ބްރޯޑްކާސްޓް އެޑްވައިޒަރީ ކޮމިޓީއަށް ކޮމާޝަލް ރޭޑިއޯ ތަމްސީލުކުރުމަށް މެންބަރުން ހޮވުމުގެ އިންތިހާބު މި މަހު 21 ގައި

August 19, 2013

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ބްރޯޑްކާސްޓް އެޑްވައިޒަރީ ކޮމިޓީގައި ކޮމާޝަލް ރޭޑިއޯ ޗެނަލުން މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބު 21 އޮގޮސްޓްގައި ބޭއްވުމަށް ނިންމައި މި އިންތިޚާބުގައިވޯޓުލުމަށް ހުރިހާ ރޭޑިއޯ ޗެނަލަކަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ދައުވަތު އަރުވައިފިއެވެ.

“ބްރޯޑްކާސްޓް އެޑްވައިޒަރީ ކޮމިޓީ” އަކީ ރާއްޖޭގައި ބްރޯޑްކާސްޓްކުރުމުގެ ޤަވާޢިދުތަކާއި، ސިޔާސަތުތަކާއި އުސޫލުތައް ކަނޑައެޅުމުގައި ބްރޯޑްކާސްޓަރުންނާއި ސްޓޭކް ހޯލްޑަރުންގެ ބައިވެރިވުން އިތުރުކުރުމަށްޓަކައި އެ ފަރާތްތަކުގެ ލަފަޔާއި މަޝްވަރާ ހޯދުމަށް، ކޮމިޝަންގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ ދަށުން އެކުލަވާލެވިފައިވާ ކޮމިޓީއެކެވެ.

ބްރޯޑްކާސްޓް އެޑްވައިޒަރީ ކޮމިޓީގައި ކޮމާރޝަލް ބްރޯޑްކާސްޓަރުން ތަމްޞީލްކުރުމަށް 5 މެންބަރުން ހޮވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރެއިން 2 މެންބަރުން ހޮވުމަށް ހަމަޖެހިފައިވަނީ ރޭޑިއޯ ޗެނަލްތަކުން ފޮނުވާ ނަންތަކުގެ ތެރެއިންނެވެ. ރޭޑިއޯ ޗެނަލްތަކުން މެމްބަރުން ހޮވުމަށް ބާއްވާ އިންތިޚާބު 21 އޯގަސްޓް 2013ވާ ބުދަ ދުވަހުގެ 14.00 ން 15.00 އަށް ކޮމިޝަނުގެ ފާން މާލަމުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

 މި ކޮމިޓީގައި ރޭޑިއޯ ޗެނަލްތަށް ތަމްސީލުކުރުމަށް ވާދަކުރައްވާ ފަރާތްތަކަކީ:

ސްޓޭޝަން

ނަން

މަޤާމް

  1. އައިލަންޑް ބްރޯޑްކާސްޓިންގ ކޮމްޕެނީ ޕވޓ ލޓޑ (ވީ އެފް.އެމް)

މުޙައްމަދު އިކްރާމް

ޑ.ޖ/ޕްރޮގްރާމްސް

  1. މޯލްޑިވްސް މީޑިއާ ކޮމްޕެނީ ޕވޓ ލޓޑ (ދި އެފް.އެމް.95.2)

ނިއުމާ އުޤައިލް

ނިއުސް ޖާރނަލިސްޓް

  1. ފްރީ މީޑިއާ (ރޭޑިއޯ އެފް. އެމް)

ފައްޔާޒް އިސްމާޢީލް

މެނޭޖިންގ ޑިރެކްޓަރ

މި އިންތިޚާބުގައި ވޯޓުލުމަށް ރޭޑިއޯ ސްޓޭޝަނަކުން އެ ސްޓޭޝަނެއްގެ ފަރާތުން ވޯޓުލާނޭ ފަރާތެއް 19 އޮގަސްޓް 2013 ވާ ހޯމަ ދުވަހުގެ 12:00 ކުރިން ކޮމިޝަނަށް އެންގުމަށް ކޮމިޝަނުން ވަނީ އަންގާފައެވެ.

ބްރޯޑްކާސްޓް އެޑްވައިޒަރީ ކޮމިޓީގެ މަސްޢޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެނީ ރާއްޖޭގެ ބްރޯޑްކާސްޓްކުރުމުގެ ޤަވާއިދުތަކާއި، ސިޔާސަތުތަކާއި އުސޫލުތައް އެކުލަވާލާ އިޞްލާހުކުރުމުގައި ކޮމިޝަނަށް ލަފާ ދިނުމާއި ބްރޯޑްކާސްޓިންގ ސިނާއަތު ތަރައްޤީކުރުމަށް ކޮމިޝަނުން ކުރާ މަސައްކަތްތަކުގައި ކޮމިޝަނަށް ލަފާދިނުމާއި ބްރޯޑްކާސްޓް ސިނާއަތަށް ދިމާވާ މައްސަލަތައް ކޮމިޝަންގެ ސަމާލުކަމަށް ގެނައުމެވެ.

ބްރޯޑްކާސްޓް އެޑްވައިޒަރީ ކޮމިޓީގައި ކޮމާރޝަލް ޓީވީ ޗެނަލް ތަމްސީލުކުރުމަށް 05 އޮގަސްޓް 2013 ގައި ވަނީ 03 ފަރާތެއް އިންތިޚާބުކޮށްފައެވެ. ރޭޑިއޯ ޗެނަލްއަށް 2 މެންބަރުން އިންތިޚާބުކުރުމުން މި ކޮމިޓީއަށް މީހުން އިންތިޚާބުކޮށް ނިމި ކޮމިޓީގެ މަސައްކަތް ފެށިގެން ދާނެއެވެ.