ނޫސްވެރިކަމުގެ ހަމަތަކަށް ބްރޯޑްކާސްޓަރުން ފަރުވާތެރިވުމަށް ކޮމިޝަންގެ ރައީސް އިލްތިމާސްކުރައްވައިފި

October 4, 2017

ނޫސްވެރިކަމުގެ އިންތަކާއި މިންތަކާއި ހަމަތަކަށް ބްރޯޑްކާސްޓަރުން ފަރުވާތެރިވުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސް މުޙައްމަދު ޝަހީބު އިލްތިމާސްކުރައްވައިފިއެވެ.

ކޮމިޝަންގެ ރައީސް މިކަމަށް އިލްތިމާސްކުރެއްވީ ދިވެހިރާއްޖޭގެ ބްރޯޑްކާސްޓްކުރުމުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިޠާބުގައެވެ. ތިރީގައި މިވަނީ ދުވަހުގެ މުނާސަބަތުގައި ކޮމިޝަންގެ ރައީސް ދެއްވި ޚިޠާބުގެ މުހިންމު ބައިތަކެވެ.

“ބްރޯޑްކާސްޓިންގ ދުވަސް ފާހަގަކުރުމުގެ މަގްސަދަކީ ޤައުމު ބިނާކުރުމާއި، ޑިމޮކްރެސީ އާލާކުރުމާއި، ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކޮށް މަޢުލޫމާތު މުއްސަނދި ކުރުމުގައި ބްރޯޑްކާސްޓަރުން އަދާކުރާ މުހިއްމު ދައުރުގެ އަގު ވަޒަންކުރުމާއި، މި ސިނާޢަތުގެ ތަރައްޤީއަށް މަގުފަހިކުރުން.

ބްރޯޑްކާސްޓްކުރުމަކީ ދޭ ދޭ ފަރުދުންގެ ފިކުރީ ތަރައްޤީއާއި ޤައުމުތަކުގެ އިޤްޠިޞާދީ ތަރައްޤީއާއި ތަހުޒީބުގެ މުހިންމު އަސާސެއް. ބާރުމިނެއްގައި ދުނިޔެ ބަވަނަވަމުންދިއުމުގެ މުހިންމު މޭސްތިރިއެއް. މުޖުތަމަޢުގެ ހެވާއި ލާބައަށް މަސައްކަތްކުރާ އަލިގަދަ ދަންމަރެއްގެ ޒިންމާ އަދާކުރާ ފަރާތެއް. ޢާންމުންގެ ވިސްނުން މުއްސަނދިކޮށްދީ ތާޒާކޮށްދޭ މަދަދުވެރިއެއް. އެތައް ފަރުދުނެއްގެ ދިރިއުޅުން މިކަމުގެ މައްޗަށް ބިނާވެފައިވާ ކަމެއް. ބްރޯޑްކާސްޓިން ކުރިއަރުވައި ތަރައްގީކޮށް އެ މަސައްކަތުގެ އަގުވަޒަންކުރަން ޖެހިފައި ވަނީ މިފަދަ އެތައް އެތައް ސަބަބުތަކުގެ މައްޗަށް ބިނާވެގެން. މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މަސައްކަތް ވެސް ބައްޓަންވެ، ހިނގަމުން، ކުރިއަރަމުން މިދަނީ މިގޮތުގެ މަތިން.

ރާއްޖޭގައި ބްރޯޑްކާސްޓްކުރުމަށް މިހާތަނަށް 43 ލައިސަންސް ވަނީ ދޫކޮށްފައި. އެއީ 31 ޓީވީ ޗެނަލާއި 12 ރޭޑިއޯ ޗެނަލްގެ ލައިސަންސް. އަދި މީގެ އިތުރުން، ރީބްރޯޑްކާސްޓްކުރުމަށް ނުވަތަ ކޭބަލް ޓީވީ ޚިދުމަތް ފޯރުވައިދިނުމަށް 122 ލައިސަންސް ވަނީ ދޫކޮށްފައި. މީގެ ތެރޭގައި މުޅި ރާއްޖެއަށް ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ދިނުމަށް ލައިސަންސް ދޫކޮށްފައިވާ 5 ފަރާތެއް ވެސް ހިމެނޭ.

ބްރޯޑްކާސްޓްކުރުމުގެ ދާއިރާގެ ތަރައްޤީއަށް ބޭނުންވާ ތަމްރީނު ޕްރޮގްރާމްތައް ރާއްޖެއިން ބޭރުން ހަމަޖެއްސުމަށް ޓަކައި ކަމާ ބެހޭ ފަރާތްތަކާ އެކު މި ދަނީ އިތުރަށް މަޝްވަރާކުރަމުން. އެގޮތުން، ކޮމިޝަންގެ ވަފުދެއް، ޗައިނާ ސަރުކާރުގެ ދަޢުވަތަކަށް ބީޖިންގއަށް ކުރި ތަޖުރިބާގެ ދަތުރުގައި، އެޤައުމުގެ މީޑިއާ ހިންގުމުގެ އެންމެ އިސްފަރާތްތަކާ ބައްދަލުކޮށް، ރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާގެ ތަރައްޤީއަށް ޗައިނާ ސަރުކާރުން ވެދެއްވެން އޮތް އެހީތެރިކަމާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައި.

ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ރާއްޖޭގައި ފުޅާވަމުންދާ މިދަނޑިވަޅުގައި، އެ ޚިދުމަތް ދޭ އަދި ޚިދުމަތް ފެށުމަށް ތައްޔާރުވަމުންދާ ފަރާތްތަކާ ބައްދަލުކޮށް، އެފަރާތްތަކުން ރީބްރޯޑްކާސްޓިންގެ ޚިދުމަތް ދެމުންދާ ގޮތާއި، މި ޚިދުމަތް ފުޅާ ކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭ ގޮތުން އެފަރާތްތަކާ ބައްދަލުކޮށް މަޝްވަރާތައް ކޮށްފައިވޭ. މި ބައްދަލުވުންތަކުން ފާހަގަކުރެވުނެ، ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ހަރުދަނާކުރުމަށް ކޮމިޝަނަށް ކުރެވިދާނެ ކަންކަން ދެނެގަނެ، އެ ފިޔަވަޅުތައް ދަނީ އަޅަމުން.

ބްރޯޑްކާސްޓަރުން ފޮނުވާ ކޮންޓެންޓުގެ ޒިންމާދާރުކަމާއި ފެންވަރު ބެލުމުގެ މަސައްކަތް ކެނޑިނޭޅި ކޮމިޝަނުން ކުރަމުންދާ ކަމުގައި ވެސް ފާހަގަކުރަން. އެކި އެކި ޙާލަތްތަކާ ގުޅިގެން، ޒިންމާދާރުކަމާއެކު ތެދު މަޢުލޫމާތާއި، ޤައުމީ ސަލާމަތަށް އިސްކަންދީގެން ޚަބަރު ފެތުރުމަށް އަބަދުވެސް ކޮމިޝަނުން ދަނީ ބްރޯޑްކާސްޓަރުންނަށް އިލްތިމާސްކުރަމުން. ބްރޯޑްކާސްޓަރުން ފޮނުވާ ކޮންޓެންޓަކީ ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި ގަވާއިދާ އަދި މިކަންކަމާ ގުޅޭ އެންމެހާ ހަމަތަކާ އެއްގޮތަށް ފޮނުވާ ކޮންޓެންޓްކަން ކަށަވަރުކުރުމުގެ ޒިންމާވެސް ކޮމިޝަނުން ދަނީ އުފުލަމުން.

ކޮމިޝަން އުފެދުނީއްސުރެ މިހާތަނަށް ބްރޯޑްކާސްޓް ދާއިރާއާ ގުޅޭގޮތުން521  ޝަކުވާ ވަނީ ލިބިފައި. މީގެ ތެރެއިން 219 ޝަކުވާ އަކީ ބްރޯޑްކާސްޓްކުރެވޭ ކޮންޓެންޓާ ގުޅުން ހުރި ޝަކުވާ. އަދި  240 ޝަކުވާއަކީ ލައިސަންސްގެ މައްސަލަތަކާ ގުޅުންހުރި ޝަކުވާ. މީގެ އިތުރުން ޚިދުމަތާއި އަދި އެހެނިހެން މައްސަލަތަކުގެ ގޮތުގައި 40 ޝަކުވާ ވެސް ލިބިފައިވޭ.

އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނަށް 11 އޮގަސްޓް 2016ގައި އަމަލުކުރަން ފެށުމަށްފަހު އަބުރާ ގުޅުންހުރި 22 ޝަކުވާއެއް ކޮމިޝަނަށް ހުށަހެޅިފައިވޭ.

މިހާތަނަށް ކޮމިޝަނަށް ހުށަހެޅިފައިވާ ޝަކުވާތަކުގެ ތެރެއިން އަދި ބަލައި ނުނިމި 17 ޝަކުވާއެއްވޭ. މީގެ ތެރޭގައި ހިމެނެނީ ލައިސަންސްގެ މައްސަލަތަކާ ގުޅޭ 11 ޝަކުވާއާއި އަބުރާ ގުޅުންހުރި 4 މައްސަލަ.

އަބުރު ރައްކާތެރިކުރުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނު އުފަންވުމާ ގުޅިގެން، އެޤާނޫނުގެ ދަށުން، މި ކޮމިޝަނުން ހަދަންޖެހޭ ގަވާއިދުތަކާއި އުސޫލްތައް ހެދުމުގެ މަސައްކަތް މިހާރު ވަނީ ނިމުމުގެ މަރުހަލާގައި. އަދި މީގެ ހަ އަހަރު ކުރިން، ކޮމިޝަނުން އެކުލަވާލައިފައިވާ ބްރޯޑްކާސްޓްކުރުމުގެ ގަވާއިދާއި ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދު މުރާޖާކުރުމުގެ މަސައްކަތް ވެސް މި މަސައްކަތުގެ ތެރޭގައި ހިމެނޭ.

އަޅުގަނޑުމެންގެ މި ޤައުމުގެ ދީނީ ވަހުދަތާއި އިންސާނީ ކަރާމާތް ރައްކާތެރިކުރުމާއި ޤައުމިއްޔަތު ދިރުވުމާއި ދެމެހެއްޓެނިވި ގޮތެއްގައި މި ކަންކަން އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށްޓަކައި ބްރޯޑްކާސްޓަރުންގެ ދައުރުގެ މުހިންމުކަން އިޚްލާސްތެރި ހިތަކުން ޤަބޫލުކޮށް، މިކަމަށް ކެނޑިނޭޅި މަސައްކަތްކުރުމަށް ގޮވާލަން. ޒާތީ ތަޢައްސުބުން އެއްކިބާވެ ހުރެ، މުޖުތަމަޢުގެ އިސްލާޙަށާއި އިންސާފަށް މަސައްކަތްކުރާ ބަޔަކަށް ވުމަށް ބްރޯޑްކާސްޓަރުންނަށާއި ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ނަސޭޙަތްތެރިވަން. ނޫސްވެރިކަމުގެ އިންތަކާ މިންތަކާ ހަމަތަކަށް ފަރުވާތެރިވާ، އެކަމަށް ތަރުހީބުދީ ތެދުވެރިކަމާއި ފަންނުވެރިކަން ކުރިއަށް ނެރިގެން މި ލޮބުވެތި ދިވެހި ފަސްގަނޑުގެ ކުރިއެރުމަށް މަސައްކަތްކުރާ ބަޔަކަށް ބްރޯޑްކާސްޓަރުން ވުމަށް އަޅުގަނޑު އިލްތިމާސްކުރަން.”