އޭޝިޔާ މީޑިއާ ސަމިޓް 2018 ގައި ކޮމިޝަންގެ ރައީސް ބައިވެރިވެވަޑައިގެންފި

May 11, 2018

އޭޝިޔާ ޕެސިފިކް އިންސްޓިޓިއުޓް ފޯ ބްރޯޑްކާސްޓް ޑިވެލޮޕްމަންޓް (އޭ.އައި.ބީ.ޑީ) އިން އިންޑިއާގެ ނިއުދިއްލީގައި މެއި 10- 12 އަށް ބާއްވާ އޭޝިޔާ މީޑިއާ ސަމިޓް 2018 އަދި ޕްރީ ސަމިޓް ވާރކްޝަޕްގައި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސް މުޙައްމަދު ޝަހީބު ބައިވެރިވެވަޑައިގެންފިއެވެ.

އޭޝިޔާ މީޑިއާ ސަމިޓަކީ އޭ.އައި.ބީ.ޑީ މެންބަރޝިޕް އޮންނަ މުއައްސަސާތަކާއި ދުނިޔޭގެ ގިނަ ބްރޯޑްކާސްޓަރުންނާއި ކަމާގުޅޭ މާހިރުން އެއް ޕްލެޓްފޯމެއްގައި ބްރޯޑްކާސްޓް ސިނާއަތުގެ ތަރައްޤީއަށާއި މި ދާއިރާއާ ގުޅޭ އައު ޚިޔާލުތަކާއި ތަޖުރިބާ ހިއްސާކުރުމަށް ކޮންމެ އަހަރަކު އޭ.އައި.ބީ.ޑީން އިންތިޒާމްކޮށް ބާއްވާ ފޯރަމެކެވެ. މިގޮތުން މި އަހަރުގެ ފޯރަމްގެ ތީމަކީ ‘ޓެލިންގ އަވަރ ސްޓޯރީސް – އޭޝިއާ އެންޑް މޯރ’ އެވެ.

ދުނިޔޭގެ 39 ޤައުމަކުން 230 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވާ މި ސަމިޓް ފެށުމުގެ ކުރިން، 9 މެއި ގައި އޮތް ޕްރީ ސަމިޓް ވާރކްޝޮޕް “މީޑިއާ ލޯ އެންޑް އެތިކްސް” ގައި ވެސް ކޮމިޝަންގެ ރައީސް ބައިވެރިވެވަޑައިގެންނެވިއެވެ.

މީގެއިތުރުން، ސީއީއޯ ރައުންޑްޓޭބަލްގައި ކޮމިޝަންގެ ރައީސް ބައިވެރިވެޑައިގެން ސަރަޙައްދުގެ މީޑިއާގެ ކުރިއެރުންތަކާ ގުޅޭ ގޮތުން ވާހަކަފުޅު ދެއްކެވިއެވެ. މިއަދު ބޭއްވި މި މަޝްވަރާ ބައްދަލުވުން ވިލަރެސްކުރެއްވީ އޭޝިއާ-ޕެސިފިކް ބްރޯޑްކާސްޓިންގ ޔޫނިއަންގެ ސެކްރެޓަރީ ޖެނެރަލް ޑރ. ޖަވާދު މުއްތަޤީއެވެ.