ލޫދިފައިވާ ޤައުމުގެ އިޖުތިމާއީ ފޭރާން އަލުން ވިޔުމަށް ހުރިހާ ބްރޯޑްކާސްޓަރުން ގުޅިގެން، އެކުގައި މަސައްކަތް ކުރުމަށް ކޮމިޝަންގެ ރައީސް އިލްތިމާސްކުރައްވައިފި

October 4, 2018

ލޫދިފައިވާ ޤައުމުގެ އިޖުތިމާއީ ފޭރާން އަލުން ވިޔުމަށް ހުރިހާ ބްރޯޑްކާސްޓަރުން ގުޅިގެން، އެކުގައި މަސައްކަތް ކުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސް މުޙައްމަދު ޝަހީބު އިލްތިމާސްކުރައްވައިފިއެވެ.

ކޮމިޝަންގެ ރައީސް މިކަމަށް އިލްތިމާސްކުރެއްވީ ދިވެހިރާއްޖޭގެ ބްރޯޑްކާސްޓްކުރުމުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިޠާބުގައެވެ. ތިރީގައި މިވަނީ ދުވަހުގެ މުނާސަބަތުގައި ކޮމިޝަންގެ ރައީސް ދެއްވި ޚިޠާބުގެ މުހިންމު ބައިތަކެވެ.

“މިއަދު އަޅުގަނޑުމެން މި ފާހަގަކުރާ ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިންގ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ އެންމެހާ ބްރޯޑްކާސްޓަރުންނަށާއި ބްރޯޑްކާސްޓް ދާއިރާގައި މަސައްކަތްކޮށްދެއްވާފައިވާ އެންމެހައި ފަރާތްތަކަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ނައިބު ރައީސާއި ކޮމިޝަނަރުންނާއި އެންމެހައި މުވައްޒަފުންގެ ނަމުގައި ނުހަނު އިޚްލާސްތެރިކަމާ އެކު ތަޙުނިޔާ އާއި މުބާރަކުބާދު އަރިސްކުރަން.

ރާއްޖޭގެ ބްރޯޑްކާސްޓަރުން ދާއިރާގެ ކުރިއެރުމަށާއި ތަރައްޤީއަށް ކުރައްވާ ހީވާގި، އުފެއްދުންތެރި މަސައްކަތްތައް ފާހަގަކޮށް، އެ މަސައްކަތުގެ އަގުވަޒަންކޮށް އެކަމަށްޓަކައި ޝުކުރުދަންނަވަން. އަދި ކަމަށް ޤާބިލް ނޫސްވެރިންނާއި ދާއިރާއަށް ބޭނުންވާ ފަންނުވެރިންގެ ޖީލެއް އުފެއްދުމަށް ބްރޯޑްކާސްޓަރުން ކުރަމުންދާ މަސައްކަތްވެސް މި ފުރުސަތުގައި ފާހަގަކުރަން.

ބްރޯޑްކާސްޓިންގ ދުވަސް ފާހަގަކުރުމުގެ މަގްސަދަކީ ޤައުމު ބިނާކުރުމާއި، ޑިމޮކްރެސީ އާލާކުރުމާއި، ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކޮށް މަޢުލޫމާތު މުއްސަނދި ކުރުމުގައި ބްރޯޑްކާސްޓަރުން އަދާކުރާ މުހިއްމު ދައުރުގެ އަގު ވަޒަންކުރުމާއި، މި ސިނާޢަތުގެ ތަރައްޤީއަށް މަގުފަހިކުރުން.

ރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާއަށް ބަލާއިރު މި ދާއިރާ އަންނަނީ އެއް ދުވަހުން އަނެއް ދުވަހަށް ތަރައްޤީގެ އެންމެ އުސްމިންތައް ޙާސިލްކުރަމުން. މި ދާއިރާގައި ޕަބްލިކް ސާރވިސް ބްރޯޑްކާސްޓަރުގެ އިތުރުން ގިނަ އަދަދެއްގެ ޕްރައިވެޓް ބްރޯޑްކާސްޓަރުން ހަރަކާތްތެރިވަމުން އަންނައިރު މި ފަރާތްތަކުން އަންނަނީ އަޅުގަނޑުމެންގެ މި ދީބުގެ ރައްޔިތުންނަކީ މަޢުލޫމާތުގެ ގޮތުން މުއްސަނދި، ދިރިއުޅުމުގެ އެންމެހާ ދާއިރާތަކަށް ލޯހުޅެވޭ ބަޔަކަށް ހެދުމަށާއި، މުޖުތަމަޢުގެ ވިސްނުން ތަރައްޤީކުރުމަށް، ޚާއްސަކޮށް ދީނާއި ޤައުމިއްޔަތާއި، ސިޔާސީ، އިޖްތިމާއީ އަދި އިޤްތިސާދީ ކަންކަމަށް އަލިއަޅުވާ ގިނަ ކޮންޓެންޓްތަކެއް ފޮނުވަމުން.

ރާއްޖޭގައި ބްރޯޑްކާސްޓްކުރުމަށް މިހާތަނަށް 43 ލައިސަންސް ވަނީ ދޫކޮށްފައި. އެއީ 31 ޓީވީ ޗެނަލާއި 12 ރޭޑިއޯ ޗެނަލްގެ ލައިސަންސް. އަދި މީގެ އިތުރުން، ރީބްރޯޑްކާސްޓްކުރުމަށް ނުވަތަ ކޭބަލް ޓީވީ ޚިދުމަތް ފޯރުވައިދިނުމަށް 120 ލައިސަންސް ވަނީ ދޫކޮށްފައި. މީގެ ތެރޭގައި މުޅި ރާއްޖެއަށް ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ދިނުމަށް ލައިސަންސް ދޫކޮށްފައިވާ 4 ފަރާތެއް ވެސް ހިމެނޭ.

ބްރޯޑްކާސްޓަރުން ފޮނުވާ ކޮންޓެންޓުގެ ޒިންމާދާރުކަމާއި ފެންވަރު ބެލުމުގެ މަސައްކަތް ކެނޑިނޭޅި ކޮމިޝަނުން ކުރަމުންދާ ކަމުގައި ވެސް ފާހަގަކުރަން. ޤައުމީ ސަލާމަތާއި އިސްތިޤްލާލަށް ހުރުމަތްތެރިކޮށް ހިތުމަށާއި، އެކި އެކި ޙާލަތްތަކާ ގުޅިގެން، ޒިންމާދާރުކަމާއެކު ތެދު މަޢުލޫމާތާއި، ކަމާބެހޭ އިދާރާތަކުގެ ބަހާ އެކު ބްރޯޑްކާސްޓްކުރުމަށް އަބަދުވެސް ކޮމިޝަނުން ދަނީ ބްރޯޑްކާސްޓަރުންނަށް އިލްތިމާސްކުރަމުން. ބްރޯޑްކާސްޓަރުން ފޮނުވާ ކޮންޓެންޓަކީ ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި ގަވާއިދާއި އުސޫލުތަކާ އަދި މިންގަނޑުތަކާ އެއްގޮތަށް ފޮނުވާ ކޮންޓެންޓްކަން ކަށަވަރުކުރުމުގެ ޒިންމާވެސް ކޮމިޝަނުން ދަނީ އުފުލަމުން.

ކޮމިޝަން އުފެދުނީއްސުރެ މިހާތަނަށް ބްރޯޑްކާސްޓް ދާއިރާއާ ގުޅޭގޮތުން571  ޝަކުވާ ވަނީ ލިބިފައި. މީގެ ތެރެއިން 220 ޝަކުވާ އަކީ ބްރޯޑްކާސްޓްކުރެވޭ ކޮންޓެންޓާ ގުޅުން ހުރި ޝަކުވާ. އަދި  283 ޝަކުވާއަކީ ލައިސަންސްގެ މައްސަލަތަކާ ގުޅުންހުރި ޝަކުވާ. މީގެ އިތުރުން ޚިދުމަތާއި އަދި އެހެނިހެން މައްސަލަތަކުގެ ގޮތުގައި 40 ޝަކުވާ ވެސް ލިބިފައިވޭ.

އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނަށް 11 އޮގަސްޓް 2016ގައި އަމަލުކުރަން ފެށުމަށްފަހު އަބުރާ ގުޅުންހުރި 28 ޝަކުވާއެއް ކޮމިޝަނަށް ހުށަހެޅިފައިވޭ.

މިހާތަނަށް ކޮމިޝަނަށް ހުށަހެޅިފައިވާ ޝަކުވާތަކުގެ ތެރެއިން އަދި ބަލައި ނުނިމި  11  ޝަކުވާއެއްވޭ. އަދި މި މައްސަލަތަކަކީ ލައިސަންސްއާ ގުޅޭ 11 މައްސަލަ.

ކޮމިޝަނުން މި އަހަރު ތެރޭގައި ކޮށްފައިވާ އެންމެ ފާހަގަކޮށްލެވޭ އެއް މަސައްކަތަކީ މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ބްރޯޑްކާސްޓްކުރި ކޮންޓެންޓް މޮނިޓަރކޮށް އެ ކަމާ ގުޅޭ ރިޕޯޓް އެކުލަވާލުމުގެ މަސައްކަތް. ކޮމިޝަނުގެ މަދު މުވައްޒަފުންނާ އެކު، ލިބިފައިވާ މަދު ވަސީލާތްތަކާ އެކުގައި ވެސް މި ރިޕޯޓް ނެރުމުގެ މަޤްސަދަކީ، ބްރޯޑްކާސްޓަރުންނަށް އިންތިޚާބު ކަވަރުކުރުމުގައި ޤާނޫނާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމާ އެކު ޢާއްމު ރައްޔިތުން އިންތިޚާބާ ގުޅުން ހުރި ކަންކަމަށް ހޭލުންތެރިކުރުމަށް ކޮށްފައިވާ މަސައްކަތްތައް ދެނެގަތުމާއި ސައްޙަ މަޢުލޫމާތު އާޢްމު ރައްޔިތުންނަށް ފޯރުވާފައިވާ މިންވަރު ދެނެގަތުން. އަދި ރިޔާސީ އިންތިޚާބުގެ ކަވަރޭޖް ބްރޯޑްކާސްޓަރުން ގެނެސްދިނުމުގައި ހުރިހާ ކެންޑިޑޭޓުންގެ ބަސް ހަމަހަމަ ކަމާއެކު ގެނެސްދިނުމަށް މަސައްކަތްކޮށްފައިވާ މިންވަރު ދެނެގަތުން.

ބްރޯޑްކާސްޓިންގ ދުވަސް މި އަހަރު ފާހަގަކުރާއިރު، މި އަހަރުގެ ރިޔާސީ އިންތިޚާބު މި ވަނީ އަމާންކަމާއެކު ނިމި ކުރިއަށް އޮތް 5 އަހަރަށް ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ބޭފުޅަކު ރައްޔިތުން ހޮވާފައި. އެހެންކަމުން މި ފުރުޞަތުގައި ރިޔާސީ އިންތިޚާބު ކާބިޔާބު ކުރެއްވި އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހަށާއި އިންތިޚާބީ ނާއިބު ރައީސް ފައިސަލް ނަސީމަށް ނުހަނު އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި މުބާރަކްބާދު ދަންނަވަން.

ވޭތިވެ ދިޔަ ދުވަސްތަކުގައި ހަލަބޮލިކަން ތަޖުރިބާކުރަންޖެހުނު ދިވެހިރާއްޖޭގެ ސިޔާސީ ވެށި ފިނިކޮށް ސުލްހަ މަސަލަސްކަމާއި ހަމަޖެހުމަށް ވާސިލްކޮށްދިނުމަށް ހުރިހާ ބްރޯޑްކާސްޓަރުންގެ ވިސްނުން އެއްގޮތްކޮށް، އަތުގުޅާލައިފި ނަމަ، އެއީ ކާމިޔާބުކަމާ އެކު ކުރެވޭނެ ޤައުމީ މަސައްކަތެއް ކަމުގައި އަޅުގަނޑު ދެކެން. އެހެންކަމުން، ލޫދިފައިވާ ޤައުމުގެ އިޖުތިމާއީ ފޭރާން އަލުން ވިޔުމަށް ހުރިހާ ބްރޯޑްކާސްޓަރުން ގުޅިގެން، އެކުގައި މަސައްކަތް ކުރުމަށް މިއަދު ވެސް ނުހަނު އިޚްލާސްތެރި ކަމާ އެކު އިލްތިމާސް ދަންނަވަން.”