ފާއިތުވި އަހަރުގެ އަހަރީ ރިޕޯޓު ހުށަނާޅާ ބްރޯޑްކާސްޓަރުން 10 އޭޕްރީލް ގެ ކުރިން އަހަރީ ރިޕޯޓް ހުށެހެޅުމަށް ކޮމިޝަނުން އަންގައިފި

March 27, 2014

ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުން ބްރޯޑްކާސްޓަރުންނަށް ހުށެހެޅުމަށް ލާޒިމް ކުރާ ފާއިތުވި ދިޔަ އަހަރު ގެ އަހަރީ ރިޕޯޓް ހުށަނާޅާ ބްރޯޑްކާސްޓަރުން އަންނަ އޭޕްރިލް މަހު 10 ގެ ކުރިން މި ރިޕޯޓް ހުށެހެޅުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން މިއަދު އަންގައިފިއެވެ.

ތިރީގައި މިވަނީ މިކަމާ ގުޅޭގޮތުން ކޮމިޝަނުން މިއަދު ހުރިހާ ބްރޯޑްކާސްޓަރުންނަށް ފޮނުވި ސާރކިއުލަރއެވެ.

“ބްރޯޑްކާސްޓް ކުރުމުގެ ޤާނޫނުގެ 30ވަނަ މާއްދާގެ (ކ) ގައި ލައިސަންސް ދޫކުރުމުގެ ޝަރުޠުތަކަށް ޢަމަލު ކުރަމުންދާ މިންވަރާއި، އެފަރާތްތަކުން ހިންގާ ޙަރަކާތްތަކާ ގުޅޭ ގޮތުން ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތަކުން ކޮންމެ އަހަރަކު އެއް ފަހަރު ކޮމިޝަނަށް ރިޕޯޓް ކުރަންވާނެކަން ބަޔާންކުރުމާއިއެކު ބްރޯޑްކާސްޓްކުރުމުގެ ޤަވާޢިދުގައި ލައިސަންސް ދިނުމުގެ ޢާންމުޝަރުޠު ތަކުގެ ތެރޭގައި، ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތްތަކުން ފާއިތުވި އަހަރު ސްޓޭޝަން ހިނގި ގޮތުގެ އަހަރީ ރިޕޯޓް ވިދިގެން އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް ކޮމިޝަނަށް ހުށަހެޅުމަށް ބަޔާންކޮށްފައިވީ ހިނދު، ބައެއް ބްރޯޑްކާސްޓަރުން މިހާތަނަށްވެސް މި ރިޕޯޓް ހުށަނާޅައެވެ. އަހަރީ ރިޕޯޓް ހުށަހެޅުމަށްވާނީ ހުރިހާ ބްރޯޑްކާސްޓިންގ ސްޓޭޝަންތަކަށްވެސް މިކޮމިޝަންގެ ނަންބަރު:427-LCM/CIR/2014/02  ސަރކިއުލަރިއން 13 ފެބްރުވަރީ 2014 ގައި ހަނދާންކޮށްދީފައެވެ.

“ވީމާ، މިހާތަނަށް ރިޕޯޓް ހުށަހަޅާފައި ނުވާ ފަރާތްތަކުން 10 އޭޕްރީލް 2014 ވާ (ބުރާސްފަތި) ދުވަހުގެ ކުރިން ބްރޯޑްކާސްޓް ކުރުމުގެ ޤަވާޢިދުގެ 44 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތީން 2013ވަނަ އަހަރުގެ އަހަރީ ރިޕޯޓް މި ކޮމިޝަނަށް ފޮނުއްވާ ދެއްވުން އެދެމެވެ.

  1. ލައިސަންސް ދޫކޮށްފައިވާ ފަރާތުގެ އޮޑިޓްކޮށްފައިވާ މާލީ ބަޔާން.
  2. ލޯކަލް ކޮންޓެންޓް ހިމެނި މިންވަރު.
  3. ޝެޑިއުލާ އެއްގޮތަށް ޕްރޮގްރާމްތައް ގެންދެވުނު ނިސްބަތް.
  4. ބްރޯޑްކާސްޓް ދާއިރާއިން މުވައްޒަފުން ތަމްރީން ކުރެވުނު މިންވަރު.
  5. ޝެޑިއުލްގައި ޕްރޮގްރާމްތައް ހިމެނިގެންވާ ބައިތަކުގެ (ޖޯންރާ) ތަފްސީލު ދެނެގަތުމަށްޓަކައި ކޮމިޝަނުން އެކުލަވާލާފައިވާ ފޯމް (ކޮމިޝަންގެ ވެބްސައިޓް/ކޮމިޝަންގެ އޮފީހުން ލިބެން ހުންނާނެ)
  6. ބްރޯޑްކާސްޓްކުރާ ސްޓޭޝަންގައި ދިވެހިންނާއި ބިދޭސީން ވަޒީފާ އަދާކުރާ ނިސްބަތް.
  7. ސްޓޭޝަންގެ ތަރައްޤީއަށްޓަކައި އެކުލަވާލާފައިވާ ޕްލޭންއާއި ޕްލޭންގައި ކަނޑައަޅާފައިވާ ކަންތައްތައް ޙާސިލް ކުރެވިފައިވާ މިންވަރު.
  8. ޚިދުމަތް ފޯރުކޮށްދެވިފައިވާ އާބާދީގެ ނިސްބަތް އަދި ސަރަޙައްދުތައް.

މަތީގައި ބަޔާންކޮށްފައި މިވަނީ އަހަރީ ރިޕޯޓްގައި ހިމަންނަންޖެހޭ ބައިތަކެވެ.”