ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސް ޞަފާ ޝަފީޤާއި ކޮމިޝަނަރ އަލްއުސްތާޛާ އައިމިނަތު ސަރާހަތު ޢިއްޒަތު ކެމްބޯޑިއާއަށް ވަޑައިގެންފި

July 22, 2025

ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސް ޞަފާ ޝަފީޤާއި ކޮމިޝަނަރ އަލްއުސްތާޛާ އައިމިނަތު ސަރާހަތު ޢިއްޒަތު ކެމްބޯޑިއާއަށް ވަޑައިގެންފިއެވެ.

މިއީ ކެމްބޯޑިއާގައި މިމަހުގެ 21 އިން 23 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ 20 ވަނަ އޭޝިއާ މީޑިއާ ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.
ދުނިޔޭގެ ކަންކޮޅުތަކުން މީޑިއާގެ ދާއިރާގެ އިސްވެރިންނާއި ތަޖުރިބާކާރުން ބައިވެރިވެވަޑައިގަންނަވާ މި ސަމިޓްގައި މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން މީޑިއާގެ ދައުރާއި،ކާރިސާތަކުގެ ވަގުތުގައި އަމަލުކުރާނެގޮތްތަކަށް އަހުލުވެރި ވާނެގޮތްތަކާ ގުޅޭ މަޝްވަރާތައް ކުރިއަށް ގެންދާނެއެވެ. ެަެއަދި މިކަމާ ގުޅޭ ގޮތުން ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސް ޞަފާ ޝަފީޤު މި ސަމިޓްގައި ވާހަކަފުޅު ދައްކަވާނެއެވެ.

މީގެއިތުރުން ބްރޯޑްކާސްޓް ކުރުމުގައި ފަހުގެ ޒަމާނީ ވަސީލަތްތަކަށް އަހުލުވެރިވުމާއިއެކު،ދެމެހެއްޓެނިވި ގޮތެއްގައި މިޑިއާތައް ނުހުއްޓި ކުރިއަށް ގެންދާނެގޮތްތަކާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
ސަމިޓްގެ ހަވާސާގައި އޭއައިބީޑީގެ މެމްބަރު ބައެއް ގައުމުތަކުގެ މަސައްކަތްތަކާއި، އުފެއްދުންތައް ދައްކާލުމަށް ޚާއްސަހަރަކާތެއް ކުރިއަށް ގެންދާއިރު،މި ހަރަކާތުގައި ރާއްޖޭގެ ގައުމީ ޓީވީ (ޕަބްލިކް ސާވިސް މީޑިއާގެ) ޚާއްސަ ބައެއް މަސައްކަތްތަކާއި އުފެއްދުންތައް ދައްކާލާނެއެވެ. މީގެ އިތުރުން “އޭއަބީޑީ އިންޓަނޭޝަނަލް މީޑިއާ އެވޯޑްސް 2025” ގެ އެކި ކެޓަގަރީތަކުން ވަނަތައް ހާސިލުކުރި ފަރާތްތަކަށް އެވޯޑް ހަވާލުކުރުންވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.