ގަވާއިދުތަކާ އެއްގޮތަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ބްރޯޑްކާސްޓްކުރުމަށް ކޮމިޝަނުން ނަސޭހަތްތެރިވެއްޖެ

October 2, 2017

ގަވާއިދުތަކާ އެއްގޮތަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ބްރޯޑްކާސްޓްކުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ނަސޭޙަތްތެރިވެއްޖެއެވެ.

ތިރީގައި މިވަނީ މިކަމާ ގުޅޭ ގޮތުން ކޮމިޝަނުން މިއަދު ނެރުނު ސަރކިއުލަރއެވެ.

“މިހާރަކަށް އައިސް ބައެއް ޓީވީ ޗެނެލްތަކުން، ރައްޔިތުންގެ މަޖީލީހުން ރަސްމީކޮށް ދޫކުރާ ލައިވް ފީޑް ފިޔަވައި، ވަކި ވަކި މެންބަރުން މެދުވެރިކޮށް ސޯޝަލް މީޑިއާގައި ދައުރުވާ ކޮންޓެންޓާއި ވީޑިއޯ ކޯލާއި ރެކޯޑިންގ ހިމެނޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ހިނގާ ކަންކަން ލައިވްކުރަމުން ގެންދާކަން ވަނީ ފާހަގަކުރެވިފައެވެ. މި ފަދަ ކޮންޓެންޓްގެ ތެރޭގައި ހަޑިހުތުރު ބަސް ބޭނުންކުރުމާއި މުޖުތަމައުގެ އަދަބު އަޚްލާގުގެ މިންގަޑުތަކާ ޚިލާފު ކޮންޓެންޓް ހިމެނޭކަން ވެސް ވަނީ ފާހަގަކުރެވިފައެވެ. އަދި މީގެ ތެރޭގައި މަޖިލީހުގެ ވަކި މެންބަރުންގެ އަބުރަށް އުނިކަން އަންނަގޮތަށް ބްރޯޑްކާސްޓްކުރުން ވެސް ހިމެނެއެވެ.

މި ފަދަ ކޮންޓެންޓަކީ، މަޖިލީހުގެ ޖަލްސާތަކާއި ކޮމިޓީތައް ބްރޯޑްކާސްޓްކުރުމާބެހޭ ގޮތުން ހަދާފައިވާ ގަވާއިދާއި އަދި ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް އާ ޚިލާފު ކޮންޓެންޓްކަމަށް ވުމާއެކު، ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ހިނގާ މިފަދަ ކަންކަން ހިމެނޭ ގޮތުން ފަތުރާ ކޮންޓެންޓް ލައިވްކުރުމުގައި ޚާއްސަ ސަމާލުކަމެއް ދިނުމަށް ހުރިހާ ބްރޯޑްކާސްޓްރުންނަށް ގޮވާލަމެވެ. އަދި މި ފަދަ މަންޒަރުތަކާއި އަޑުތައް ބްރޯޑްކާސްޓްކުރެވެމުން ދަނީ ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކާއި، ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް އާއި އަބުރު ރައްކާތެރިކުރުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާ އެއްގޮތަށްތޯ ކަށަވަރުކުރުމަށް ހުރިހާ ބްރޯޑްކާސްޓަރުންނަށް އިލްތިމާސްކުރަމެވެ.

އަދި ޤާނޫނުތަކާއި ގަވާއިދުތަކާ ޚިލާފަށް ކޮންޓެންޓް ބްރޯޑްކާސްޓްކުރާ ފަރާތްތަކާމެދު ޤާނޫނާއި ގަވާއިދުގެ އިމުގެ ތެރެއިން ފިޔަވަޅުއަޅާނޭކަން ވެސް ހަނދާންކޮށްދެމެވެ.”