ކޮމިޝަނުގެ ވަފުދެއް ޗައިނާ އަށް ފުރާވަޑައިގެންފި

November 7, 2016

feature-chinaday1ޗައިނާގެ ބްރޯޑްކާސްޓިންގ އާއި މީޑިއާގެ ސިނާއަތް ތަރައްޤީވަމުން އަންނަ ގޮތާއި ޓެކްނޮލޮޖީގެ ރަސްމަގުގައި ހޯދައިފައިވާ ކުރިއެރުމުގެ ފައިދާ ރާއްޖޭގެ ބްރޯޑްކާސްޓް ދާއިރާއަށް ގެނެވޭނެ ގޮތްތައް ހޯދުމަށް ޗައިނާގެ މީޑިއާގެ އިސް މަސްއޫލުވެރިންނާއެކު މަޝްވަރާ ބައްދަލުވުންތަކެއް ބޭއްވުމަށްޓަކައި، ޗައިނާ ސަރުކާރުގެ ދައުވަތަކަށް، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުގެ އިސް ވަފްދެއް ޗައިނާގެ ވެރިރަށް ބޭޖިންގ އަށް ފުރާވަޑައިގެންފިއެވެ.

ނޮވެމްބަރު މަހުގެ 7 ން 11 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ދަތުރުގައި، ރާއްޖޭގެ ބްރޯޑްކާސްޓަރުންނަށް އޮތް ތައުލީމާއި ތަމްރީނު ފުރުސަތުތަކާ ގުޅޭގޮތުން ޗައިނާގެ ބްރޯޑްކާސްޓް ދާއިރާގެ މަސްޢޫލު ފަރާތްތަކާ އެކު މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ވަފުދުގައި ހިމެނިވަޑައިގަންނަވަނީ ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބާއި ނައިބު ރައީސް މުހައްމަދު އަސްލަމާއި، ކޮމިޝަނަރ އާމިނަތު ސަރާޙަތު އިއްޒަތާއި، ކޮމިޝަނަރ ޙަސަން ނަބާހާއި، ކޮމިޝަނަރ ފާޠިމަތު ޒައިނާއާއި، ކޮމިޝަނަރ އިސްމާޢީލް ސަފްވާނާއި ކޮމިޝަންގެ ކޮމްޕްލެއިންޓްސް ކޯޑިނޭޓަރ ޙައްވާ ޒާހިރާއާއި ޕަބްލިކް ރިލޭޝަންސް ކޯޑިނޭޓަރ އަހުމަދު އަރުޝަދު ޢަލީއެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުގެ ވަފުދު ޗައިނާއަށް އައުމަށްފަހު، ޗައިނާގެ ސްޓޭޓް އެޑްމިނިސްޓްރޭޝަން އޮފް ޕްރެސް، ޕަބްލިކޭޝަން، ރޭޑިއޯ، ފިލްމް އެންޑް ޓެލެވިޜަންގެ ފަރާތުން ދެއްވި ރޭގަނޑުގެ ފަރިއްކޮޅެއްގައި ބައިވެރިވެވަޑައިގަތެވެ.