ބްރޯޑްކާސްޓިންގ ކޮމިޝަންގެ މަސައްކަތްތައް ކޮމަންވެލްތްގެ އިލެކްޝަން އޮބްޒާވަރުންގެ ޓީމާ ހިއްސާކޮށްފި

September 4, 2013

ރާއްޖެ ވަޑައިގެން އުޅުއްވާ ކޮމަންވެލްތްގެ އިލެކްޝަން އޮބްޒާވަރުންގެ ޓީމާ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މަސައްކަތްތައް ހިއްސާކުރައްވައިފިއެވެ.

ކޮމަންވެލްތްގެ އޮބްޒާވަރުންގެ ޓީމުން އިންތިޒާމްކޮށްގެން އިއްޔެ ބޭއްވި މި ބައްދަލުވުމަކީ ސެޕްޓެމްބަރު 7 ގެ ރިޔާސީ އިންތިޚާބަށް ރާއްޖެ ތައްޔާރުވެފައިވާ މިންވަރު ދަނެގަނެ، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ދައުރާއި އިންތިޚާބާ ގުޅޭ ގޮތުން ކުރާ މަސައްކަތްތައް ދެނެގަތުމެވެ.

މި ބައްދަލުވުމުގައި، އިންތިޚާބާ ގުޅޭ ގޮތުން މިއަހަރު ފެބްރުއަރީ މަހު ކޮމިޝަނުން ބޭއްވި އިލެކްޝަންސް ކަވަރޭޖް ޓްރެއިނިންގ އާއި ކޮމިޝަނުން އެކުލަވާލާފައިވާ އިންތިހާބުގެ ދުވަސްވަރު ސިޔާސީ ކޮންޓެންޓް ބަހައްޓަންވީ ގައިޑްލައިނާއި އިލެކްޝަން ދުވަސްވަރު ކޮމިޝަނުން ބްރޯޑްކާސްޓް ކޮންޓެންޓް މޮނިޓަރ ކުރަމުންގެންދާ ގޮތުގެ މަޢުލޫމާތު ވަނީ ހިއްސާކޮށްފައެވެ.

މީގެ އިތުރުން ބްރޯޑްކާސްޓް މީޑިއާގައި ރިޔާސީ ކެންޑިޑޭޓުންގެ ކަވަރޭޖް އާ ގުޅޭގޮތުން ހުށަހަޅާ ޝަކުވާ ބެލުމަށް އަވަސް ނިޒާމެއް އެކުލަވާލާފައިވާ ކަމަށާއި އަދި މި ގޮތުން 5 ޝަކުވާއެއް ކޮމިޝަނުން މިހާތަނަށް ބަލާ އެކަން ނިންމިގޮތުގެ ބަޔާން އާންމުކޮށްފައިވާކަން ވެސް ވަނީ ހިއްސާކޮށްފައެވެ. އަދި މި އެންމެހައި ކަންކަމަށް ރިއާޔަތްކޮށް ރާއްޖޭގެ ބްރޯޑްކާސްޓް ދާއިރާއާ ގުޅުން ހުރި އިލެކްޝަންސް ރިޕޯޓްއެއް ބްރޯޑްކާސްޓިންގ ކޮމިޝަނުން އާންމުކުރުމަށް ނިންމާފައިވާކަން ވެސް ވަނީ ކޮމަންވެލްޓުގެ ޓީމާއި ހިއްސާކޮށްފައެވެ.

 ކޮމަންވެލްތްގެ 17 އޮބްޒާވަރުންނާއި ސެކްރެޓެރިއެޓް އާއި އެކު އޮތް މި ބައްދަލުވުމުގައި ކޮމިޝަންގެ ފަރާތުން ބައިވެރިވަޑައިގަތީ ނައިބު ރައީސް އަބްދުﷲ ސުޖާއު، ކޮމިޝަނަރ މުޙައްމަދު އަސްލަމް، ސެކްރެޓެރީ ޖެނެރަލް ނޫރާ އަލީ، ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ނާސިޙް، ޑައިރެކްޓަރ އައިޝަތު ޝާހީން އަދި ޕީ.އާރ ކޯޑިނޭޓަރ އީމާން އަންވަރެވެ.

ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ ދަށުން ބްރޯޑްކާސްޓަރުން އަމަލުކުރުމަށް ލާޒިމްކުރާ ކޯޑް އޮފް ޕްރެކްޓިސް އާއި އިންތިޚާބު ދުވަސްވަރު ސިޔާސީ ކޮންޓެންޓް ގެނެސްދިނުމުގައި އަމަލުކުރަންވީ ގައިޑްލައިންގެ އިނގިރޭސި ތަރުޖަމާވެސް ކޮމިޝަނުން ވަނީ މި ޓީމާ ހިއްސާކޮށްފައެވެ.