްރޯޑްކާސްޓްކޮށްފައިވާތީ، “ދިވެހިން ހަމަ ފުނޑިއްޖެއޭ، މިވަރުން ދެން ފުދިއްޖެއޭ” ލަވަ ބްރޯޑްކާސްޓްކުރާނަމަ، ކޯޑް އޮފް ޕްރެކްޓިސްއާ ޚިލާފްވާ ކޮންޓެންޓެއް އޮންއެއަރވުމުގެ ފުރުސަތު ނުދިނުމަށްޓަކައި، ފާހަގަކޮށްފައިވާ ކޮންޓެންޓު އުނިކޮށްގެން މެނުވީ ޙަވާލާދީފައިވާ ލަވަ ބްރޯޑްކާސްޓްނުކުރުމަށް ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 44 ވަނަ މާއްދާގެ (ހ)ގެ 4 ވަނަ ނަންބަރުގެ ދަށުން ރާއްޖެ ޓެލެވިޜަން ޕްރައިވެޓް ލިމިޓެޑަށް އެންގުމަށާއި،
ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި، ބްރޯޑްކާސްޓްކުރުމުގެ ޤަވާއިދު އަދި ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ހަމަތަކާ އެއްގޮތްވާގޮތުގެ މަތިން ރާއްޖެ ޓީވީގެ ޕްރޮގްރާމްތައް ކުރިމަގުގައި ބައްޓަންކުރުމަށާއި، ކޮންޓެންޓު ފޮނުވުމުގައި އިތުރަށް ސަމާލުވުމަށާއި، ކޮމިޝަނުން އަންގާ އެންގުތަކަށް ފުރިހަމައަށް އެއްބާރުލުން ދިނުމަށް، ޤާނޫނު ނަންބަރު 2010/16 (ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު) ގެ 44 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގެ ދަށުން ރާއްޖެ ޓެލެވިޜަން ޕްރައިވެޓް ލިމިޓެޑަށް އިލްތިމާސްކޮށް ނަސޭހަތްތެރިވުމަށާއި އިތުރަށް މިކަން ތަކުރާރުނުކުރުމަށް އެންގުމަށް މައްސަލަ ބެލި ޖަލްސާގެ ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުން މައްސަލަ ނިންމިއެވެ.
___________________________________________________
25 ޖޫން 2025