މިދިޔަ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ކޮމިޝަނުން ބްރޯޑްކާސްޓް ކޮންޓެންޓް މޮނިޓަރކޮށް އެކުލަވާލާފައިވާ ރިޕޯޓާއި ތްރެޓް އެނަލިސިސް ރިޕޯޓް އާއްމުކޮށްފި

April 30, 2014

2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ދުވަސްވަރު މޯލްޑިވްސް ބްރޯޑްކާސްޓް ކޮމިޝަނުން ބްރޯޑްކާސްޓަރުންގެ ކޮންޓެންޓް މޮނިޓަރކޮށް ކުރި ޚާއްސަ މަސައްކަތުގެ ރިޕޯޓާއި ތްރެޓް އެނަލިސިސް ރިޕޯޓް އެކުލަވާލާ އާއްމުކޮށްފިއެެވެ.

ކޮމިޝަނުން މިއަދު އޮތް ރަސްމިއްޔާތެއްގައި މި ދެ ރިޕޯޓް ނެރެދެއްވީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޝަހީބުއެވެ.

މިއަދު އާއްމުކުރި އިންތިޚާބާ ގުޅޭ ރިޕޯޓަކީ 2013 ވަނަ އަހަރުގެ 7 އޮގަސްޓުން 6 ސެޕްޓެމްބަރުގެ ނިޔަލަށް ކޮމިޝަނުން 10 ޓީވީ ސްޓޭޝަނެއްގެ “ޕްރައިމް ޓައިމް” ކަމުގައިވާ ކޮންމެ ރެއެއްގެ 08:00 އިން 11:00 އަށް ފޮނުވާ ކޮންޓެންޓް މޮނިޓަރ ކުރުމަށްފަހު އެކުލަވާލާފައިވާ ރިޕޯޓެކެވެ.

މިގޮތުން ޕަބްލިކް ސަރވިސް ބްރޯޑްކާސްޓަރ ކަމަށްވާ ޓީވީއެމް އަދި ކޮމާރޝަލް ސްޓޭޝަންތައް ކަމުގައިވާ ރާއްޖެޓީވީ، ދިޓީވީ، ވީޓީވީ، ދިއެފްއެމް ޕްލަސް، ސަންޓީވީ ޕްލަސް،  ޗެނަލް13،  ޗެނަލް1، ޖަޒީރާ ޓީވީ އަދި ޔެލް ޓީވީގެ ޕްރައިމްޓައިމް ވަނީ މޮނިޓަރކޮށްފައެވެ.

ޕްރައިމްޓައިމް މޮނިޓަރ ކުރުމުގައި ކޮމިޝަނުން ބަލާފައިވާ ކަންތައްތަކުގެ ތެރޭގައި ޕްރައިމް ޓައިމްގައި ފޮނުވާ ޚަބަރާއި ޕްރޮގްރާމް އަދި ފިލާރސްގައި ސަރުކާރާއި، ރިޔާސީ ކެންޑިޑޭޓުންނަށާއި އިލެކްޝަން ކޮމިޝަނަށް ވަގުތު ދީފައިވާ މިންވަރާއި އަދި މި ފަރާތްތަކުގެ ކަވަރޭޖް ގެނެސްދީފައިވަނީ ޕޮޒިޓިވް، ނިއުޓުރަލް އަދި ނެގެޓިވް ޓޯނެއްގައިތޯ ވާނީ މޮނިޓަރކޮށްފައެވެ.

މީގެ އިތުރުން މި ރިޕޯޓުގައި ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނާ ގުޅޭގޮތުން ބްރޯޑްކާސްޓްކޮށްފައިވާ  ކޮންޓެންޓާ ގުޅޭ ޝަކުވާތައް އަވަސް މައްސަލަތަކެއްގެ ގޮތުގައި ބެލުމަށްފަހު ޝަކުވާ ނިންމިގޮތުގެ މަޢުލޫމާތުވެސް ވަނީ ހިމާނާފައެވެ.

ދެން އާއްމުކުރި ރިޕޯޓަކީ ކޮމިޝަނުން އެކުލަވާލާފައިވާ ތްރެޓް އެނަލިސިސް ރިޕޯޓެވެ. މިއީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީން ކަށަވަރުކޮށްދޭ ނޫސްވެރިކަމުގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި، ނޫސްވެރިން މަސައްކަތްކުރާ މާޙައުލުގައި ނޫސްވެރިކަމަށާއި މީޑިއާގެ މިނިވަންކަމަށް ހުރަސް އެޅޭގޮތަށް ލިބިފައިވާ ގެއްލުންތައް ދެނެގަނެ އޭގެ ސަބަބު ބަޔާންކޮށް މިކަމަށް ކޮމިޝަނުގެ ލަފާ ދިނުމަށް ތައްޔާރުކޮށްފައިވާ ރިޕޯޓެކެވެ. ތްރެޓް އެނަލިސިސް ރިޕޯޓް އެކުލަވާލުމަށް ކޮމިޝަނުން ވަނީ ސްޓޭޝަންތަކުގެ އިސްވެރިންނާއި އަދި ނޫސްވެރިންނާއި ބައްދަލުކޮށް މަޢުލޫމާތު ހޯދާފައެވެ.

މިއަދު މި ރިޕޯޓް އާޢްމުކުރުމަށް އޮތް ބައްދަލުވުމުގައި ކޮމިޝަންގެ ފަރާތުން ވަނީ މި ރިޕޯޓާއި ގުޅޭ ގޮތުން ނޫސްވެރިން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވާފައެވެ.

 މި ރިޕޯޓާއި ގުޅޭ ކުރު ޕްރެޒެންޓޭޝަނެއް ވަނީ ކޮމިޝަނުގެ ޑިރެކްޓަރ އާއިޝަތު ޝާހީން އާއި ޕަބްލިކް ރިލޭޝަންސް ކޯޑިނޭޓަރ އީމާން އަންވަރު ދެއްވާފައެވެ.

މި ދެ ރިޕޯޓު މިހާރު ވާނީ ކޮމިޝަނުގެ ވެބްސައިޓްގައި ޝާއިޢުކޮށްފައެވެ. އަދި އަންނަނިވި ލިންކްއިން މި ރިޕޯޓަށް އެކްސެސް ވެވޭނެއެވެ.