ޤާނޫނާއި ޚިލާފުވާ ބްރޯޑްކާސްޓަރުންނާ މެދު ކޮމިޝަނުން ފިޔަވަޅު ނާޅާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ވާހަކަ ދައްކަވާތީވެ ކޮމިޝަނުން ކަންބޮޑުވުން ފާޅުކޮށްފި

July 23, 2012

 ނޫސްބަޔާން

ރާއްޖޭގެ ބްރޯޑްކާސްޓް ކުރާ ފަރާތްތައް ބްރޯޑްކާސްޓް ކުރަމުންދަނީ،  ބްރޯޑްކާސްޓް ކުރުމުގެ ޤާނޫނާއި ޤަވާޢިދާއި ބްރޯޑްކާސްޓް ކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް އާ އެއްގޮތަށްތޯ މި ކޮމިޝަނުން އަބަދުވެސް ދަނީ ބަލަމުންނެވެ. މިއާ ޚިލާފްވާ ފަރާތްތަކާ މެދު މި ކޮމިޝަނުން ގެންދަނީ ޤާނޫނުގެ ހުދޫދުގެ ތެރެއިން ފިޔަވަޅު އަޅަމުންނެވެ.

ޤައުމުގައި ސިޔާސީ ނުތަނަވަސްކަމާއި ހަލަބޮލިކަން އުފެއްދުމަށް މަގުފަހިވާ ގޮތަށް ބައެއް ޗެނަލްތަކުން ބްރޯޑްކާސްޓް ކުރަމުންދާކަން މި ކޮމިޝަނަށް ފާހަގަކުރެވުމާ ގުޅިގެން އެ ފަރާތްތަކަށް ބްރޯޑްކާސްޓް ކުރުމުގެ ޤާނޫނުގެ 44 ވަނަ މާއްދާގެ (ހ) ގެ ދަށުން ވާނީ ފިޔަވަޅު އަޅައިފައެވެ.

އެހެންނަމަވެސް، ޤާނޫނާއި ޤަވާއިދާ ޚިލާފުވާ ބްރޯޑްކާސްޓަރުންނާ މެދު މި ކޮމިޝަނުން ފިޔަވަޅު އަޅައިފައި ނުވާ ކަމަށް ބުނެ ބައެއް ފަރާތްތަކުން މީޑިއާގައި ވާހަކަ ދައްކަވާތީ މި ކޮމިޝަނުން ކަންބޮޑުވެ ހިތާމަކުރަމެވެ.

މި ކޮމިޝަނުގެ ޤާނޫނީ ވާޖިބު އަދާ ކުރުމުގައި ކުރިއަށް އޮތް ތާނގައި ވެސް ވަކި ފަރާތަކަށް ނުޖެހި،މިނިވަންކަމާއި އިންސާފުވެރިކަމާ އެކު ދެމިތިބޭނެކަމުގެ ޔަޤީންކަން ދިވެހި އެންމެހާ ރައްޔިތުންނަށް މި ފުރުޞަތުގައި ވެސް އަރުވަމެވެ.

23 ޖުލައި 2012