ޕީއެސްއެމްގެ ރީބްރޯޑްކާސްޓިންގ ޕްރޮޖެކްޓް ކުރިއަށްދާގޮތާ ބެހޭ މަޢުލޫމާތު ކޮމިޝަނުން ހޯދައިފި

October 12, 2016

psm-featureރާއްޖޭގައި ރީބްރޯޑްކާސްޓްކުރުމަށް ލައިސަންސް ދޫކޮށްފައިވާ ފަރާތްތަކުން މި ޚިދުމަތް ދެމުންދާ ގޮތާއި އަދި މި ޚިދުމަތް ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ބެހޭ މަޢުލޫމާތު ހޯދުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ފަށާފައިވާ ސިލްސިލާ ބައްދަލުވުންތަކުގެ ދަށުން، މުޅި ރާއްޖެއަށް ރީބްރޯޑްކާސްޓްކުރުމަށް ލައިސަންސް ދޫކޮށްފައިވާ ޕަބްލިކް ސަރވިސް މީޑިއާ އާ ކޮމިޝަނުން މިއަދު ބައްދަލުކޮށްފިއެވެ.

ކޮމިޝަންގައި ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން، ކޮމިޝަންގެ ރައީސް މުޙައްމަދު ޝަހީބު ފާހަގަކުރެއްވިގޮތުގައި ރީބްރޯޑްކާސްޓިންގގެ ޚިދުމަތް ރާއްޖޭގައި ފުޅާކުރުމަށާއި، ވާދަވެރި މާޙައުލެއް ޤާއިމުކުރުމަށް ކޮމިޝަނުން ޚާއްޞަ އަހަންމިއްޔަތު ކަމެއް ދީގެން އަންނަނީ މަސައްކަތްކުރަމުން ކަމުގައި ވިދާޅުވިއެވެ. އަދި ރީބްރޯޑްކާސްޓިންގގެ ޚިދުމަތް ދިނުމަށް ޕީ.އެސް.އެމް އިން މިއަހަރު ލައިސަންސް ނެގުމުން، މިއީ ރީބްރޯޑްކާސްޓްކުރުމުގެ ސިނާޢަތަށް ލިބިގެންދިޔަ ކުރިއެރުމެއް ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް ކޮމިޝަންގެ ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން، ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް އެއް ނެޓްވޯރކަކުން ރައްޖޭގެ އުތުރުން ދެކުނަށް ދިނުމަށާއި، ފެންވަރު ރަނގަޅު އަދި އަގުހެޔޮ ޚިދުމަތެއް ޢާންމުންނަށް ދިނުމަށާއި، ރާއްޖޭގެ ބްރޯޑްކާސްޓަރުންގެ ސިގުނަލް ތުރާކުނުން އައްޑޫއަށް ފޯރުކޮށްދިނުމަށް ކޮމިޝަނުން އެކަށައަޅާފައިވާ ސިޔާސަތާ އެއްގޮތަށް ޕީ.އެސް.އެމް އިން މި ޚިދުމަތް ދިނުމަށް މަސައްކަތްކުރުމަށްވެސް ކޮމިޝަންގެ ރައީސް މި ބައްދަލުވުމުގައި އެދިވަޑައިގެންނެވިއެވެ.

ރީބްރޯޑްކާސްޓިންގގެ ޚިދުމަތް ދިނުމަށް ރާވާފައިވާ ގޮތާއި، ރާއްޖޭގައި މި ޚިދުމަތް ފެށުމަށް ވަމުންދާ ތައްޔާރީތަކާ ބެހޭ މަޢުލޫމާތު ޕީ.އެސް.އެމް އިން މި ބައްދަލުވުމުގައި ކޮމިޝަނާ ޙިއްސާކުރިއެވެ.

މި ބައްދަލުވުމުގައި، ކޮމިޝަންގެ ރައީސްގެ އިތުރުން، ޕީ.އެސް.އެމް.ގެ ޑިރެކްޓަރ ޙުސައިން ޝުހާދާއި، ކޮމިޝަނަރ ފާޠިމަތު ޒައިނާއާއި ކޮމިޝަނަރ ޒީނާ ޒާހިރާއި ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ނާސިޙު ބައިވެރިވެވަޑައިގަތެވެ.