ޝަކުވާ ނިންމި ގޮތުގެ ބަޔާން (IMCAC-02/2024)

July 15, 2025

ޝަކުވާ ނަމްބަރު: IMCAC-02/2024

 ޝަކުވާ ހުށަހެޅި ތާރީޙް: 08 އޮކްޓޫބަރު 2024

 

ހުލާސާ: މިއީ، 07 އޮކްޓޫބަރު 2024 ވަނަ ދުވަހުގެ ރޭ 23:00 ގައި ޗެނަލް 13 އިން ބްރޯޑްކާސްޓްކުރި “ބެލްކަނި” ނަމަކަށް ކިޔާ ޕްރޮގްރާމްގެ ކޮންޓެންޓް ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް އާ ޚިލާފްވާކަމަށް ފާހަގަކުރެވިފައިވާތީ، ކޮމިޝަންގެ އިސްނެގުމުގެ މަތިން ބަލަމުންދިޔަ މައްސަލައެކެވެ.

 

ނިންމި ގޮތް: 07 އޮކްޓޫބަރު 2024 ވަނަ ދުވަހުގެ ރޭ 23:00 ގައި ޗެނަލް 13 އިން ބްރޯޑްކާސްޓްކުރި “ބެލްކަނި” ނަމަކަށް ކިޔާ ޕްރޮގްރާމްގެ ކޮންޓެންޓް ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް އާ ޚިލާފްވާކަމަށް ފާހަގަކުރެވި، ކޮމިޝަނުން ބަލާފައިވާ ނަންބަރު IMCAC-02/2024 މައްސަލައިގައި، ޤާނޫނީ ހަމަތަކުގެ މަތިން ތަޙްޤީގުގެ އެންމެހައި އިޖުރާޢަތުތައް ފުރިހަމަކޮށް މައްސަލައިގެ ތަޙުޤީގަށް ލިބިފައިވާ މަޢުލޫމާތަށް ނަޒަރުކުރާއިރު،

 

މި މައްސަލައިގައި، ވަކިފަރާތަކަށް ބުރަނުވެ މުސްތަޤިއްލު ތަޙްޤީޤެއް ކޮމިޝަނުން ކުރުމުގައި ތަޙްޤީޤު ކުރެވެމުންދާއިރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި ކަމާބެހޭ ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ އެންމެހާ ޙައްޤުތައް މައްސަލަ ރައްދުވި ފަރާތަށް ލިބިދެވުނުކަން ކަށަވަރުކުރުމުގެގޮތުން، މައްސަލަ ރައްދުވާ މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑަށް ޖަވާބުދާރިވުމަށް ދިން ފުރުޞަތު އެފަރާތުން މައްސަލައަށް ޖަވާބުދާރީވެފައިވާކަމާއި،

 

07 އޮކްޓޫބަރު 2024 ވަނަ ދުވަހުގެ ރޭ 23:00 ގައި ޗެނަލް 13 އިން ބްރޯޑްކާސްޓްކުރި “ބެލްކަނި” ނަމަކަށް ކިޔާ ކޮންޓެންޓްގެ މައްސަލައިގެ ލިޔެކިއުންތަކަށް ރިއާޔަތްކުރާއިރު، ޙަވާލާދީފައިވާ ކޮންޓެންޓް ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ތިންވަނަ ހަމައިގެ (1) “މީހެއްގެ ނުވަތަ ބައެއްގެ ހުރުމަތް ކެނޑިދާފަދަ ނުވަތަ އިއްޒަތާއި ގަދަރަށް އުނިކަމެއް އަތުވެދާނެފަދަ ނުވަތަ ނިކަމެތިކަމެއް ލިބިދާނެ ބަސްތަކާއި މަންޒަރާއި އަޑު ބްރޯޑްކާސްޓްނުކުރުން”، ތިންވަނަ ހަމައިގެ (3) “ފަރުދުންގެ ޒާތީ މަޢުލޫމާތު ހާމަކުރާއިރު ހުއްދަނެތި ރިކޯޑުކޮށްފައިވާ މަޢުލޫމާތު ބޭނުންނުކުރުމާ އަދި ޙަޤީޤަތް އޮޅިގެންނުދާ ގޮތަށް ބްރޯޑްކާސްޓްކުރުން”، އަދި ފަސްވަނަ ހަމައިގެ (4) “ކަމެއް ހިނގިގޮތް ސާބިތުނުވާ ޙާލަތެއްގައި، އެކަމެއް ހިނގިކަމަށް ލިބޭ މަޢުލޫމާތު ހާމަކުރާއިރު މުޢުތަބަރުކަމަށް ޔަޤީންކުރެވޭ މަސްދަރެއްގެ މައްޗަށް ބިނާކޮށް އެކަމެއް ގެނެސްދިނުން” އާ ޚިލާފުވާ ކަމަށް ކޮމިޝަންގެ ތަޙުޤީޤަށް ސާބިތުވާކަމަށް ކަނޑައަޅައި،

 

ކޯޑް އޮފް ޕްރެކްޓިސްގެ ތިންވަނަ ހަމައިގެ (1) ވަނަ ނަންބަރު، ތިންވަނަ ހަމައިގެ (3) ވަނަ ނަންބަރު އަދި ފަސްވަނަ ހަމައިގެ (4) ވަނަ ނަންބަރާއި ޚިލާފް ކޮންޓެންޓް މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑްގެ “ޗެނަލް 13” އިން ބްރޯޑްކާސްޓްކޮށްވާތީ،  ޗެނަލް 13ގެ ޕްރޮގްރާމްތައް ކޯޑް އޮފް ޕްރެކްޓިސްގެ ހަމަތަކާ އެއްގޮތްވާގޮތުގެ މަތިން ކުރިމަގުގައި ބައްޓަންކުރުމަށާއި، ކޮންޓެންޓުތައް ފޮނުވުމުގައި އިތުރަށް ސަމާލުވުމަށާއި، ކޮމިޝަނުން އަންގާ އެންގުތަކަށް ފުރިހަމައަށް އެއްބާރުލުން ދިނުމަށް، ޤާނޫނު ނަންބަރު 2010/16 (ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު) ގެ 44 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގެ ދަށުން މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑަށް އިލްތިމާސްކޮށް ނަސޭހަތްތެރިވުމަށާއި،

 

ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ތިންވަނަ ހަމައިގެ (1)، ތިންވަނަ ހަމައިގެ (3)، އަދި ފަސްވަނަ ހަމައިގެ (4) ވަނަ ނަންބަރާ ޚިލާފުވާ، ޗެނަލް 13ގެ 07 އޮކްޓޫބަރު 2024 ވަނަ ދުވަހުގެ ރޭ 23:00 ގައި ގެނެސްދިން “ބެލްކަނި” ނަމަކަށް ކިޔާ ޕްރޮގްރާމްގެ ކޮންޓެންޓް ބްރޯޑްކާސްޓްކޮށްފައިވާތީ، ޤާނޫނު ނަންބަރު 2010/16 (ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު) ގެ 44 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރުގެ ދަށުން މަޢާފަށް އެދި ބަޔާނެއް ނެރުމަށާއި، އެއްވެސް ޝަރުތެއް ނެތި މި ބަޔާން 20 ޖުލައި 2025 ވާ އާދިއްތަ ދުވަހުގެ ކުރިން، އެއް ރޭ 08:00 އާއި 09:00 އާ ދެމެދުގެ ވަގުތެއްގައި ޗެނަލް 13 އިން ޢާންމުކޮށް ބްރޯޑްކާސްޓްކުރުމަށާއި،

 

ކޯޑް އޮފް ޕްރެކްޓިސްއާ ޚިލާފްވާ ކޮންޓެންޓެއް އޮންއެއަރވުމުގެ ފުރުސަތު ކުރިމަގުގައި ނުދިނުމަށްޓަކައި، ފާހަގަކޮށްފައިވާ ކޮންޓެންޓު (ޗެނަލް 13ގެ 07 އޮކްޓޫބަރު 2024 ވަނަ ދުވަހުގެ ރޭ 23:00 ގައި ގެނެސްދިން “ބެލްކަނި” ނަމަކަށް ކިޔާ ޕްރޮގްރާމްގެ ކޮންޓެންޓް) އިން އުނިކޮށްގެން މެނުވީ އެ ކޮންޓެންޓް ބްރޯޑްކާސްޓް ނުކުރުމަށް ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 44 ވަނަ މާއްދާގެ 4ގެ ދަށުން މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑަށް އެންގުމަށާއި،

 

ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ހަމަތަކާއި ޚިލާފްވާގޮތަށް ތަކުރާރުކޮށް ކޮންޓެންޓް ބްރޯޑްކާސްޓްކުރަމުންދާނަމަ، ނުވަތަ މިފަދަ ކަމެއް ދެން ތަކުރާރުކޮށްފިނަމަ އެ މައްސަލައިގެ ޒާތަށާއި، ޚައްޞާޞް ކަމަށް ބަލައި ޤާނޫނާއި ގަވާއިދުގެ އިމުތެރެއިން ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 44 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގެ ދަށުން، މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑަށް ދިނުމަށް މި މައްސަލަ ބެލި ކޮމިޝަނުގެ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން މައްސަލަ ނިންމީއެވެ.

 

6 ޖުލައި 2025