ޓީވީއެމްގެ ވޯލްޑްކަޕް މެޗްތައް އެޗްޑީކޮށް ފޮނުވައިދޭން މީޑިއާ ނެޓަށް ކޮމިޝަނުން އަންގައިފި

July 8, 2014

ރައްޔިތުންގެ ޓީވީ ކަމަށްވާ ޓީވީ އެމް އިން ފޮނުވާ ވޯލްޑްކަޕްގެ ބާކީ ހުރި މެޗުތައް ހައިޑެފިނީޝަންކޮށް ފޮނުވޭނެ އިންތިޒާމް، މިރޭ ދެއްކުމަށް ހަމަޖެހިފައިވާ ވޯލްޑްކަޕް މެޗް ފެށުމުގެ ކުރިން ހަމަޖައްސަވައިދެއްވުމަށް މީޑިއާނެޓް ޕްރައިވެޓް ލިމިޓެޑަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން އަންގައިފި އެވެ.

ތިރީގައި މި ވަނީ މިކަމާ ގުޅިގެން، މީޑިއާނެޓް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަފީޢުއަށް އެޑްރެސްކޮށް، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަނަށާއި އައިލެންޑް ބްރޯޑްކާސްޓިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ކޮޕީކޮށް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސް މިއަދު ފޮނުއްވި ސިޓީގެ މުހިންމު ބައިތަކެވެ.

“ޓީވީއެމް ހިންގާ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން އާއި ވީޓީވީ ހިންގާ އައިލެންޑް ބްރޯޑްކާސްޓިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެ ފަރާތްތަކުގެ ޗެނެލްތައް ހައި ޑެފިނިޝަން ޗެނެލްގެ ގޮތުގައި މީޑިއާނެޓުގެ ނެޓްވަރކްގައި ހިމެނުމަށް އެދިފައިވާ އެދުމަށް މީޑިއާނެޓުން އިޖާބަނުދޭކަމުގެ ޝަކުވާ މި ކޮމިޝަނަށް ލިބިފައިވާތީ ދަންނަވަމެވެ.

“ރީބްރޯޑްކާސްޓްކުރުމުގެ ޤަވާއިދުގެ 24ވަނަ މާއްދާގެ (ނ)ގައި، ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ދޭ ނެޓްވަރކްތަކުގައި ދިވެހިރާއްޖޭގެ އެހެން ބްރޯޑްކާސްޓަރުންގެ ޗެނެލްތައް ހަމަހަމަ އުސޫލަކުން ހިމަނަންވާނޭ ކަމަށް ބަޔާންކޮށްފައި އޮތުމާއެކު، ޓީވީއެމް އާއި ވީޓީވީ ޗެނެލްތަކުގެ ހައި ޑެފިނިޝަން ކޮންޓެންޓް މީޑިއާނެޓުގެ ނެޓްވަރކުން ރައްޔިތުންނަށް ލިބޭނޭގޮތް ހަމަޖައްސައިދެއްވުމަށް ދަންނަވަމެވެ.

“މީގެ އިތުރުން ދިވެހި އެހެން އެއްވެސް ޗެނަލަކުން ވެސް ހައި ޑެފިނިޝަން ކޮންޓެންޓް ހިމެނުމަށް އެދިއްޖެނަމަ، ޤަވާއިދުގައި ވާ ގޮތަށް ހަމަހަމަ ކަމާ އެކު މި ފުރުޞަތު އެ ޗެނެލަކަށް ދެއްވުމަށް ވެސް ދަންނަވަމެވެ.

“އަދި ދަންނަވަމެވެ. ރާއްޖޭގައި 2014 ވަނަ އަހަރުގެ ފީފާ ވޯރލްޑް ކަޕް ދެއްކުމަށް ރައިޓްސް ހޯދާފައިވާ ޓީވީ މޯލްޑިވްސް އާއި ވީޓީވީ ފިޔަވައި، އެހެން އެއްވެސް ޗެނަލެއް މެދުވެރިކޮށް، 2014 ވަނަ އަހަރުގެ ފީފާ ވޯރލްޑް ކަޕް ރީބްރޯޑްކާސްޓްކުރުން ވަގުތުން ހުއްޓާލުމަށް 07 ޖުލައި 2014 ވަނަ ދުވަހު މި ކޮމިޝަނުން މީޑިއާ ނެޓަށް އަންގާފައިވުމާ ގުޅިގެން ހައިޑެފިނީޝަން ކޮށް ވޯލްޑްކަޕް ބެލުމުގެ ފުރުސަތު ރައްޔިތުންނަށް ގެއްލޭނެތީ، މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން ރައްޔިތުންގެ ޓީވީ ކަމަށްވާ ޓީވީ އެމް އިން ފޮނުވާ ވޯލްޑްކަޕްގެ ބާކީ ހުރި މެޗުތައް ހައިޑެފިނީޝަން ކޮށް ފޮނުވޭނެ އިންތިޒާމް، މިރޭ ދެއްކުމަށް ހަމަޖެހިފައިވާ ވޯލްޑްކަޕް މެޗް ފެށުމުގެ ކުރިން ހަމަޖައްސަވައިދެއްވުމަށް ދަންނަވަމެވެ.

“މީޑިއާނެޓުން ކެރީކުރާ ހުރިހާ ޗެނަލްތަކަކުންވެސް އެޗެނަލަކާ އެކަށީގެންވާ ކެޕޭސިޓީއެއް ހަމަޖައްސާފައި ހުންނާނޭ ކަމާއި މީގެ ސަބަބުން އެއްވެސް ޗެނަލެއްގެ ކޮލިޓީއަކަށް ބަދަލެއް ނާންނާނެ ކަމަށް 16 ޖޫން 2014ގައި މި ކޮމިޝަނާއެކު ބޭއްވި ބައްދަލުވުމުގައި މަނިކުފާނު ވިދާޅުވެފައިވާތީ، ދިވެހި ޗެނަލްތައް ހައިޑެފިނީޝަން ޗެނަލްތަކެއްގެ ގޮތުގައި މިހާރުން މިހާރަށްވެސް ހިމެނުމަށް  ހުރަހެއް އޮތް ކަމަކަށް މި ކޮމިޝަނުން ނުދެކޭ ވާހަކަވެސް މިފުރުސަތުގައި ދަންނަވަމެވެ.”