“އަންދަލުސް” ދަރުސްގައި ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ ޚިލާފް ކޮންޓެންޓެއް ނުހިމެނޭ ކަމަށް ކޮމިޝަނުން ނިންމަވައިފި

September 24, 2013

ޖަމީޢަތުއް ސަލަފުން ބޭއްވި “އަންދަލުސް” ދަރުސްގައި ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ ޚިލާފް ކޮންޓެންޓެއް ނުހިމެނޭ ކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ނިންމަވައި، އެކަން ރައްޔިތުންގެ މަޖިލީހަށް އަންގަވައިފި އެވެ.

ތިރީގައި މި ވަނީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން، ރައްޔިތުންގެ މަޖިލީހުގެ ރައީސަށް މިއަދު ފޮނުވި ސިޓީގެ މުހިންމު ބައިތަކެވެ.

“ޖަމީޢަތުއް ސަލަފުން ބޭއްވި “އަންދަލުސް” ދަރުސްގައި ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ ޚިލާފް ކޮންޓެންޓެއް ނުހިމެނޭ ކަމަށް، އެ ކޮންޓެންޓް ބެއްލެވި މި ކޮމިޝަންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އަޣުލަބިއްޔަތުން ނިންމަވައިފައިވާ ވާހަކަ ދަންނަވަމެވެ.

 “އަދި ދަންނަވަމެވެ. މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަންގެ ޓީވީ އެމުން، އޭގެ ވަރަށް ބޮޑު ބައެއް، ވަގުތުން ފޮނުވާފައިވާ އެ ކޮންޓެންޓަކީ ރިޔާސީ ކެންޑިޑޭޓަކާ އިދިކޮޅަށް ކޮށްފައިވާ ކެމްޕޭނެއް ކަމަށް ދޭހަވާ ފަދަ ކޮންޓެންޓެއް ކަމަށް ހަވާލާ ދީފައިވާ ސިޓީގައި ބަޔާންކުރައްވައިފައިވާތީ، މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ ސަބް ކޮމިޓީގައި ވެސް އެ ދުވަހު ދަންނަވާފައިވާނޭ ފަދައިން، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަނަކީ ވަކި ޤާނޫނަކުން ބާރު ލިބިގެން އުފެދިފައިވާ، އަދި ސީދާ ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާންޖެހޭ މިނިވަން މުއައްސަސާއެއް ކަމަށް ވާތީ، އެންމެ ރަނގަޅު ގޮތަކީ، ބޭނުންފުޅު ނަމަ، ރައްޔިތުންގެ މަޖިލީހުން އެ މައްސަލަ ކުރިއަށް ގެންދެވުން ކަމަށް މި ކޮމިޝަނަށް ފެންނަ ވާހަކަ ދަންނަވަމެވެ.”