ޙަސަން ނިޒާމު އަވަހާރަވުމާ ގުޅިގެން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ތަޢުޒިޔާ ކިޔައިފި

March 18, 2015

ކުރީގެ މަޝްހޫރު ނިއުސް ޕްރެޒެންޓަރ ޙަސަން ނިޒާމު ކުއްލި ގޮތަކަށް އަވަހާރަވުމާ ގުޅިގެން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ތަޢުޒިޔާ ކިޔައިފިއެވެ. ތިރީގައި މި ވަނީ މިކަމާ ގުޅިގެން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ނެރުނު ބަޔާނެވެ.

“ކުރީގެ މަޝްހޫރު ޚަބަރާއި ޕްރޮގްރާމް ޕްރެޒެންޓަރ އަދި ދިވެހިރާއްޖޭގެ ތަޢުލީމި ދާއިރާގައި ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައިވާ ޙަސަން ނިޒާމު ކުއްލި ގޮތަކަށް އަވަހާރަވީ ޚަބަރު މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން އެހީ ވަރަށް ފުން ހިތާމަ އާއި އެހާމެ ކުއްލި ހައިރާންކަމަކާ އެކުގައެވެ. ބްރޯޑްކާސްޓް ދާއިރާއަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ޙަސަން ނިޒާމަކީ ޓެލެވިޜަން މޯލްޑިވްސްގައި ޚަބަރާއި ތަފާތު އެކި ޕްރޮގްރާމްތައް ހުށަހަޅައިދެއްވުމުގެ އިތުރަށް ދިވެހިރާއްޖޭގެ އަޑުން ފޮނުވި ބައެއް ތަޢުލީމީ ޕްރޮގްރާމްތައްވެސް އުފައްދަވާފައިވާ ފަންނާނެކެވެ. އޭނާ ހުށަހެޅުއްވި ޕްރޮގަރާމްތަކުގެ ތެރޭގައި “އިންގްލިޝް ފޯ ގްރޭޑް ވަން”،
“ފަސޭހަ އިގިރޭސި” ފަދަ މަޤްބޫލު ތައުލީމީ ޕްރޮގްރާމްތަކެއް ހިމެނޭކަން ފާހަގަކުރަމެވެ. މީގެ އިތުރުން ތަޢުލީމީ ދާއިރާއަށްވެސް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ޙަސަން ނިޒާމު އަވަހާރަވުމަކީ ގައުމަށް ލިބުނު ބޮޑު ގެއްލުމެއްކަން މި ފުރުޞަތުގައި ފާހަގަކޮށް އޭނާ ކޮށްދެއްވާފައިވާ ޚިދުމަތްތަކުގެ އަގު މި ކޮމިޝަނުން ނުހަނު އިހްލާސްތެރިކަމާ އެކު ވަޒަންކުރަމެވެ.

“ޙަސަން ނިޒާމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުމަށާއި މި ހިތާމަވެރި ދަނޑިވަޅުގައި މަރުހޫމުގެ އާއިލާއަށް ކެތްތެރިކަން މިންވަރު ކޮށްދެއްވުމަށް އެދި މާތް ﷲ ގެ ހަޒުރަތުގައި ދުޢާ ދަންނަވަމު އެވެ. އަދި ޙަސަން ނިޒާމުގެ އާއިލާއަށް ލިބިފައިވާ ފުން ހިތާމައިގައި މި ކޮމިޝަނުން ބައިވެރިވަމެވެ.”