ކަރަންޓް އަދި ޓެލެކޮމިއުނިކޭޝަންގެ ޚިދުމަތަށް ބްރޯޑްކާސްޓަރުންގެ އަތުން ނަގާ ފީ ކުޑަކޮށްދެއްވުމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ރައީސުލްޖުމްހޫރިއްޔާ އަށް ދަންނަވައިފި

July 17, 2014

ކަރަންޓް އަދި ޓެލެކޮމިއުނިކޭޝަންގެ ޚިދުމަތަށް ބްރޯޑްކާސްޓަރުންގެ އަތުން ނަގާ ފީ ކުޑަކޮށްދެއްވުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ރައީސުލްޖުމްހޫރިއްޔާ އަށް އިލްތިމާސް ދަންނަވައިފި އެވެ.

ތިރީގައި މި ވަނީ މި ކަމާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމަށް، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބު މިއަދު ފޮނުއްވި ސިޓީގެ މުހިންމު ބައިތަކެވެ.

“ރާއްޖޭގެ ބްރޯޑްކާސްޓިންގ ސިނާއަތުގައި ޚިދުމަތް ދެމުންދާ ފަރާތްތަކުން އެ ފަރާތްތަކުން ބޭނުންކުރާ ކަރަންޓް އަދި ޓެލެކޮމިއުނިކޭޝަންގެ ޚިދުމަތަށް ނެގޭ އަގުތަކަކީ ކޮމާޝަލް އުސޫލުން ޗާޖްކުރެވޭ ބޮޑު އަގުތަކަކަށް ވުމާއެކު އެ ފަރާތްތަކުން ދޭ ޚިދުމަތަށް މީގެ ސަބަބުން ބުރަ ބޮޑުވެގެންދާކަމުގެ ކަންބޮޑުވުން އެ ފަރާތްތަކުން މި ކޮމިޝަނާ ވަނީ ހިއްސާ ކޮށްފައެވެ. އަދި މި އަގުތައް ކޮމާޝަލް ބޭންޑަށްވުރެ ދަށް، އެހެނަސް އާންމު ބޭންޑަށްވުރެ މަތީގައި އޮންނަ މެދުމިނުގެ ބޭންޑެއްގެ ދަށުން ނެގޭނޭ ގޮތެއް ހަމަޖެއްސޭތޯ މަސައްކަތް ކޮށްދިނުމަށް ވެސް އެ ފަރާތްތަކުން މި ކޮމިޝަނުގެ ކިބައިން ވަނީ އެދިފައެވެ.

“ބްރޯޑްކާސްޓިންގގެ ޚިދުމަތަކީ ޚަރަދު ބޮޑު އަދި ރާއްޖޭގެ ކުޑަ މާކެޓްގައި ވާދަކުރަންޖެހިފައިވާ ޚިދުމަތެއް ކަމުން ވިޔާފާރީގެ ގޮތުން ދެކޮޅު ޖައްސަން އުނދަގޫ ޚިދުމަތަކަށް ވަނީ ވެފައެވެ. އެހެންކަމުން މި ސިނާއަތް ދެމެހެއްޓުމަށްޓަކައި ޚަރަދު ކުޑަކުރެވޭނޭ ގޮތްތަކެއް ހޯދަންޖެހޭ ކަމަށް މި ކޮމިޝަނަށް ޤަބޫލުކުރެވެއެވެ.

 “ވީމާ، ބްރޯޑްކާސްޓަރުންގެ ފަރާތުން މި ކޮމިޝަންގެ ސަމާލުކަމަށް ގެނައި މި މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން، ސަރުކާރު ހިއްސާވާ ދެ ކުންފުނި ކަމަށްވާ ސްޓެލްކޯ އަދި ދިރާގުން ރާއްޖޭގެ ބްރޯޑްކާސްޓަރުންގެ އަތުން ކަރަންޓް އަދި ޓެލެކޮމިއުނިކޭޝަންގެ ޚިދުމަތަށް ނަގާ ފީ، ކޮމާޝަލް ބޭންޑަށްވުރެ ދަށް ބޭންޑެއްގެ ދަށުން ނެގޭނެ ގޮތް ހައްދަވައިދެއްވުމަކީ މި ކޮމިޝަނުގެ ވަރަށް ބޮޑު އެދުމެއް ކަމުގައި މަނިކުފާނަށް ދެންނެވުމަށް މި ފުރުސަތުގެ ބޭނުންކުރަމެވެ.”

 މީގެ އިތުރުން، މި ކަމާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ބައްދަލުވުމެއް ބާއްވައިދިނުމަށް އެދި ސްޓެލްކޯގެ މެނޭޖިން ޑައިރެކްޓަރަށާއި ދިރާގުގެ ސީއީ އަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ ސިޓީ ފޮނުވައިފަ އެވެ.