ފަސް ނުކުތާގެ ވަޢުދުގައި ސޮއިކުރުމުގެ ހަރަކާތް ޖުމްހޫރީ މައިދާނުގައި ބާއްވަން ހަމަޖައްސައިފި

May 1, 2013

މިނިވަން ނޫސްވެރިކަން ދެމެހެއްޓުމުގެ ގޮތުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން އެކުލަވައިލައިފައިވާ ފަސް ނުކުތާގެ ވަޢުދުގައި ދައުލަތުގެ މުވައްސަސާތަކުން ސޮއިކުރުމުގެ ހަރަކާތް އަންނަ ހުކުރު ދުވަހު ހަވީރު ޖުމްހޫރީ މައިދާނުގައި ބާއްވަން ހަމަޖައްސައިފި އެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން މިހާރު ހަމަޖައްސައިފައި ވަނީ “މިނިވަން ނޫސްވެރިކަން ދެމެހެއްޓުން: 5 ނުކުތާގެ ވަޢުދު”ގައިި ސޮއިކުރުމުގެ ހަރަކާތް، ބައިނަލްއަގުވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ކަމަށް ވާ 03 މެއި 2013 ވާ ހުކުރު ދުވަހުގެ ހަވީރު 4:30 ގައި މާލޭ ޖުމްހޫރީ މައިދާނުގައި ބޭއްވުމަށެވެ. އެއީ ބައެއް ސަބަބުތަކާ ހެދި، ކުރިން ރޭވި ގޮތަށް މާލޭ ހެދިގޮނޑުދޮަށުގައި އެ ހަރަކާތް ބޭއްވެން ނެތިގެންނެވެ.

މި ވަޢުދުގައި ސޮއިކުރުމުގެ ގޮތުން، ދައުލަތުގެ ތިން ބާރު ކަމަށްވާ ރައީސުލްޖުމްހޫރިއްޔާ އަށާއި އުއްތަމަފަނޑިޔާރަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުރުން ސިޔާސީ ޕާޓީތަކަށާއި މިނިސްޓްރީތަކާއި އެމް.އެން.ޑީ.އެފާއި ޕޮލިހާއި މިނިވަން މުއައްސަސާތަކާއި ދައުލަތުގެ ކުންފުނިތަކާއި ހުރިހާ ކައުންސިލްތަކަށް މިހާރު ވަނީ ދައުވަތު އަރުވައިފަ އެވެ. އަދި ރާއްޖޭގައި ހުންނަ އެމްބަސީތަކަށް ވެސް ވަނީ ދައުވަތު ދީފަ އެވެ. އަދި އެކަމަށް ގިނަ ފަރާތްތަކަކުން އިޖާބަ ދެއްވަމުން ގެންދާކަން ބްރޯޑްކާސްޓިން ކޮމިޝަނުން ފާހަގަކުރެ އެވެ.

“މިނިވަން ނޫސްވެރިކަން ދެމެހެއްޓުން: 5 ނުކުތާގެ ވަޢުދު”ގައި ސޮއިކުރެއްވުން ހިނގަމުންދާ ވަގުތު، “ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް” ގައި ހުރިހާ ބްރޯޑްކާސްޓަރުން ސޮއިކުރާ ގޮތަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ. މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން އެކުލަވާލައި، ސަރުކާރުގެ ގެޒެޓްގައި ޝާއިުކޮށްފައިވާ “ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް”ގައި ސޮއިކުރުުމުގެ ފުރުސަތު ބްރޯޑްކާސްޓް މީޑިއާގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކަށް ވަނީ ހުޅުވާލައިފަ އެވެ.

“މިނިވަން ނޫސްވެރިކަން ދެމެހެއްޓުން: 5 ނުކުތާގެ ވަޢުދު”ގައި ސޮއިކުރެއްވުމުގެ ހަރަކާތް ކުރިއަށް ގެންދަނީ ބްރޯޑްކާސްޓަރުންގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ލިބިގެންކަން ކޮމިޝަނުން ޝުކުރުވެރިކަމާ އެކު ފާހަގަކުރެ އެވެ.

“މިނިވަން ނޫސްވެރިކަން ދެމެހެއްޓުން: 5 ނުކުތާގެ ވަޢުދު” މި ނަމުގައި މި ކޮމިޝަނުން އެކުލަވާލާފައިވާ ވަޢުދު ތިރީގައި މިވަނީ އެވެ؛

ނޫސްވެރިކަން ކުރުމާއި، މުއާޞަލާތީ ވަސީލަތްތައް ބޭނުންކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ. މީގެތެރޭގައި ޚަބަރާއި، މަޢުލޫމާތާއި، ފެންނަ ގޮތްތަކާއި، ޚިޔާލުތައްފާޅުކުރުމާއި، ޝާއިޢުކުރުމާއި، ފެތުރުމުގެ މިނިވަންކަން ހިމެނެއެވެ. މިގޮތުން ޝާއިޢުކުރާ ނުވަތަ ފަތުރާ ނުވަތަ ފާޅުކުރާ މަޢުލޫމާތެއްގެ މަސްދަރު ހާމަކުރުމަށް އެއްވެސް މީހަކަށް މަޖުބޫރު ކޮށްގެނެއް ނުވާނެއެވެ.”ޤާނޫނުއަސާސީގެ 28 ވަނަ މާއްދާ

 

މިނިވަން ނޫސްވެރިކަން ދެމެހެއްޓުން: 5 ނުކުތާގެ ވަޢުދު

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 28 ވަނަ މާއްދާއިން ކަށަވަރު ކޮށްދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަން ދެމެހެއްޓުމުގެ ގޮތުން،

  1. ނޫސްވެރިންނާމެދު އެއްވެސް ތަފާތު ކުރުމެއްނެތި ހަމަހަމަ އުސޫލުން ކަންތައް ކުރުމަށާއި،
  2. ނޫސްވެރިންނަށް ސަލާމަތާ ރައްކާތެރިކަން ދިނުން،
  3. ނޫސްވެރިކަމަށް ހުރަސްއެޅޭފަދަ އަދި ނޫސްވެރިންނަށް ފުރައްސާރަކުރުމުގެ އެއްވެސް ޢަމަލެއް ނުކުރުމަށާއި،
  4. ނޫސްވެރިންގެ ވާޖިބު އަދާކުރުމަށް މަގުފަހި ކޮށްދިނުމަށާއި،
  5. ނޫސްވެރިންނަކީ ޑިމޮކްރެސީގެ ފާރަވެރި ބާރުގެ ގޮތުގައި ބަލައިގަނެ ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ ދޮރު މިނިވަންކަމާއެކު ހުޅުވާލުމަށް

ވަޢުދުވެ، ނޫސްވެރިކަމުގެ މިނިވަންކަމުގެ މި އަސާސްތައް ޢަމަލީގޮތުން ދަމަހައްޓައި، މިކަމުގައި އެއްބަޔަކު އަނެއްބަޔަކަށް ވާގިވެރިވެ، މިނިވަން ނޫސްވެރިކަން ކުރިއެރުވުމުގައި ތެދުވެރިކަންމަތީ ދެމިހުރުމަށް އިޤުރާރުވަމެވެ.