ދި ޓީވީ ހިންގާ އިމާރާތަށް އަމާޒުކޮށް ހަމަލާ ދިނުން ބްރޯޑްކާސްޓިންގ ކޮމިޝަނުން ކުށްވެރިކޮށްފި

November 9, 2013

ދި ޓީވީ ހިންގާ އިމާރާތަށް އަމާޒުކޮށް ހަމަލާ ދީފައިވާތީ، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އެކަން ކުށްވެރިކޮށްފިއެވެ.

ތިރީގައި މިވަނީ މިކަމާ ގުޅިގެން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން މިއަދު ނެރުނު ބަޔާނެވެ.

“ދި ޓީވީ ހިންގާ އިމާރާތަށް އަމާޒުކޮށް ބަޔަކު ރޭ ހަމަލާއެއް ދީފައިވާތީ، އެކަމާ ކަންބޮޑުވެ އެ އަމަލް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ކުށްވެރިކުރަމެވެ. މިއީ ޑިމޮކްރަސީގެ މައިގަނޑު އަސާސެއް ކަމުގައިވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިނަވަންކަމާ ދެކޮޅަށް، ބިރު ދެއްކުމުގެ ގޮތުން ބަޔަކު ހިންގި ވަރަށް ފިނޑި އަމަލެއް ކަމުގައި މި ކޮމިޝަނުން ދެކެމެވެ.

“ދި ޓީވީ ހިންގާ އިމާރާތަށް އަމާޒުކޮށް ހަމަލާ ދިން މައްސަލަ އަވަހަށް ތަހްގީގުކޮށް، އެކަން ކުރި ބަޔަކާ ދޭތެރޭ ޤާނޫނީ ފިޔަވަޅު އަޅުއްވައިދެއްވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގައި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން މިއަދު ވަނީ ދަންނަވައިފައެވެ. އަދި މި ދަނޑިވަޅުގައި، ދިޓީވީއަށާއި އެހެނިހެން ބްރޯޑްކާސްޓަރުންނަށް ވެސް އެކަށީގެންވާ ސަލާމަތާއި ރައްކާތެރިކަން ފޯރުވައިދެއްވުމަށް ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ރިޔާޒަށް، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސް މިއަދު ފޮނުއްވި ސިޓީގައި ވަނީ އެދިވަޑައިގެންފަ އެވެ.

ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަށް އާއްމު ފަރުދުންނާއި ހުރިހާ މުވައްސަސާތަކުން ވެސް އެއްބާރުލުން ދެއްވުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އިލްތިމާސްކުރަމެވެ. އަދި 2013ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ބާއްވަމުން މިދާ ދަނޑިވަޅުގައި، ސިޔާސީ ބަދަލުހިފުމުގެ އޮއިވަރެއް އުފެދިގެން ނަމަވެސް، ބްރޯޑްކާސްޓް މީޑިއާގައި މަސައްކަތްކުރާ އެއްވެސް ފަރާތަކަށް ހަމަލާ ރައްދުނުކުރުމަށާއި ބްރޯޑްކާސްޓިންގ ސްޓޭޝަންތަކާއި، އެ ފަރާތްތަކުގެ މުދަލާއި ތަކެއްޗަށް ގެއްލުން ލިބޭ ގޮތަށް އަމަލުތައް ނުބެހެއްޓުމަށް ވެސް ހުރިހާ ފަރާތްތަކަށްމޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން މި ފުރުޞަތުގައި އިލްތިމާސްކުރަމެވެ.