ބްރޯޑްކާސްޓް އެޑްވައިޒަރީ ކޮމިޓީ އިފްތިތާޙްކޮށްފި

October 31, 2011

ނޫސް ބަޔާން

ބްރޯޑްކާސްޓް އެޑްވައިޒަރީ ކޮމިޓީ އިފްތިތާޙްކޮށްފި

 ބްރޯޑްކާސްޓް އެޑްވައިޒަރީ ކޮމިޓީ އިފްތިތާޙު ކުރުމަށް މިއަދު ކޮމިޝަންގައި ބައްދަލުވުމެއް ބޭއްވުނެވެ.  މި އަދުގެ މި ބައްދަލުވުމުގައި 16 ފަރާތް ބައިވެރިވެވަޑައިގެންފައިވެއެވެ. މި ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ލައިސަންސް ލިބިފައިވާ ބްރޯޑްކާސްޓަރުން، ރީބްރޯޑްކާސްޓަރުން އަދި މިދާއިރާއާ ގުޅުން ހުރި ސަރުކާރު އޮފީސްތަކާއި، މިނިވަން މުއައްސަސާތަކާއި، ޖަމްއިއްޔާތަކެވެ.

ކޮމިޝަންގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން 2011-2015 (SAP) ގައިވާ ގޮތުގެ މަތިން ކޮމިޝަނުން އެކުލަވާލާ ސިޔާސަތުތަކާއި، ޤަވާއިދުތަކާއި، މިންގަނޑުތައް އެކުލަވާލުމުގައި މިކޮމިޓީގެ ލަފާ ހޯދުމަށް ވަނީ ހަމަޖެހިފައެވެ.

މިއަދު ގެ މި ބައްދަލުވުމުގައި ކޮމިޝަންގެ ރައީސް އަލްފާޟިލް ބަދުއްރުއްނަޞީރު ބްރޯޑްކާސްޓް އެޑްވައިޒަރީ ކޮމިޓީގެ މެމްބަރުންނަށް މަރުޙަބާ ދަންނަވާ ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގައި  ބްރޯޑްކާސްޓްކުރާ ފަރާތްތަށް ހަރުދަނާ އުސޫލުތަކެއްގެ ދަށުން  ބްރޯޑްކާސްޓްކުރުމަށް އެހީތެރިވެދޭ ޤަވާއިދުތަކާއި ސުލޫކީ މިންގަނޑުތަކެއް އޮތުމަކީ ވަރަށް މުހިއްމުކަމެއް ކަމުގައި ފާހަގަ ކުރެއްވިއެވެ.

ބްރޯޑްކާސްޓް އެޑްވައިޒަރީ ކޮމިޓީގެ ލަފަޔާއި ޚިޔާލުފުޅު 30 ނޮވެމްބަރ 2011 ވަނަ ދުވަހުގެ ނިޔަލަށް ހުށަހެއްޅުއްވުމަށް ދަންނަވައި، ކޮމިޝަނުން އެކުލަވާލާފައިވާ 13 ކަރުދާހެއް މިއަދުގެ މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ބޭފުޅުންނަށް ތައާރަފް ކުރެވުނެވެ. މި ކަރުދާސްތަކަކީ:

  1. ބްރޯޑްކާސްޓްކުރުމުގެ ޤަވާއިދު
  2. ބްރޯޑްކާސްޓްކުރުމުގެ ޚިދުމަތްދޭ ފަރާތްތަކުން ނަގާ ފީގެ ތާވަލު
  3. ޖޫރިމަނާ ފީގެ ތާވަލު
  4. އިޝްތިހާރު ކުރުމުގެ މިންގަނޑު
  5. ބްރޯޑްކާސްޓްކުރުމުގެ ސުލޫކީ މިންގަނޑު
  6. ޤުދުރަތީ ކާރިޘާތަކާއި ހިތާމަވެރި ހާދިސާތަކާއި ޚާއްސަ ހާލަތްތައް ކަވަރުކުރުމުގައި ގެންގުޅެންވީ މިންގަނޑުތައް
  7.  ބްރޯޑްކާސްޓްކުރުމުގައި ކުޑަކުދިން ހިމާޔަތް ކުރުމަށްޓަކައި ގެންގުޅެންވީ މިންގަނޑު
  8.  ބްރޯޑްކާސްޓް ކުރުމުގައި އަންހެނުންގެ ޙައްޤުތައް ހިމާޔަތް ކުރުމަށްޓަކައި ގެންގުޅެންވީ މިންގަނޑުތައް
  9. ރޭޑިއޯ/ޓީވީ ބްރޯޑްކާސްޓިންގއަށް ފްރީކުއަންސީ ދޫކުރުމުގެ ޤަވާއިދު
  10. ފްރިކުއަންސީ ޕްލޭން
  11.  ޝަކުވާ ހުށަހެޅުމާއި ޝަކުވާ ބަލައިގަތުމުގެ ނިޒާމް
  12. ޝަކުވާ ހުށަހެޅުމާއި ޝަކުވާ ބަލައިގަތުމުގެ މަރުޙަލާތައް ބަޔާންކުރާ ޗާޓް
  13. ޝަކުވާ ހުށަހެޅުމާއި ޝަކުވާ ބަލައިގަތުމުގެ ފޯމު

ބްރޯޑްކާސްޓް އެޑްވައިޒަރީ ކޮމިޓީއަށް މިއަދު ތައާރަފް ކުރެވުނު ޤަވާއިދުތަކާއި މިންގަނޑުތައް، އާންމު ފަރާތްތަކުގެ ޚިޔާލު ހޯދުމަށް ނޮވެމްބަރ މަސް ހުސްވުމުގެ ކުރިން، ކޮމިޝަންގެ ވެބްސައިޓް www.broadcom.org.mv އިން ލިބޭނޭ އިންތިޒާމް ހަމަޖައްސާނެ ވާހަކަ ވެސް ދަންނަވަމެވެ.

31 އޮކްޓޯބަރ  2011