ޓީވީއެމާއި ވީޓީވީ ފިޔަވައި އެހެން އެއްވެސް ޗެނަލަކުން ފީފާ ވާރލްޑްކަޕް ދެއްކުން ހުއްޓާލުމަށް މީޑިއާނެޓަށް ކޮމިޝަނުން އަންގައިފި

July 7, 2014

ޓީވީއެމާއި ވީޓީވީ ފިޔަވައި އެހެން އެއްވެސް ޗެނަލަކުން ފީފާ ވާރލްޑްކަޕް ދެއްކުން ހުއްޓާލުމަށް މީޑިއާނެޓަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން އަންގައިފި އެވެ.

ތިރީގައި މިވަނީ މިކަމާ ގުޅިގެން ބްރޯޑްކާސްޓިންގ ކޮމިޝަނުން މީޑިއާނެޓަށް މިއަދު ފޮނުވި ސިޓީގެ މުހިންމު ބައިތަކެވެ.

“ލިސްޓެޑް އިވެންޓެއް ކަމުގައިވާ 2014 ވަނަ އަހަރުގެ ފީފާ ވޯރލްޑް ކަޕް ބައެއް ޗެނަލްތައް މެދުވެރިކޮށް ޤަވާއިދާ ޚިލާފަށް މީޑިއާނެޓުން ރީބްރޯޑްކާސްޓްކުރަމުންދާ މައްސަލައާ ބެހޭ:

މަތީގައި ބަޔާންކޮށްފައިވާ މައްސަލައާ ގުޅިގެން އަންނަނިވި ކަންކަން މި ކޮމިޝަނަށް މިހާތަނަށް ވަނީ ފާހަގަކުރެވިފައެވެ.

1.      28 އޭޕްރީލް 2014 ގައި މި ކޮމިޝަނުން އާންމުކޮށްފައިވާ ނަންބަރު:  (IUL)427-LCM/1/2014/31 އިޢުލާން އާއި ހަވާލާދީ މި ކޮމިޝަނުން ލިސްޓެޑް އިވެންޓެއް ކަމަށް ކަނޑައަޅާފައިވާ ފީފާ ވޯލްޑްކަޕް ގެނެސްދިނުމުގައި މީޑިއާ ނެޓުން އިޖާބަ ދީފައިނުވާކަން.

2.      ޗެނަލް 100 އަދި 100 ޕްލަސް ކިޔާ ދެ ޗެނަލެއް މެދުވެރިކޮށް މީޑިއާނެޓުން ވޯރލްޑް ކަޕްގެ ބައެއް މެޗްތައް ދެއްކުމަށްޓަކައި ޚިދުމަތް ލިބިގަންނަ ފަރާތުން ޚާއްސަ އަގެއް، ރީބްރޯޑްކާސްޓްކުރުމުގެ ޤަވާއިދުގެ 38 ވަނަ މާއްދާގެ (ބ) އާ ޚިލާފަށް ނަގާފައިވާކަން.

3.      މީޑީއާނެޓުން ކޮމިޝަނާއި ހިއްސާކޮށްފައިވާ ސޮނީ އެމް.އެސް.އެމް އާއެކު ވެފައިވާ އެއްބަސްވުމަކީ ރީބްރޯޑްކާސްޓްކުރުމުގެ ޤަވާއިދުގެ 38 ވަނަ މާއްދާގެ (ޅ) ގެ ދަށުން، އެކުލަވާލެވިފައިވާ އެއްބަސްވުމެއް ނޫންކަން.

2014 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ރާއްޖޭގައި ބްރޯޑްކާސްޓްކުރުމުގެ ރައިޓްސް އެއްވެސް ބްރޯޑްކާސްޓަރަކު ނުވަތަ ރީބްރޯޑްކާސްޓަރަކު މިހާތަނަށް ހޯދައިފައިވާ ނަމަ އެ ހޯދި ރައިޓްސްއަކާ ބެހޭ މައުލޫމާތު 4 މެއި 2014 ވާ އާދީއްތަ ދުވަހުގެ ކުރީން މި ކޮމިޝަނަށް ލިޔުމުން އަންގަންވާނެކަމާއި، 2014 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ބްރޯޑްކާސްޓިންގ/ރީބްރޯޑްކާސްޓިންގ ރައިޓްސް މީގެ ފަހުން ވެސް ހޯއްދަވާ ނަމަ، އެ ރައިޓްސް ހޯއްދަވާ ތާރީޚަކުން ފެށިގެން ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ މައުލޫމާތު މި ކޮމިޝަނަށް ލިޔުމުން އެންގެވުމަށް 28 އޭޕްރީލް 2014 ގައި މި ކޮމިޝަނުން އާންމުކޮށްފައިވާ ނަންބަރު:  (IUL)427-LCM/1/2014/31 އިޢުލާނަށް އިޖާބަދީފައިވަނީ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަނާއި އައިލެންޑް ބްރޯޑްކާސްޓިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުންނެވެ.

28 އޭޕްރީލް 2014 ވަނަ ދުވަހުގެ އިޢުލާނަށް މީޑީއާނެޓުން ވޯރލްޑް ކަޕް ދެއްކުމަށް އިޖާބަދީފައިނުވާތީ ރީބްރޯޑްކާސްޓްކުރުމުގެ ޤަވާއިދުގެ 38 ވަނަ މާއްދާގެ ދަށުން ވޯރލްޑް ކަޕް ބްރޯޑްކާސްޓްކުރުމުގެ ހައްޤު މީޑީއާނެޓުން ދޫކޮށްލާފައިވާކަން ފާހަގަކުރެވެއެވެ.

ލިސްޓެޑް އިވެންޓެއްގެ ގޮތުގައި ހިމެނޭ ވޯރލްޑް ކަޕް މީޑިއާނެޓް މެދުވެރިކޮށް އެޗް.ޑީ ކޮށް ފޯރުކޮށްދޭތީ، ޚިދުމަތް ލިބިގަންނަ ފަރާތުން އެކަމަށް ޚާއްސަ އަގެއް ނަގާފައިވެއެވެ. އަދި އެ އަގަކީ ރީބްރޯޑްކާސްޓްކުރުމުގެ ޤަވާއިދުގެ 38 ވަނަ މާއްދާގެ (ބ) ގެ ދަށުން ކޮމިޝަނަށް ހުށަހެޅިގެން ފާސްކޮށްގެން ނެގޭ އަގެއް ނޫނެވެ.

މީޑީއާނެޓުން ކޮމިޝަނާއި ހިއްސާކޮށްފައިވާ ސޮނީ އެމް.އެސް.އެމް އާއެކު ވެފައިވާ އެއްބަސްވުމަކީ ޗެނަލް ރައިޓްސް ލިބިދޭ އެއްބަސްވުމެއްކަމުގައި ވީނަމަވެސް އެ ޗެނަލްއަކީ ލިސްޓެޑް އިވެންޓެއްގެ ގޮތުގައި ހިމެނޭ ވޯރލްޑް ކަޕް ގެނެސްދޭ ޗެނަލެއް ކަމަށްވާތީ އެ އެއްބަސްވުމަކީ ރީބްރޯޑްކާސްޓްކުރުމުގެ ޤަވާއިދުގެ 38 ވަނަ މާއްދާގެ (ޅ) ގައިވާ ގޮތުގެ މަތީން އެކުލަވާލެވެން ޖެހޭ އެއްބަސްވުމެކެވެ.

ވީމާ، މީޑީއާނެޓްގެ ބައެއް ޗެނަލްތައް މެދުވެރިކޮށް ރީބްރޯޑްކާސްޓްކުރާ 2014 ވަނަ އަހަރުގެ ފީފާ ވޯރލްޑް ކަޕަކީ ލިސްޓެޑް އިވެންޓެއްކަމުން، އެ އިވެންޓް މީޑިއާނެޓަށް ރީބްރޯޑްކާސްޓަރެއްގެ ހައިސިއްޔަތުން ގެނެސްދެވޭނީ ރީބްރޯޑްކާސްޓްކުރުމުގެ ޤަވާއިދުގެ 38 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތީންކަމާއި އެ މާއްދާއާ ޚިލާފްވެ އެ އިވެންޓް ގެނެސްދޭ ޗެނަލެއް ރީބްރޯޑްކާސްޓްކުރުމުގެ ގޮތުން ފޮނުވޭނެ ޤާނޫނީ ހަމައެއް ނެތްއިރު، މި ލިސްޓެޑް އިވެންޓް ފޮނުވާ ސޮނީ ސިކްސް، ސޮނީ ސިކްސް އެޗް.ޑީ އަދި ސޮނީ ޕިކްސް މެދުވެރިކޮށް މީޑީއާނެޓުން ރީބްރޯޑްކާސްޓްކުރުމުގައި މި ކޮމިޝަނަށް އޮޅުވާލާފައިވާކަން ތުހުމަތުކުރެވޭތީ އެ މައްސަލަތައް ބަލައި ވަކި ގޮތަކަށް އަންގަންދެން ރާއްޖޭގައި 2014 ވަނަ އަހަރުގެ ފީފާ ވޯރލްޑް ކަޕް ދެއްކުމަށް ރައިޓްސް ހޯދާފައިވާ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަންގެ ޓީވީ މޯލްޑިވްސް ޗެނަލާއި އައިލެންޑް ބްރޯޑްކާސްޓިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ވީޓީވީ ޗެނަލް ފިޔަވައި، އެހެން އެއްވެސް ޗެނަލެއް މެދުވެރިކޮށް، 2014 ވަނަ އަހަރުގެ ފީފާ ވޯރލްޑް ކަޕް ރީބްރޯޑްކާސްޓްކުރުން ވަގުތުން ހުއްޓާލުމަށް މީޑިއާނެޓް ޕްރައިވެޓް ލިމިޓެޑަށް އަންގަމެވެ.”