ކޮމިޝަނާ މެދު ހަޤީޤަތް އޮޅޭ ގޮތަށް މަޢުލޫމާތު ނުފެތުރުމަށް ޕީ.އެސް.އެމް.އަށް އިލްތިމާސްކޮށްފި

June 3, 2019

ކޮމިޝަނުގެ ޒިންމާ އަދާކުރުމާގުޅޭ ގޮތުން ސުވާލު އުފައްދާ އަދި ހަޤީޤަތް އޮޅޭ ގޮތަށް މަޢުލޫމާތު ނުފެތުރުމަށް ޕަބްލިކް ސަރވިސް މީޑިއާ (ޕީ.އެސް.އެމް) އަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އިލްތިމާސްކޮށްފިއެވެ.

ތިރީގައި މިވަނީ މިކަމާ ގުޅިގެން ކޮމިޝަނުން މިއަދު ޕީ.އެސް.އެމް.އަށް ފޮނުވާފައިވާ ސިޓީގެ މުހިންމު ބައިތަކެވެ.

“31 ޑިސެންބަރ 2017 ދުވަހުގެ ރޭ އައު އަހަރު ފާހަގަކުރުމުގެ ގޮތުން ބޭއްވި ހަފްލާ ޓީވީއެމް އިން ލައިވްކުރިއިރު ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ 2 ވަނަ ހަމައިގެ 1 ވަނަ ނަންބަރާ ޚިލާފުވެގެން އެކަމަށް މާފަށް އެދި ބަޔާނެއް ނެރުމަށާއި އެ ބަޔާން 4 މާރިޗު 2018 ގެ ކުރިން ޢާއްމުކުރުމަށް 20 ފެބްރުއަރީ 2018 ގައި ތިޔަ ކުންފުންޏަށް އަންގާފައިވާ އެންގުން ތަންފީޒުކުރުމުގެ ގޮތުން 22 މެއި 2019 ގައި ތިޔަ މީޑިއާއިން ނެރުއްވާފައިވާ ބަޔާނުގައި މި ކޮމިޝަނުން މި މައްސަލައިގައި އަމަލުކޮށްފައިވާ ގޮތާ ބެހޭގޮތުން ހަޤީޤަތް އޮޅޭ ގޮތަށް ބައެއް ވާހަކަ ހިމަނުއްވާފައިވާކަމަށް ކޮމިޝަނަށް ފާހަގަކުރެވޭތީ ދަންނަވަމެވެ.

މި މައްސަލައިގެ ނިންމުން ތަންފީޒުކުރުމަށް 20 ފެބްރުއަރީ 2018 ގައި ޕަބްލިކް ސަރވިސް މީޑިއާއަށް އެންގުމަށްފަހު އެ ނިންމުން ތަންފީޒުކޮށްފައި ނުވާތީ، 9 އޭޕްރިލް 2018 ގައި މި މައްސަލަ ތަންފީޒުކުރުމަށް ކޯޓަށް ހުށަހެޅުމަށްޓަކައި އެޓަރނީ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާނެއެވެ. ނަމަވެސް އެޓަރނީ ޖެނެރަލްގެ އޮފީހުން، މި މައްސަލައިގައި ދެ ފަރާތް ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރުމަށް އެދިވަޑައިގެން މި ކޮމިޝަނަށް ޖަވާބު ދެއްވާފައިވަނީ 2018 ގެ އޮކްޓޫބަރ މަހުގެ ތެރޭގައެވެ. އެހެންކަމުން މި މައްސަލައިގެ ނިންމުން ތަންފީޒުކުރުމުގެ ގޮތުން ޕީ.އެސް.އެމް އާ ވާހަކަ ދެއްކުމަށްޓަކައި 24 އޭޕްރިލް 2019 ގައި ބައްދަލުވުމެއް ބޭއްވުމަށްފަހު އެ ބައްދަލުވުމުގައި ތިޔަ މީޑިއާއިން ދެއްވި މައުލޫމާތަށް ރިއާޔަތްކުރުމަށްފަހު، މި މައްސަލައިގެ ނިންމުން ތަންފީޒުކުރަންޖެހެނީ ޕަބްލިކް ސަރވިސް މީޑިއާގެ މައްޗަށް ކަމަށާއި ޕަބްލިކް ސަރވިސް މީޑިއާގެ މެނެޖްމަންޓް ބަދަލުވުމަކީ މި ނިންމުން ތަންފީޒުކުރުމަށް އެންގުމަށް އޮތް ހުރަހެއް ނޫންކަމަށް ވާތީ، މި ނިންމުން 26 މެއި 2019 ގެ ކުރިން ތަންފީޒުކުރުމަށް އިތުރު ފުރުޞަތެއް ދިނުމަށް ފަހު 15 މެއި 2019 ގައި މިކަން ވާނީ ތިޔަ މީޑިއާއަށް އަންގާފައެވެ.

22 މެއި 2019 ގައި ތިޔަ މީޑިއާއިން ނެރުއްވާފައިވާ ބަޔާނުގައި، މި ކޮމިޝަނުން މި ނިންމުން ތަންފީޒުކުރުވުމަށް ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްނުކޮށް އޮތުމަށް ފަހު ސަރުކާރު ބަދަލުވުމަށް ފަހު ޕީ.އެސް.އެމް ގެ އައު މެނެޖްމަންޓެއް ކަނޑައެޅުއްވުމުން މި ކަން ތަންފީޒުކުރުމުގެ މަސައްކަތްކުރަން ފެށިކަމަށް ވިދާޅުވެފައި އޮތްނަމަވެސް، މި މައްސަލައިގައި މި ކޮމިޝަނުން އަމަލުކޮށްފައިވާނީ ޕީ.އެސް.އެމްގެ ބަޔާނުގައި ތުހުމަތުކޮށްފައިވާ އެއްވެސް ކަމަކާ ގުޅުމެއް ނެތި، އެހެން މައްސަލަތަކުގައިވެސް މި ކޮމިޝަނުން އަމަލުކުރާ އުސޫލުންކަމުގައި ދަންނަވަމެވެ.

އިސްވެ ބަޔާންކުރެވުނު ކަންކަން އެހެން ހުރުމާއެކު، މި ކޮމިޝަނުގެ ޒިންމާ އަދާކުރުމާގުޅޭ ގޮތުން ސުވާލު އުފެދި އަދި ހަޤީޤަތް އޮޅޭ ފަދަ ވާހަކަތަކެއް ތިޔަ ފަރާތުން އާއްމުކުރެއްވި ބަޔާނުގައި ހިމަނުއްވާފައިވާތީ، މި ކަމަކީ ދައުލަތުގެ މީޑިއާއިން ދައުލަތުގެ އެހެން މުއްސަސާއެއްގެ އަގު ވެއްޓޭގޮތަށް ކޮށްފައިވާ ޒިންމާދާރުކަން ކުޑަ އަމަލެއްގެ ގޮތުގައި މި ކޮމިޝަނުން ހިތާމައާއެކު ފާހަގަކުރަމެވެ. އަދި ވަކި ފަރާތަކަށް ނުޖެހި ރަނގަޅު ޕަބްލިކް ސަރވިސް ބްރޯޑްކާސްޓަރެއްގެ ޚިދުމަތް ދިނުމަށް އަމާޒު ހިފައިގެން ތިޔަ މީޑިއާއިން މަސައްކަތްކުރައްވާ މި ދަނޑިވަޅުގައި، ކުރިއަށް އޮތް ތަނުގައި މި ފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް ސަމާލުކަން ދެއްވުމަށްވެސް ކޮމިޝަނުން އިލްތިމާސްކުރަމެވެ.”