ލިސްޓަޑް އިވެންޓްސްއާ ގުޅޭ ވަކި ޤަވާއިދެއް އެކުލަވާލުމަށް ކޮމިޝަނުން ނިންމައިފި

June 22, 2014

ދިވެހި ރައްޔިތުންގެ ޚާއްސަ ޝައުގުވެރިކަން ހުންނަ އިވެންޓްތައް ނުވަތަ ލިސްޓަޑް އިވެންޓްސް ބްރޯޑްކާސްޓް/ރީބްރޯޑްކާސްޓް ކުރުމާ ގުޅޭ ވަކި ޤަވާއިދެއް އެކުލަވާލުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ނިންމައިފިއެވެ.

ލިސްޓެޑް އިވެންޓްސްއާ ބެހޭ ބައި މިހާރު ހިމަނައިފައި ވަނީ 2012 ވަނަ އަހަރުގެ ކުރީކޮޅު އަމަލްކުރަން ފެށި ބްރޯޑްކާސްޓްކުރުމުގެ ޤަވާއިދުގެ 35 ވަނަ މާއްދާގަ އާއި ރީބްރޯޑްކާސްޓްކުރުމުގެ ޤަވާއިދުގެ 38 ވަނަ މާއްދާގަ އެވެ.

ލިސްޓަޑް އިވެންޓްސްއާ ބެހޭ ވަކި ގަވާއިދެއް އެކުލަވާލުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ނިންމީ، ލިސްޓަޑް އިވެންޓްސްގެ ރައިޓްސް ހޯދުމުގެ ކަންކަން ތަންފީޒުކުރުމަށް މިހާރު ހުރި ދަތިތައް ނައްތާލައި، ޕަބްލިކް ސަރވިސް ބްރޯޑްކާސްޓަރާއި މިފަދަ އިވެންޓްތައް ގެނެސްދޭ އެހެނިހެން ފަރާތްތަކުގެ ހައްގުތައް ވެސް ހިމާޔަތްކޮށްދީ ވީހާވެސް ދެފުށް ފެންނަ ގޮތެއްގައި ބްރޯޑްކާސްޓަރުން އަދި ރީބްރޯޑްކާސްޓަރުން މެދުވެރިކޮށް މިފަދަ އިވެންޓްތައް އާއްމުންނަށް ފޯރުކޮށްދިނުމަށް އަމަލުކުރާނެ އަސޫލުތަކެއް ޤާއިމްކުރުމަށެވެ.

ލިސްޓަޑް އިވެންޓްސްއާ ބެހޭ މި ގަވާއިދު އެކުލަވާލުމުގެ ފުރަތަމަ މަރުހަލާގައި، ލިސްޓެޑް އިވެންޓްސްއާ ބެހޭ ގޮތުން މިހާތަނަށް ކުރެވިފައިވާ ތަޖުރިބާތަކުގެ އަލީގައި ކޮމިޝަނުން ޑްރާފްޓެއް އެކުލަވާލުމަށްފަހު މި ޑްރާފްޓަށް ބްރޯޑްކާސްޓް އެޑްވައިޒަރީ ކޮމިޓީގެ ލަފާގެ އިތުރުން، އާންމު ރައްޔިތުންގެ ޚިޔާލު ހޯދުމަށް ވެސް ވަނީ ނިންމައިފައެވެ.