ޝަކުވާ ނިންމި ގޮތުގެ ބަޔާން (IMCAC-02/2025)

August 13, 2025

ޝަކުވާ ނަމްބަރު: IMCAC-02/2025

ޝަކުވާ ހުށަހެޅި ތާރީޙް: 10 ފެބްރުވަރީ 2025

ހުލާސާ: މިއީ، ޗެނަލް 13 އިން 30 ޖަނަވަރީ 2025 ގައި ބްރޯޑްކާސްޓްކުރި (އިރާދަން ޙަބަރުގެ ބޮޑު ރިޕޯޓް) ކޮންޓެންޓް ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ ޚިލާފްވާ ކަމަށް ބެލެވޭ ކަމަށް ފާހަގަކޮށް ކޮމިޝަންގެ އިސްނެގުމުގެ މަތީން ބަލާފައިވާ މައްސަލައެކެވެ.

ނިންމި ގޮތް:

ޗެނަލް  13 އިން 30 ޖެނުއަރީ 2025 ގައި ބްރޯޑްކާސްޓްކުރި (އިރާދަން ޚަބަރުގެ ބޮޑު ރިޕޯޓް) ކޮންޓެންޓް ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް އާ ޚިލާފްވާ ކަމަށް ބެލެވޭކަމަށް ފާހަގަކޮށް އިންޓަރނަލް މައްސަލައެއްގެ ގޮތުގައި ބަލައިފައިވާ މި ޝަކުވާއާ ގުޅިގެން ޤާނޫނީ ހަމަތަކުގެމަތިން ތަޙްޤީޤްގެ އެންމެހައި އިޖުރާޢަތުތައް ފުރިހަމަކޮށް މައްސަލައިގެ ތަޙްޤީޤަށް ލިބިފައިވާ މަޢުލޫމާތުތަކަށް ނަޒަރުކުރާއިރު؛

މި މައްސަލައިގައި، ވަކިފަރާތަކަށް ބުރަނުވެ މުސްތަޤިއްލު ތަޙްޤީޤެއް ކުރުމުގެގޮތުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި ކަމާބެހޭ ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ އެންމެހާ ޙައްޤުތައް މައްސަލަ ރައްދުވި ފަރާތަށް ލިބިދެވުނުކަން ކަށަވަރުކޮށް، މައްސަލަ ރައްދުވާ މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑަށް ޖަވާބުދާރިވުމަށް ފުރުޞަތު ދީފައިވާކަމާއި،

މީޑީއާ ރިންގް ޕްރައިވެޓް ލިމިޓެޑް އިން މައްސަލައަށް ޖަވާބުދާރީވެފައިނުވާތީ މައްސަލަ ބަލާފައިވަނީ އެފަރާތުގެ ބަސް ނުހިމަނައިކަމުގައި ވީނަމަވެސް،

ޗެނަލް 13 އިން 30 ޖަނަވަރީ 2025 ގައި ބްރޯޑްކާސްޓްކުރި (އިރާދަން ޚަބަރުގެ ބޮޑު ރިޕޯޓް) ކޮންޓެންޓް ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ 3 ވަނަ ހަމައިގެ (1) ” މީހެއްގެ ނުވަތަ ބައެއްގެ ހުރުމަތް ކެނޑިދާފަދަ، ނުވަތަ އިއްޒަތާ ޤަދަރަށް އުނިކަމެއް އަތުވެދާފަދަ ނުވަތަ ނިކަމެތިކަމެއް ލިބިދާނެ ބަސްތަކާ، މަންޒަރާ އަޑު ބްރޯޑްކާސްޓް ނުކުރުން”، ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ފަސްވަނަ ހަމައިގެ (1) “ޚަބަރާ ކަރަންޓް އެފެއާޒް ގެނެސްދިނުމުގައި، ވަކި ފަރާތަކަށް ބުރަވުމެއްނެތި، ހަމަހަމަ ކަމާއެކު ގެނެސްދިނުމަށް އިސްކަންދީ ތެދު މަޢުލޫމާތު ފެތުރުމަށް މަސައްކަތްކުރުން”، އަދި ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ  ފަސްވަނަ ހަމައިގެ (4) “ކަމެއް ހިނގިގޮތް ސާބިތުނުވާ ޙާލަތެއްގައި، އެކަމެއް ހިނގިކަމަށް ލިބޭ މަޢުލޫމާތު ހާމަކުރާއިރު މުޢުތަބަރުކަމަށް ޔަޤީންކުރެވޭ މަސްދަރެއްގެ މައްޗަށް ބިނާކޮށް އެކަމެއް ގެނެސްދިނުން” އާ ޚިލާފު ކޮންޓެންޓް ބްރޯޑްކާސްޓްކޮށްފައިވާކަމަށް ތަޙުޤީޤަށް ސާބިތުވާކަމަށް ކަނޑައަޅައި،

ޗެނަލް 13 އިން  30 ޖެނުއަރީ 2025 ގައި ބްރޯޑްކާސްޓްކުރި (އިރާދަން ޚަބަރުގެ ބޮޑު ރިޕޯޓް) ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ 3 ވަނަ ހަމައިގެ (1)، ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ފަސްވަނަ ހަމައިގެ (1)  އަދި ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ  ފަސްވަނަ ހަމައިގެ (4) ވަނަ ނަންބަރާއި ޚިލާފް ކޮންޓެންޓް މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑްގެ “ޗެނަލް 13” އިން ބްރޯޑްކާސްޓްކޮށްފައިވާތީ، ޗެނަލް 13ގެ ޕްރޮގްރާމްތައް ކޯޑް އޮފް ޕްރެކްޓިސްގެ ހަމަތަކާ އެއްގޮތްވާގޮތުގެ މަތިން ކުރިމަގުގައި ބައްޓަންކުރުމަށާއި، ކޮންޓެންޓުތައް ފޮނުވުމުގައި އިތުރަށް ސަމާލުވުމަށާއި، ކޮމިޝަނުން އަންގާ އެންގުތަކަށް ފުރިހަމައަށް އެއްބާރުލުން ދިނުމަށް ޤާނޫނު ނަންބަރު 2010/16 (ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު) ގެ 44 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގެ ދަށުން މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑަށް އިލްތިމާސްކޮށް ނަސޭހަތްތެރިވުމަށާއި،

ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ތިންވަނަ ހަމައިގެ (1)، ފަސްވަނަ ހަމައިގެ (1) ވަނަ ނަންބަރު އަދި ފަސްވަނަ ހަމައިގެ (4) ވަނަ ނަންބަރާ ޚިލާފުވާ، ޗެނަލް 13ގެ 30 ޖަނަވަރީ 2025 ވަނަ ދުވަހު ބްރޯޑްކާސްޓްކުރި “އިރާދަން ޚަބަރުގެ ބޮޑު ރިޕޯޓް”ގެ ކޮންޓެންޓް ބްރޯޑްކާސްޓްކޮށްފައިވާތީ، ޤާނޫނު ނަންބަރު 2010/16 (ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު) ގެ 44 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރުގެ ދަށުން މަޢާފަށް އެދި ބަޔާނެއް ނެރުމަށާއި، އެއްވެސް ޝަރުތެއް ނެތި މި ބަޔާން 19 އޮގަސްޓް 2025 ވާ އަންގާރަ ދުވަހުގެ ކުރިން، އެއް ރޭ 08:00 އާއި 09:00 އާ ދެމެދުގެ ވަގުތެއްގައި ޗެނަލް 13 އިން ޢާންމުކޮށް ބްރޯޑްކާސްޓްކުރުމަށާއި،

ޗެނަލް 13 އިން  30 ޖެނުއަރީ 2025 ގައި ބްރޯޑްކާސްޓްކުރި (އިރާދަން ޚަބަރުގެ ބޮޑު ރިޕޯޓް) ގެ ކޮންޓެންޓް ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 44 ވަނަ މާއްދާގެ (ނ) ގައި ” ބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ދިނުމުގެ ލައިސަންސް ދޫކޮށްފައިވާ ފަރާތަކުން ޤާނޫނާއި ޤަވާއިދާ ޚިލާފުވަމުންދާނަމަ، އަދި އެކަން ރަނގަޅުކުރުމަށް އެންގުމުން ރަނގަޅުނުކޮށްފިނަމަ، އެފަރާތެއްގެ ޕްރޮގްރާމް ޝެޑިއުލުން ބައެއް ވަގުތީގޮތުން މެދުކަނޑާލުމަށް އެންގުމުގެ އިޚްތިޔާރު ކޮމިޝަނަށް ލިބިފައިވެއެވެ” މިފަދައިން ބަޔާންކޮށްފައިވާތީ، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 44 ވަނަ މާއްދާގެ (ނ) ގެ ދަށުން 21 އޮގަސްޓް 2025 ވަނަ ދުވަހުގެ ރޭ 08:00 ން 09:00 އަށް ތިޔަ ސްޓޭޝަންގެ ޕްރޮގްރާމް ޝެޑިއުލު މެދުކަނޑާލުމަށް އެންގުމަށް މި މައްސަލަ ބެލި ކޮމިޝަނުގެ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން މައްސަލަ ނިންމީއެވެ.

 

___________________________________________________

06 ޖުލައި 2025