އެމް.އެން.ބީ.ސީ ވަންގެ ޖާނަލިސްޓަކު ޒަޚަމްކޮށްލި މައްސަލަ އާއި ދިޓީވީގެ އިމާރާތަށް ގެއްލުން ދިނުން ބްރޯޑްކާސްޓިންގ ކޮމިޝަނުން ކުށްވެރިކުރުން

January 24, 2012

ނޫސްބަޔާން

    މާލޭގައި ރޭ އޮތް މުޒާހަރާއަށް ފަހު ރަށުތެރޭގައި ހިންގި ހަމަނުޖެހުމުގައި އެމް.އެން.ބީ.ސީ ވަންގެ ޖާނަލިސްޓަކަށް ބަޔަކު ހަމަލާދީ ޒަޚަމްކޮށްލާފައިވާތީ އާއި ދިޓީވީގެ އިމާރާތަށް ގެއްލުން ދިން މައްސަލަ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ. މިއީ ޑިމޮކްރަސީއެއްގެ މައިގަނޑު އަސާސްކަމުގައިވާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމާ ދެކޮޅަށް ހިންގި ވަރަށް ފިނޑި އަމަލެއްކަމުގައި މިކޮމިޝަނުން ދެކެމެވެ.

    މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކަށް ފުރައްސާރަކުރުމާއި އެ ފަރާތްތަކަށް އެކި ގޮތްގޮތުން ބިރު ދެއްކުމާއި ގެއްލުން ދިނުމުގެ އަމަލުތައް ފަހަކަށް އައިސް ގިނަވަމުންދާކަމީ މި ކޮމިޝަނުން ނުހަނު ކަންބޮޑުވާ ކަމެކެވެ. އަދި ރޭގެ މިހަމަލާ ތަހްގީގުކޮށް، މިކަން ކުރި ބަޔަކާ މެދު ޤާނޫނީ ފިޔަވަޅު އެޅުމަށް ކަމާ ބެހޭ ފަރާތްތަކަށް މި ކޮމިޝަނުން ގޮވާލަމެވެ.

   އަދި ބްރޯޑްކާސްޓް މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކަށް ހަމަލާ ރައްދުނުކުރުމަށާއި ބްރޯޑްކާސްޓިންގ ސްޓޭޝަންތަކާއި، އެ ފަރާތްތަކުގެ މުދަލާއި ތަކެއްޗަށް ގެއްލުން ލިބޭ ގޮތަށް އަމަލުތައް ނުބެހެއްޓުމަށް، މުޒާހަރާތަކާއި މިފަދަ ހަރަކާތްތައް އިންތިޒާމްކުރައްވާ ހުރިހާ ފަރާތްތަކަށް މި ކޮމިޝަނުން އިލްތިމާސްކުރަމެވެ.

24 ޖެނުއަރީ 2012