ބްރޯޑްކާސްޓް އެޑްވައިޒަރީ ކޮމިޓީ އިފްތިތާހުކޮށްފި

December 2, 2013

“ބްރޯޑްކާސްޓް އެޑްވައިޒަރީ ކޮމިޓީ”ގެ އިފްތިތާޙީ ބައްދަލުވުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގައި މިއަދު ބާއްވައިފިއެވެ.

ބްރޯޑްކާސްޓް އެޑްވައިޒަރީ ކޮމިޓީ (ބީ.އޭ.ސީ) އަކީ ރާއްޖޭގައި ބްރޯޑްކާސްޓްކުރުމުގެ ޤަވާޢިދުތަކާއި، ސިޔާސަތުތަކާއި އުސޫލުތައް ކަނޑައެޅުމުގައި ބްރޯޑްކާސްޓަރުންނާއި ސްޓޭކް ހޯލްޑަރުންގެ ބައިވެރިވުން އިތުރުކުރުމަށްޓަކައި އެ ފަރާތްތަކުގެ ލަފަޔާއި މަޝްވަރާ ހޯދުމަށް، ކޮމިޝަންގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ ދަށުން އެކުލަވާލެވިފައިވާ ކޮމިޓީއެކެވެ.

މިއަދުގެ ބައްދަލުވުމުގައި ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބު ދެއްކެވި ވާހަކަފުޅުގައި، ބްރޯޑްކާސްޓް އެޑްވައިޒަރީ ކޮމިޓީގެ މެމްބަރުންނަށް މަރުޙަބާ ދަންނަވާ ކުރިއަށް އޮތް ދުވަސްތަކުގައި ގިނަ މަސައްކަތްތަކެއް ކުރަން ހުރިކަން ފާހަގަކުރައްވާ، އެޑްވައިޒަރީ ކޮމިޓީގެ ލަފާފުޅަށް ބޭނުންވާ ކަންކަމުގައި ހުރިހާ މެމްބަރުންގެ ހިއްސާ ލިބޭނޭ ކަމަށް އުންމީދު ކުރައްވާ ކަމާއި މިކަމަކީ އެންމެން ގުޅިގެން ކުރެވޭނޭ ކަމެއް ކަމަށް ފާހަގަކުރެއްވިއެވެ.

ޖުމްލަ 17 މެމްބަރުން ހިމެނޭ ބްރޯޑްކާސްޓް އެޑްވައިޒަރީ ކޮމިޓީގައި ހިމެނެނީ ކޮމާޝަލް ޓީވީ ތަމްސީލުކުރާ ފަރާތްތަކާއި ކޮމާޝަލް ރޭޑިއޯ ތަމްސީލުކުރާ ފަރާތްތަކާއި، ޕަބްލިކް ސާރވިސް ބްރޯޑްކާސްޓަރާއި، މުޅި ރާއްޖެއަށް ރީބްރޯޑްކާސްޓް ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއި އަތޮޅުތެރެއަށް ރީބްރޯޑްކާސްޓް ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއި މި ދާއިރާގެ ސްޓޭކްހޯލްޑަރުންނެވެ.