ބްރޯޑްކާސްޓް އިންޑަސްޓްރީ މޮނިޓަރިންގ ދަތުރެއްގައި ކޮމިޝަންގެ ޓީމެއް ފާދިއްޕޮޅަށް

February 21, 2023

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ދައުރާއި، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުތަކަށް އަހުލުވެރިކުރުމަށާއި، ކައުންސިލްތަކާއި ގުޅިގެން މަސައްކަތްކުރުމަށްޓަކައި ކޮމިޝަނުން އެކުލަވާލާފައިވާ ފަހުމުނާމާގައި ސޮއިކުރުމާ އަދި ބްރޯޑްކާސްޓްކުރުމުގެ ކަންކަން އަތޮޅުގެ ބައެއް ރަށްރަށުގައި ހިނގާގޮތް ބެލުމުގެ ގޮތުން ކޮމިޝަންގެ ޓީމެއް ފާދިއްޕޮޅަށް ދަތުރުކުރުމަށް ހަމަޖެހިއްޖެއެވެ.

ފެބްރުވަރީ މަހުގެ 21 ން 23 އަށް ފާދިއްޕޮޅަށް ކުރާ ދަތުރުގައި، އެ އަތޮޅުގެ ނައިފަރު، ހިންނަވަރު، އޮޅުވެލިފުށި، އަދި ކުރެންދޫއަށް ކޮމިޝަންގެ ޓީމުން ޒިޔާރަތްކުރާނެއެވެ.

ކޮމިޝަނުން މި ދަތުރުގައި، ރަށްރަށުގެ ކައުންސިލްގެ މެންބަރުންނާ ބައްދަލުކުރުމާއި، ރީބްރޯޑްކާސްޓިންގ ޚިދުމަތް ދޭ ގޮތް މޮނިޓަރކުރުމަށްޓަކައި ރަށްރަށުގެ ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތްދޭ ފަރާތްތަކުގެ ސްޓޭޝަންތަކަށާއި މި ޚިދުމަތް ލިބިގަންނަ ބައެއް ގެތަކަށް ޒިޔާރަތްކުރުމަށްވެސް ހަމަޖެހިފައިވެއެވެ.

ކޮމިޝަނުން ފާދިއްޕޮޅަށް ކުރާ މިދަތުރުގެ ޓީމްގައި ހިމެނިވަޑައިގަންނަވަނީ ކޮމިޝަންގެ ރައީސް މަރްޔަމް ވަހީދާއާއި، ކޮމިޝަންގެ ނައިބު ރައީސް  މުޙައްމަދު ފަޒީނާއި، ސެކްރެޓަރީ ޖެނެރަލް މަރްޔަމް ޒީނިޔާއާއި ކޮމްޕްލެއިންޓްސް ކޯޑިނޭޓަރ ޙައްވާ ޒާހިރާ އަދި  މޮނިޓަރިންގ އޮފިސަރ މުޙައްމަދު ޒަޢީމެވެ.