ބްރޯޑްކާސްޓް އެޑްވައިޒަރީ ކޮމިޓީއަށް ކޮމާރޝަލް ރޭޑިއޯ ޗެނަލް ތަމްސީލުކުރަން ދެ މެންބަރުން އިންތިޚާބުކޮށްފި

August 21, 2013

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ބްރޯޑްކާސްޓް އެޑްވައިޒަރީ ކޮމިޓީ (ބީއޭސީ) އަށް ކޮމާޝަލް ރޭޑިއޯ ޗެނަލްތައް ތަމްސީލުކުރުމަށް ދެ މެންބަރުން މިއަދު އިންތިޚާބުކޮށްފިއެވެ.

މިއަދު އޮތް މި އިންތިޚާބުން ބްރޯޑްކާސްޓް އެޑްވައިޒަރީ ކޮމިޓީއަށް ހޮވިފައިވާ ފަރާތްތަކަކީ ވޯޓުލީ 4ފަރާތުގެ އިއްތިފާގުން ރޭޑިއޯ އެފް.އެމްގެ މެނޭޖިންގ ޑިރެކްޓަރ ފައްޔާޟް އިސްމާޢިލް އާއި ދެން ވާދަކުރެއްވި ދެފަރާތްކަމުގައިވާ ވީއެފް.އެމްގެ ގެ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު އިކުރާމާއި ދި އެފް.އެމް 95.2 ގެ ނިއުމާ އުގެއިލް އަށް 2 ވޯޓުން އެއްވަރުވެފައިވާތީ މި އިންތިޚާބުގެ ދެވަނަ ބުރުގައި މި ދެބޭފުޅުން ވާދަކޮށް ބްރޯޑްކާސްޓް އެޑްވައިޒަރީ ކޮމިޓީއަށް 3 ވޯޓު ލިބިގެން ހޮވިފައިވަނީ ވީއެފް.އެމްގެ ގެ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު އިކުރާމްއެވެ.

ކޮމާރޝަލް ރޭޑިއޯ ޗެނަލްތަކުން ނިސްބަތްވާ 4  ފަރާތުން މި އިންތިޚާބުގައި ވަނީ ބައިވެރިވެ ވޯޓުލާފައެވެ.  އިންތިޚާބުގައި ބައިވެރިވުމަށް ހުރިހާ ކޮމާޝަލް ރޭޑިއޯއަކަށް ބްރޯޑްކާސްޓިންގް ކޮމިޝަނުން ވަނީ ދައުވަތު ދީފައެވެ.

ކޮމާޝަލް ރޭޑިއޯ ޗެނަލް ތަމްސީލުކުރުމަށް ބްރޯޑްކާސްޓް އެޑްވައިޒަރީ ކޮމިޓީއަށް ހޮވުނު ފަރާތްތަކަށް ކޮމިޝަނުގެ ރައީސް މުޙައްމަދު ޝަހީބު ބައްދަލުކުރައްވައި ވަނީ މަރުޙަބާ ދަންނަވާފައެވެ. ރައީސްގެ ވާހަކަފުޅުގައި މި ކޮމިޓީއަށް ބްރޯޑްކާސްޓް ދާއިރާގެ ސްޓޭކްހޯލްޑަރުން ހަމަޖެހުމުން ކޮމިޓީ އެކުލަވާލާ ނިމެނޭ ކަމަށާއި ހޮވުނު ފަރާތްތަކުގެ އެހީތެރިކަމާއި ލަފާޔާ އެކު ރާއްޖޭގެ ބްރޯޑްކާސްޓް ދާއިރާ އަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.

ބްރޯޑްކާސްޓް އެޑްވައިޒަރީ ކޮމިޓީގެ މަސްޢޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެނީ ރާއްޖޭގެ ބްރޯޑްކާސްޓްކުރުމުގެ ޤަވާއިދުތަކާއި، ސިޔާސަތުތަކާއި އުސޫލުތައް އެކުލަވާލާ އިޞްލާހުކުރުމުގައި ކޮމިޝަނަށް ލަފާ ދިނުމާއި ބްރޯޑްކާސްޓިންގ ސިނާއަތު ތަރައްޤީކުރުމަށް ކޮމިޝަނުން ކުރާ މަސައްކަތްތަކުގައި ކޮމިޝަނަށް ލަފާދިނުމާއި ބްރޯޑްކާސްޓް ސިނާއަތަށް ދިމާވާ މައްސަލަތައް ކޮމިޝަންގެ ސަމާލުކަމަށް ގެނައުމެވެ.