ރޭގެ މުޒާހަރާ ކަވަރުކުރަން އުޅުނު ރާއްޖެ ޓީވީގެ ޖާނަލިސްޓަކަށް ބަޔަކު ހަމަލާދިން މައްސަލަ ބްރޯޑްކާސްޓިންގ ކޮމިޝަނުން ކުށްވެރިކުރުން

February 4, 2012

ނޫސް ބަޔާން

   މާލޭގައި ރޭ ބޭއްވި މުޒާހަރާ ކަވަރުކުރަން އުޅުނު ރާއްޖެ ޓީވީގެ ޖާނަލިސްޓަކަށް ބަޔަކު ހުރަސްއަޅައި އޭނާ އަށް ހަމަލާދީފައިވާތީ، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ހަރުކަށި އިބާރާތުން އެކަން ކުށްވެރިކުރަމެވެ. މިއީ ޑިމޮކްރަސީއެއްގެ މައިގަނޑު އަސާސްކަމުގައިވާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމާ ދެކޮޅަށް ހިންގި ވަރަށް ފިނޑި އަމަލެއްކަމުގައި މި ކޮމިޝަނުން ދެކެމެވެ.

   މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކަށް ފުރައްސާރަކުރުމާއި އެ ފަރާތްތަކަށް އެކި ގޮތްގޮތުން ބިރު ދެއްކުމުގެ އަމަލުތައް ފަހަކަށް އައިސް ގިނަވަމުންދާކަމީ މި ކޮމިޝަނުން ނުހަނު ކަންބޮޑުވާކަމެކެވެ. އަދި ރޭގެ މި ހަމަލާ ތަހްގީގުކޮށް، މިކަން ކުރި ބަޔަކާ މެދު ޤާނޫނީ ފިޔަވަޅު އެޅުމަށް ކަމާ ބެހޭ ފަރާތްތަކަށް މި ކޮމިޝަނުން ގޮވާލަމެވެ. އަދި ބްރޯޑްކާސްޓް މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކަށް ހަމަލާ ރައްދުނުކުރުމަށާއި ބްރޯޑްކާސްޓިންގ ސްޓޭޝަންތަކާއި، އެ ފަރާތްތަކުގެ މުދަލާއި ތަކެއްޗަށް ގެއްލުން ލިބޭ ގޮތަށް އަމަލުތައް ނުބެހެއްޓުމަށް، މުޒާހަރާތަކާއި މިފަދަ ހަރަކާތްތައް އިންތިޒާމްކުރައްވާ ހުރިހާ ފަރާތްތަކަށް މި ކޮމިޝަނުން މި ފުރުސަތުގައި ވެސް އިލްތިމާސްކުރަމެވެ.

12 ރަބީއުލްއައްވަލް 1433

04 ފެބްރުއަރީ 2012