ރާއްޖޭގެ ރީބްރޯޑްކާސްޓް ނެޓްވާކްތަކުގައި ދިވެހި ޗެނެލްތައް ހިމެނުމަށް ކޮމިޝަނުން އިލްތިމާސްކޮށްފި

September 1, 2013

ރާއްޖޭގެ ރީބްރޯޑްކާސްޓަރުންގެ ނެޓްވާކްތަކުގައި ހުރިހާ ދިވެހި ޗެނެލްތައް ވެސް ހިމެނުމަށް މަސައްކަތްކުރުމަށާއި އަދި ވަކިން ޚާއްސަކޮށް ރައްޔިތުން ބަލަން ބޭނުންވާ ޗެނެލްތައް ހިމެނުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ރާއްޖޭގައި ރީބްރޯޑްކާސްޓްކުރާ ހުރިހާ ފަރާތްތަކަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން މިއަދު އިލްތިމާސްކޮށްފިއެވެ.

ތިރީގައި މި ވަނީ މި ކަމާ ގުޅޭގޮތުން މިއަދު ކޮމިޝަނުން ނެރުނު ސަރކިއުލަރ އެކެވެ.

“ރާއްޖޭގެ ގިނަ ރަށްރަށުގައި އޮޕަރޭޓްކުރަމުންދާ ރީބްރޯޑްކާސްޓް ނެޓްވާކްތަކުގައި ބައެއް ދިވެހި ޗެނަލްތައް ނުހިމަނައި ހުންނަކަމުގެ ޝަކުވާ އާއި އެކަމުގެ ސަބަބުން ބައެއް ރަށްރަށުގައި މަސްލަހަތު ގެއްލެމުންދާ ކަމަށް މި ކޮމިޝަނަށް މައުލޫމާތު ލިބެމުންދެއެވެ.

“އެނގިވަޑައިގެންފައިވާނޭ ފަދައިން، ޚަބަރާއި މައުލޫމާތު ފެތުރުމަށް އެއް ފަރާތަށް ވުރެ ގިނަ ފަރާތްތައް ބައިވެރިވެވޭނޭ ގޮތް ހަމަޖައްސައިދިނުމާއި ތަފާތު ބާވަތްތަކުގެ ޚިޔާލުތަކާއި ތަފާތު ވިސްނުންތަކަށް ފުރުޞަތު ލިބޭނޭ ގޮތް ހަމަޖައްސައިދިނުމަކީ ޤާނޫނު ނަމްބަރ: 2010/16 (ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު) ގެ މަޤުސަދުގެ ތެރޭގައި ހިމެނޭ ކަމަކަށް ވާތީ، މި ދެންނެވި މަޤްސަދު ހާސިލްކުރުމަށް، ރީބްރޯޑްކާސްޓްކުރާ ނެޓްވާކްތަކުގައި ވީހާ ގިނަ ދިވެހި ޗެނެލްތައް ހިމެނުމަށް ރީބްރޯޑްކާސްޓަރުން ސަމާލުކަން ދިނުމަކީ މި ކޮމިޝަންގެ އެދުމެކެވެ.

“މައުލޫމާތު ލިބިގަތުމުގެ ދޮރު ހުރިހާ ފަރާތްތަކަށް ވެސް ފަސޭހަކަމާއެކު ހުޅުވިފައި އޮތުމަކީ މުހިންމު ކަމެއް ކަމުގައި މި ކޮމިޝަނުން ދެކެމެވެ. އަދި އެ މީހަކު ބަލަން ބޭނުންވާ ޗެނަލެއް މިނިވަންކަމާއެކު ޚިޔާރުކުރުމުގެ ފުރުސަތު އެ މީހަކަށް ލިބިފައި އޮތުމަކީ ޚަބަރާއި މައުލޫމާތު އެންމެ ފުޅާ ދާއިރާއެއްގައި ލިބިގަތުމުގެ ހައްގު ކަށަވަރުވެގެންދާނޭ ކަމެއް ކަމުގައި ވެސް މި ކޮމިޝަނުން ދެކެމެވެ.

“ވީމާ، ރީބްރޯޑްކާސްޓަރުންގެ ނެޓްވާކްތަކުގައި ހުރިހާ ދިވެހި ޗެނެލްތައް ވެސް ހިމެނުމަށް މަސައްކަތްކުރުމަށާއި އަދި ވަކިން ޚާއްސަކޮށް ރައްޔިތުން ބަލަން ބޭނުންވާ ޗެނެލްތައް ހިމެނުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ރާއްޖޭގައި ރީބްރޯޑްކާސްޓްކުރާ ހުރިހާ ފަރާތްތަކަށް މި ކޮމިޝަނުން އިލްތިމާސްކުރަމެވެ.”