އޭ.ބީ.ޔޫ ޑިޖިޓަލް ބްރޯޑްކާސްޓިންގ ސިމްޕޯޒިއަމްގައި ކޮމިޝަނުން ބައިވެރިވެއްޖެ

March 5, 2015

އޭޝިއާ-ޕެސިފިކް ބްރޯޑްކާސްޓިންގ ޔޫނިއަނުން (އޭ.ބީ.ޔޫ) އިންތިޒާމް ކޮށްގެން މެލޭޝިއާގެ ކުއާލަ ލަމްޕޫރުގައި މިމަހުގެ 2 – 6 ބާއްވާ ޑިޖިޓަލް ބްރޯޑްކާސްޓިންގ ސިމްޕޯޒިއަމް 2015ގައި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ބައިވެރިވެއްޖެއެވެ.

އޭ.ބީ.ޔޫ.ގެ މެމްބަރުންނަށް ދަޢުވަތުދީގެން ބާއްވާ މި ސިމްޕޯޒިއަމްގައި ކޮމިޝަނުގެ ފަރާތުން ބައިވެރިވެވަޑައިގަތީ ކޮމިޝަނުގެ ދެ މެންބަރުން ކަމުގައިވާ މަރިޔަމް ޝައުޤީއާއި މޫމިނާ އާދަމެވެ.

މި ސިމްޕޯޒިއަމްގެ މަގްސަދަކީ ބްރޯޑްކާސްޓް ދާއިރާއާ ގުޅުން ހުރި އާ އިޖާދުތަކުގެ މައުލޫމާތު ކަމާގުޅޭ ދާއިރާތަކުގެ އެކި ފަރާތްތަކަށް ފޯރުވައިދިނުމާއި މިކަމާ ގުޅޭ މަޢުލޫމާތު ބަދަލުކުރުމެވެ. މީގެއިތުރުން ބްރޯޑްކާސްޓް ދާއިރާގެ ވާދަވެރި މާހައުލުގައި ކުރިއަށް ދިއުމަށް މިފަދަ އާ އިޖާދުތަކަށް ބްރޯޑްކާސްޓަރުން އަހަލުވެރިކުރުވުމަކީވެސް މި ސިމްޕޯޒިއަމްގެ މަގްސަދަކެވެ.