ބްރޯޑްކާސްޓުކުރުމުގެ ތަންޒީމީ އޮނިގަނޑު އެކަށައެޅުމުގެ ބައްދަލުވުން މި މަހުގެ 8-9 އަށް ބޭއްވުމަށް ހަމަޖެއްސުން

February 2, 2012

ނޫސް ބަޔާން

    ބްރޯޑްކާސްޓްކުރުމުގެ ގާނޫނުގެ ދަށުން، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ހަދަންޖެހޭ ބައެއް ގަވައިދުތައް ނިންމުމަށްޓަކައި ކަމާ ބެހޭ ފަރާތްތަކާ އެކު ބައްދަލުވުމެއް ބާއްވާ ގޮތަށް ހަމަޖައްސައިފީމެވެ.

   އިސްލާމީ މަރުކަޒުގެ ކޮންފަރެންސް ރޫމުގައި، މި ފެބްރުއަރީ މަހުގެ 8-9 އަށް ބޭއްވުމަށް ހަމަޖެހިފައިވާ “ބްރޯޑްކާސްޓުކުރުމުގެ ތަންޒީމީ އޮނިގަނޑު އެކަށައެޅުމު”ގެ ބައްދަލުވުމުގައި ނިންމުމަށް ހަމަޖެހިފައިވާ ގަވައިދުތަކުގެ ތެރޭގައި ދިވެހި ރާއްޖޭގައި ބްރޯޑްކާސްޓްކުރުމާއި ރީބްރޯޑްކާސްޓް ކުރުމާ ބެހޭ ގަވައިދާއި އެ ގަވައިދުތަކާ ގުޅުންހުރި އެހެނިހެން ކޯޑުތަކާއި ބްރޯޑްކާސްޓުކުރުމަށް ފްރީކުއެންސީ ދޫކުރުމުގެ ޤަވައިދާއި، ބްރޯޑްކާސްޓް ކުރުމުގައި ގެންގުޅެންވީ ސުލޫކީ މިންގަނޑު ނުވަތަ “ކޯޑް އޮފް ކޮންޑަކްޓް” ހިމެނެ އެވެ.

   މި ހުރިހާ ގަވައިދުތަކާއި ކޯޑުތަކެއް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން އެކުލަވައިލުމަށްފަހު، ބްރޯޑްކާސްޓްރުންގެ އިތުރުން ކަމާ ބެހޭ އެހެން ފަރާތްތައް ނުވަތަ ސްޓޭކްހޯލްޑަރުން ހިމެނޭ “ބްރޯޑްކާސްޓް އެޑްވައިޒަރީ ކޮމިޓީ”ގެ އިތުރުން އާންމުންނާ އެކު ވެސް ވާނީ ހިއްސާކޮށްފަ އެވެ. އަދި ގަވައިދުތަކަށް އެ ފަރާތްތަކުން ގެންނަން ފެންނަ އިސްލާހުތައް މި ކޮމިޝަނަށް ފޮނުވުމުން، އެކަމާ ބެހޭ ގޮތުން އެ ފަރާތްތަކާ އެކު އިތުރަށް މަޝްވަރާކޮށް، މުހިންމު ބަދަލުތަކަށް ވާނީ ފުރުސަތު ދީފަ އެވެ.

   މި ގަވައިދުތަކުގެ ތެރޭގައި ހިމެނޭ، ބްރޯޑްކާސްޓް ކުރުމުގައި ގެންގުޅެންވީ ސުލޫކީ މިންގަނޑު ނުވަތަ “ކޯޑް އޮފް ކޮންޑަކްޓް” ނިންމުމަށްޓަކައި “ބްރޯޑްކާސްޓް އެޑްވައިޒަރީ ކޮމިޓީ”ގެ އިތުރުން ކުރިއާއި މިހާރުގެ ނޫސްވެރިންނާއި ކަމާ ގުޅުންހުރި އިދާރާތަކުގެ އިސް ފަރާތްތަކާއި ސިޔާސީ ޕާޓީތަކަށާއި މަދަނީ ޖަމިއްޔާތަކަށް ވެސް ވާނީ ދައުވަތު ދީފަ އެވެ.

02 ފެބްރުއަރީ 2012