ބްރޯޑްކާސްޓްކުރުމާއި ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތާ ގުޅުން ހުރި ގިނަ ދާއިރާތަކަކުން އެއްބާރުލުން ދިނުމަށް ޅ. އަތޮޅު ތިން ރަށު ކައުންސިލާއެކު ފަހުމުނާމާގައި ކޮމިޝަނުން ސޮއިކޮށްފި

February 26, 2023

ބްރޯޑްކާސްޓްކުރުމާއި ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތާ ގުޅުން ހުރި ގިނަ ދާއިރާތަކަކުން އެއްބާރުލުން ދިނުމަށް ފާދިއްޕޮޅު ހިންނަވަރު، އޮޅުވެލިފުށި އަދި ކުރެންދޫ ރަށު ކައުންސިލާއެކު މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

ފަހުމުނާމާގައި ސޮއިކުރުން އޮތީ ކޮމިޝަނުން ފެބްރުއަރީ 21 ން 23 ށް ފާދިއްޕޮޅަށް ކުރި ބްރޯޑްކާސްޓް އިންޑަސްޓްރީ މޮނިޓަރިންގ ދަތުރުގައި މި ރަށްތަކަށް ކުރި ޒިޔާރަތުގައެވެ.

ކޮންމެ ރަށު ކައުންސިލަކާއެކުވެސް ސޮއިކުރުން ބޭއްވީ އެރަށެއްގެ ކައުންސިލް އިދާރާގައެވެ. ކޮމިޝަންގެ ފަރާތުން ފަހުމުނާމާތަކުގައި ސޮއިކުރެއްވީ ކޮމިޝަންގެ ރައީސް މަރްޔަމް ވަހީދާއެވެ. ހިންނަވަރު ރަށު ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް ޙަސަން ޝާފިޢުއެވެ. އޮޅުވެލިފުށި ރަށު ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް މުޙައްމަދު ޢާޡިމެވެ. އަދި ކުރެންދޫ ރަށު ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް އިސްމާޢީލް މަދީހެވެ.

މި ތިން ރަށު ކައުންސިލާ އެކު ކޮމިޝަނުން ސޮއިކުރި ފަހުމުނާމާގައި އެއްބާރުލުން ދިނުމަށް ކަނޑައަޅާފައިވާ ދާއިރާތަކަކީ، ބްރޯޑްކާސްޓްކުރުމާއި ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ފުޅާކުރުމަށް ކޮމިޝަނުން ކުރަމުންގެންދާ މަސައްކަތަށް އެއްބާރުލުން ދިނުމާއި، ބްރޯޑްކާސްޓްކުރުމާއި ރީބްރޯޑްކާސްޓްކުރުމުގެ ކަންކަން ރެގިއުލޭޓް ކުރުމުގައި ކޮމިޝަނުން ކުރަމުންގެންދާ މަސައްކަތަށް އެއްބާރުލުން ދިނުމާއި، ބްރޯޑްކާސްޓްކުރުމާއި ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތާއި ގުޅިގެން މައްސަލަތައް ބެލުމުގައި ކޮމިޝަނަށް އެއްބާރުލުން ދިނުމުގެ އިތުރުން މި ދެ ދާއިރާއަށް ޢާންމުން ހޭލުންތެރިކަން އިތުރުކުރުމަށް ދެ ފަރާތް ގުޅިގެން މަސައްކަތްކުރުމެވެ.

ކޮމިޝަނުން ފަހުމުނާމާތަކުގައި ސޮއިކުރުމަށް ރަށު ކައުންސިލްތަކާއެކު ބޭއްވި ރަސްމީ ބައްދަލުވުންތަކުގައި ކޮމިޝަންގެ މަސްޢޫލިއްޔަތުތަކާއި ދައުރާ ގުޅޭގޮތުން މަޢުލޫމާތު ޙިއްސާކުރެއްވިއެވެ. އަދި ކޮމިޝަނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުންކަމުގައިވާ ރީބްރޯޑްކަސްޓްކުރުމުގެ ލައިސަންސް ނެތި ރަށްރަށުގައި މި ޚިދުމަތް ދިނުމުން ހުށަހެޅޭ މައްސަލަ ބެލުމުގައި ހުރި ދަތިތަކުގެ ކަންބޮޑުވުންތައްވެސް ކޮމިޝަން ޓީމުން ފާޅުކުރެއްވި އެވެ. މީގެއިތުރުން، ކޮމިޝަނުން ކޮމިއުނިޓީ ބްރޯޑްކާސްޓިންގ ޚިދުމަތް ރަށްރަށުގައި ތަޢާރަފްކުރުމަށް ކުރަމުންދާ މަސައްކަތާ ގުޅޭ ގޮތުންނާއި އަދި މި ރަށްރަށުގައި ބްރޯޑްކާސްޓްކުރުމުގެ ދާއިރާއަށް ޝައުޤުވެރިވާ ފަރާތްތަކަށް ކައުންސިލާ ގުޅިގެން ތަމްރީންތައް ހަމަޖެއްސުމާ ގުޅޭގޮތުންވެސް މަޝްވަރާކުރެއްވިއެވެ.

ފާދިއްޕޮޅަށް ކޮމިޝަނުން މިކުރި ދަތުރުގައި، މި ރަށްރަށުގައި ރީބްރޯޑްކާސްޓިންގ ޚިދުމަތްދޭ ސްޓޭޝަންތަކަށް ޒިޔާރަތްކޮށް، މަސައްކަތްތައް ހިނގަމުންދާ ގޮތް ބަލައި، ޚިދުމަތް މޮނިޓަރ ކޮށްފައިވެއެވެ. އަދި ރީބްރޯޑްކާސްޓިންގ ޚިދުމަތް ހޯދާ ބައެއް ގެތަކަށް ޒިޔާރަތްކޮށް މަޢުލޫމާތު އޮޅުންފިލުވާފައިވެއެވެ.

ކޮމިޝަންގެ މި ދަތުރުގައި ހިންނަވަރު ޖަމިއްޔަތުއް ތައުހީދާއި ހިންނަވަރު ޔޫތް ސޮސައިޓީއާއި ޅ. އޮޅުވެލިފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ އެކުވެސް ކޮމިޝަނުން ބައްދަލުވުންތައް ބޭއްވިއެވެ. މި ބައްދަލުވުންތަކުގައި ކޮމިޝަންގެ ދައުރާއި ރާއްޖޭގެ ބްރޯޑްކާސްޓްކުރުމުގެ ދާއިރާއާ ގުޅޭގޮތުން ކޮމިޝަން ޓީމުން މަޢުލޫމާތު ޙިއްސާކުރެއްވައި އަދި ޖަމިއްޔާ ޖަމާޢަތްތަކަށް ކޮމިއުނިޓީ ބްރޯޑްކާސްޓިންގގައި އޮތް ފުރުސަތުތަކާ ގުޅޭގޮތުން އެ ފަރާތްތަކާ އެކު މަޝްވަރާކުރެއްވިއެވެ.  އަދި ރަށު ކައުންސިލްތަކާ ގުޅިގެން ނޫސްވެރިކަމާއި މީޑިއާއަށް ޝައުޤުވެރިވާ ފަރާތްތަކަށް ތަމްރީން ޕްރޮގްރާމް ހިންގުމާ ގުޅޭގޮތުންވެސް މަޝްވަރާކުރައްވައި ބްރޯޑްކާސްޓްކުރުމުގެ ސިނާޢަތުގައި އަންހެނުން އަދާކުރަމުންދާ ދައުރާމެދު ވާހަކަދެއްކެވިއެވެ.

ރާއްޖޭގެ ގްރޭޑް 6 އެއްގެ ދިވެހި މުޤައްރަރުގައި ކޮމިޝަން ރައީސްގެ ކެރިއަރާ ގުޅޭ ބައެއް ހިމެނޭތީ، ޅ. އަތޮޅު ތަޢުލީމީ މަރުކަޒުގެ މެނޭޖްމަންޓްގެ އެދުމުގެ މަތިން، ކޮމިޝަން ރައީސްއާއި ފާދިއްޕޮޅު ދަތުރުގައި ބައިވެރިވާ ކޮމިޝަން ޓީމް ވަނީ ގްރޭޑް 6 އެއްގެ ދަރިވަރުންގެ ދިވެހި މާއްދާ ގަޑީގައި އެ ދަރިވަރުންނާ ބައްދަލުކޮށްފައެވެ. ކޮމިޝަންގެ ޒިންމާތަކާއި ރާއްޖޭގެ ބްރޯޑްކާސްޓްކުރުމުގެ ދާއިރާއާ ގުޅޭގޮތުން ދަރިވަރުންނަށް މަޢުލޫމާތު ދެއްވައި އަދި މިކަންކަމާ ގުޅޭގޮތުން ސުވާލާއި ޖަވާބު ސެޝަނެއްވެސް ކޮމިޝަން ރައީސް ދަރިވަރުންނާއެކު ކުރިއަށް ގެންދެވިއެވެ. މީގެއިތުރުން، ޅ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އިސް ބޭފުންނާވެސް ކޮމިޝަން ޓީމުން ބައްދަލުކުރެއްވިއެވެ.

ކޮމިޝަންގެ މި ދަތުރުގައި، ޅ. ނައިފަރު މަދަރުސަތުލް އިފްތިތާޙްގެ ދަރިވަރުންނަށް “ބްރޯޑްކާސްޓް އެވެއަރނަސް އިންޓްރެކްޓިވް ސެޝަން” އެއްވެސް ބޭއްވިއެވެ. މި ސެޝަންގައި ކޮމިޝަންގެ ދައުރާއި ޒިންމާތަކާ ގުޅޭގޮތުން ދަރިވަރުންނާ މަޢުލޫމާތު ޙިއްސާކުރެއްވައި، ރާއްޖޭގެ ބްރޯޑްކާސްޓިންގ ސިނާޢަތުގެ ހާލަތާއި ކުރިމަގާ ގުޅޭ މަޢުލޫމާތުވެސް ދެއްވިއެވެ. ބްރޯޑްކާސްޓިންގ ދާއިރާއިން ކުރިއަށް ދެވޭނެ ދާއިރާތަކާއި މިކަމަށް ހުރި ތަޢުލީމުގެ ފުރުސަތުތަކުގެ މަޢުލޫމާތުވެސް ދަރިވަރުންނަށް ބްރޯޑްކޮމް ޓީމުން ދެއްވައި، ކޮމިއުނިޓީ ބްރޯޑްކާސްޓިންގގެ މުހިންމު ކަމާމެދު ޚިޔާލު ބަދަލުކުރުމުގެ އިތުރުން، ބްރޯޑްކާސްޓްކުރުމުގެ އެކި ފަންނުތަކަށް އަހުލުވެރިކުރުމަށް ދަރިވަރުންނަށް ހަރަކާތްތައްވެސް ސެޝަން ތެރޭގައި ހިންގުނެވެ.

ބްރޯޑްކާސްޓް އިންޑަސްޓްރީ މޮނިޓަރިންގއަށް ކޮމިޝަނުން ފާދިއްޕޮޅަށް ކުރި މިދަތުރުގައި ހިމެނިވަޑައިގަންނަވަނީ ކޮމިޝަން ރައީސް މަރްޔަމް ވަހީދާގެ އިތުރުން، ނައިބު ރައީސް މުޙައްމަދު ފަޒީނާއި ސެކްރެޓަރީ ޖެނެރަލް މަރްޔަމް ޒީނިޔާއާއި ކޮމްޕްލެއިންޓްސް ކޯޑިނޭޓަރ ޙައްވާ ޒާހިރާ އަދި މޮނިޓަރިންގ އޮފިސަރ މުޙައްމަދު ޒަޢީމެވެ.

މި ދަތުރުގެ ކުރިން، ކޮމިޝަނުން ވަނީ ލޯކަލް ގަވަރންމަންޓް އޮތޯރިޓީއާއެކުވެސް، ބްރޯޑްކާސްޓްކުރުމާއި ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތާ ގުޅޭގޮތުން ކޮމިޝަނަށް ހުށަހެޅޭ މައްސަލަތައް ބެލުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށާއި ބްރޯޑްކާސްޓްކުރުމާއި ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ފުޅާކުރުމަށް ދެ މުއައްސަސާ ގުޅިގެން މަސައްކަތްކުރުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ.