ސަޢޫދީ ސަރުކާރުން ދެއްވާ ޙައްޖު ދަތުރަށް ހޮއްވަވާފައިވާ ފަރާތާ ކޮމިޝަނުން ބައްދަލުކުރައްވައިފި

September 15, 2013

މި އަހަރުގެ ޙައްޖުގެ އަޅުކަން ހިނގަމުންދާގޮތް ގެނެސްދިނުމަށްޓަކައި ރާއްޖޭގެ ބްރޯޑްކާސްޓަރަކަށް ސަޢޫދީ އަރަބިއްޔާގެ ސަރުކާރުން ހަދިޔާކޮށްފައިވާ ޙައްޖުދަތުރަށް އެ ފަރާތުން ހޮއްވަވާފައިވާ ވީ.ޓީ.ވީގެ ޑިރެކްޓަރ އޮފް ރޭޑިއޯ އަޙްމަދު ރަމީޒާ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން މިއަދު ބައްދަލުކުރައްވައިފިއެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގައި މިއަދު މެންދުރުފަހު ބޭއްވުނު މި ބައްދަލުވުމުގައި ކޮމިޝަނުގެ ރައީސް މުހައްމަދު ޝަހީބު ވަނީ ރާއްޖޭގެ ބްރޯޑްކާސްޓަރުން ތަމްސީލްކުރުމަށް އަޙްމަދު ރަމީޒު ސަޢޫދީ ސަރުކާރުން ހޮއްވަވާފައިވާތީ އޭނާއަށް ވަރަށް ހޫނު މަރުހަބާ އަކާއި ތަހުނިޔާއެއް ވިދާޅުވެފައެވެ. ކޮމިޝަންގެ ރައީސް ވިދާޅުވީ، މިއީ 2007 ގައި އުފަންވެގެން އައި ކޮމާޝަލް ބްރޯޑްކާސްޓިންގެ ސިނާޢާތަށް ވަރަށް ތާރީޚީ ދަތުރެއް ކަމަށާއި، އަދި މިއީ މި ދަތުރުގައި ރާއްޖޭގެ ކޮމާޝަލް ބްރޯޑްކާސްޓަރަކަށް ފުރުސަތު ލިބުނު ފުރަތަމަ ފަހަރު ކަމަށާއި، އަދި މިދަތުރުގެ ސަބަބުން މިދާއިރާއަށް މިފަދަ ގިނަ ފުރުސަތުތައް މުސްތަޤްބަލުގައި ވެސް ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

ކޮމިޝަނުގެ ރައީސް ވިދާޅުވީ ޙައްޖުގެ އަޅުކަން ހިނގަމުންދާ ގޮތް ރޭޑިއޯ/ޓެލެވިޜަންގެ ޒަރީއާ އިން ގެނެސްދިނުމަށްޓަކައި ރާއްޖޭގެ ބްރޯޑްކާސްޓަރަކަށް ސަޢޫދީ އަރަބިއްޔާގެ ސަރުކާރުން ވަރަށް ކުރިއްސުރެ ދެއްވަމުން އަންނަ ޙައްޖު ދަތުރަށް ބްރޯޑްކާސްޓަރަކު ހޮވުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް އިން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާ ހަވާލުކުރެއްވީ 10 ސެޕްޓެމްބަރ 2012ގައި ކަމަށެވެ. މި ދަތުރަށް ބްރޯޑްކާސްޓަރަކު ހޮވުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާ މި ހަވާލުކުރެއްވީ، ޒަމާނުއްސުރެ މި ފުރުސަތު ދެއްވައިފައި ވަނީ ހަމައެކަނި ދައުލަތުގެ މީޑިއާ އަށް ކަމަށް ވެފައި، ނަމަވެސް 2007 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ކޮމާޝަލް ބްރޯޑްކާސްޓަރުން ވެސް ހަރަކާތްތެރިވަމުން އަންނައިރު، އެ ފުރުސަތު އެ ފަރާތްތަކަށް ލިބިފައި ނެތުމުން، މިކަން އިންސާފުވެރިކަމާއި ހަރުދަނާ އުސޫލެއްގެ މަތިން އިންތިޒާމްކުރުމަށްޓަކައި، ދިވެހިރާއްޖޭގައި ބްރޯޑްކާސްޓްކުރަމުންދާ ހުރިހާ ފަރާތެއްގެ ބެލެނިވެރި ފަރާތުގެ ހައިސިއްޔަތުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ދައުރު އޮންނަން ފެންނަ ކަމުގައި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ދިވެހި ސަރުކާރުގައި ދެންނެވުމުން ކަމުގައި ކޮމިޝަންގެ ރައީސް ވިދާޅުވި އެވެ.

މިއަދުގެ ބައްދަލުވުމުގައި ކޮމިޝަންގެ ނައިބު ރައީސް އަބްދުﷲ ސުޖާއު އާއި ކޮމިޝަނަރ މުއުމިނާ އާދަމާއި ސެކްރެޓަރީ ޖެނެރަލް ނޫރާ އަލީ ބައިވެރިވެވަޑައިގަތެވެ.

ސަޢޫދީ ސަރުކާރުން ދެއްވައިފައިވާ ޙައްޖު ދަތުރަށް ވަނަވަރު ހުށަހެޅުމުގެ ފުރުސަތު ލިބޭ ބްރޯޑްކާސްޓް ތިން ޗެނަލް ހޮވުމަށްޓަކައި ގުރުއަތުލުން ބާއްވާފައިވަނީ 12 ސެޕްޓެމްބަރ 2012ގައެވެ. ޖުމްލަ 14 ޗެނަލް ބައިވެރިވި މި ޤުރުއަތުލުމުން ސީވީ ހުށަހެޅުމުގެ ފުރުސަތު ގުރުއަތުން ހޯދައިފައި ވަނީ ރާއްޖެ ޓީވީ، ވީ.ޓީ.ވީ އަދި ދިވެހިރާއްޖޭގެ އަޑެވެ. ޝޯޓްލިސްޓްވެފައިވާ ތިން ޗެނަލުން، ކެންޑިޑޭޓެއްގެ ވަނަވަރު ފޮނުވުމުން، އޭގެ ތެރެއިން ވަކި ފަރާތެއް ކަނޑައަޅުއްވާފައި ވަނީ ސައުދީ ސަރުކާރުންނެވެ.

ސައުދީ ސަރުކާރުން އަންގަވައިފައި ވަނީ މި ފުރުސަތު ދޭ ފަރާތަކީ ޕްރޮގްރާމް ނުވަތަ ޚަބަރު ގެނެސްދިނުމުގައި މަސައްކަތްކުރާ ސީނިއަރ ފިރިހެން މުވައްޒަފަކަށް ވާންޖެހޭނެ ކަމަށާއި މީގެ ކުރިން ޙައްޖެއް ވެފައިވާ މީހެއް ކަމުގައި ވެގެންނުވާނެ ކަމަށެވެ.