ރީބްރޯޑްކާސްޓިންގ ޚިދުމަތް ރެގިއުލޭޓްކުރުމުގައި އެއްބާރުލުން ދިނުމާ ގުޅޭގޮތުން ކޮމިޝަނުން އެލް.ޖީ.އޭ.އާ މަޝްވަރާކޮށްފި

February 8, 2023

ބައެއް ރަށްރަށުގައި ގަވާއިދާ ޚިލާފަށް ރީބްރޯޑްކާސްޓިންގގެ ޚިދުމަތް ދެމުންދާތީ، އެކަމާ ގުޅިގެން ހުށަހެޅޭ މައްސަލަތައް ބެލުމުގައި އެހީތެރިވެ، ރެގިއުލޭޓްކުރުމުގައި އެއްބާރުލުން ދިނުމާ ގުޅޭގޮތުން، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ލޯކަލް ގަވަރންމަންޓް އޮތޯރިޓީއާއެކު މަޝްވަރާކޮށްފިއެވެ.

މިއަދު ބޭއްވި ބައްދަލުވުމުގައި ކޮމިޝަނުން ފާހަގަކުރި އެންމެ ބޮޑު ކަންބޮޑުވުމަކީ، ބައެއް ރަށްރަށުގައި ގަވާއިދާ ޚިލާފަށް ދެމުންދާ ރީބްރޯޑްކާސްޓިންގ ޚިދުމަތުގެ މައްސަލަތައް ބެލުމަށް ބޭނުންވާ މަޢުލޫމާތު ހޯދުމަށް ބައެއް ރަށު ކައުންސިލްތަކުން ލިބެންވާ އެއްބާރުލުން ނުލިބޭ ކަމުގެ ކަންބޮޑުވުމެވެ.

އަދި، މި މައްސަލަތައް ބެލުމަށް އެލް.ޖީ.އޭ.އާ ރަށު ކައުންސިލްތަކުގެ ފުރިހަމަ އެއްބާރުލުން ބޭނުންވާ ކަމަށާއި، ބައެއް ރަށްރަށުގައި ގަވާއިދާ ޚިލާފަށް ދެމުންދާ ރީބްރޯޑްކާސްޓިންގގެ ޚިދުމަތްތަކާ ގުޅޭ މައްސަލަތައް ބެލުމަށް މިކަމުގެ ސަބަބުން ދަތިވެފައިވާ ކަމުގައި ކޮމިޝަނުން ފާހަގަކުރިއެވެ.

ރަށްރަށުގައި ރީބްރޯޑްކާސްޓިންގ ޚިދުމަތް ދޭ ގޮތާއި ހުރި ދަތިތައް ދެނެގަތުމަށާ އަދި ދާއިރާގެ ތަރައްޤީއަށް ގުޅޭގޮތުން، ގުޅުންހުރި ފަރާތްތަކާ މަޝްވަރާކުރުމަށް ކޮމިޝަނުން އަތޮޅުތަކަށް ކުރުމަށް ހަމަޖެހިފައިވާ ދަތުރުތަކުގެ މަޢުލޫމާތު މި ބައްދަލުވުމުގައި ހިއްސާކުރައްވައި، މި ދަތުރުތަކަށް އެލް.ޖީ.އޭ.އިން ވެދެވޭނެ އެހީތެރިކަމާ ގުޅޭގޮތުންވެސް މިއަދުގެ ބައްދަލުވުމުގައި މަޝްވަރާކުރެއްވިއެވެ.

އަދި ރީބްރޯޑްކާސްޓިންގ ޚިދުމަތާ ގުޅޭ މައްސަލަތައް ބެލުމުގައި އެހީތެރިވުމާއި، ގުޅުންހުރި ދާއިރާތަކުން އެއްބާރުލުން ދިނުމަށް ރަށު ކައުންސިލްތަކާ އެކު ކޮމިޝަނުން ސޮއިކުރުމަށް ހަމަޖެހިފައިވާ ފަހުމުނާމާގެ މަޢުލޫމާތުވެސް ކޮމިޝަން މެމްބަރުން ޙިއްސާކުރެއްވިއެވެ. މީގެއިތުރުން، އެލް.ޖީ.އޭ.އާ އެކުވެސް މިފަދަ ފަހުމުނާމާއެއް އެކުލަވާލުމުގެ މުހިންމު ކަމުގެ މައްޗަށް މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުވުމުގއި ކޮމިޝަންގެ ފަރާތުން ބައިވެރިވެވަޑައިގަތީ، ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާގެ އިތުރުން، ނައިބު ރައީސް މުޙައްމަދު ފަޒީނާއި، ކޮމިޝަނަރ އާމިނަތު އަމީނާއާއި، ކޮމިޝަނަރ ޝިފްލާ އިބްރާހީމާއި، ސެކްރެޓަރީ ޖެނެރަލް މަރިޔަމް ޒީނިޔާއާއި، ޑިރެކްޓަރ، ލީގަލް އެފެއާޒް، އަލްއުސްތާޛު ޝާން ޝާން ޞާލިޙް މުޙައްމަދު އަދި ކޮމްޕްލެއިންޓްސް ކޯޑިނޭޓަރ ޙައްވާ ޒާހިރާއެވެ.