ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-15/2020)

January 31, 2021

ޝަކުވާ ނަމްބަރު: CAC-15/2020

ޝަކުވާ ހުށަހެޅި ތާރީޙް: 25 ފެބްރުވަރީ 2020

ހުލާސާ: މިއީ، އެއަރޓެލް، ވީޑިއޯކޮން، ޑައިލޮގް އަދި އެހެނިހެން ވަސީލަތް މެދުވެރިކޮށް ޗެނަލްތައް ރިސީވްކޮށް ގަވާއިދާ ޚިލާފަށް ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ރ.ފައިނުގައި ދޭކަމަށް ބުނެ ބަޑީސްނެޓް ޕްރައިވެޓް ލިމިޓެޑްއަށް ރައްދުވާގޮތަށް 25 ފެބްރުވަރީ 2020 ގައި ހުށަހަޅާފައިވާ މައްސަލައެކެވެ.

ނިންމި ގޮތް: އެއަރޓެލް، ވީޑިއޯކޮން، ޑައިލޮގް އަދި އެހެނިހެން ވަސީލަތް މެދުވެރިކޮށް ޗެނަލްތައް ރިސީވްކޮށް ގަވާއިދާ ޚިލާފަށް ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ރ.ފައިނުގައި ދޭކަމަށް ބުނެ ބަޑީސްނެޓް ޕްރައިވެޓް ލިމިޓެޑްއަށް ރައްދުވާގޮތަށް 25 ފެބްރުވަރީ 2020 ގައި ހުށަހަޅާފައިވާ މި މައްސަލައިގައި،

ވަކިފަރާތަކަށް ބުރަނުވެ މުސްތަޤިއްލު ތަޙްޤީޤެއް މި ކޮމިޝަނުން ކުރުމުގައި، ތަޙްޤީޤު ކުރެވެމުންދާއިރު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ކަމާބެހޭ ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ އެންމެހާ ޙައްޤުތައް މައްސަލަ ރައްދުވި ފަރާތަށް ލިބިދެވުނުކަން ކަށަވަރުކުރުމުގެ ގޮތުން، މައްސަލަ ރައްދުވާ ބަޑީސް ނެޓް ޕްރައިވެޓް ލިމިޓެޑަށް ޖަވާބުދާރިވުމަށް އެކަށީގެންވާ ފުރުސަތު ދީފައިވާކަމާއި؛

މައްސަލައަށް ޖަވާބުދާރީވެ ބަޑީސް ނެޓް ޕްރައިވެޓް ލިމިޓެޑުން ފޮނުވި ސިޓީއަށް ރިޢާޔަތްކުރާއިރު، ބަޑީސް ނެޓް ޕްރައިވެޓް ލިމިޓެޑުން ރ. ފައިނުގައި އެއަރޓެލް، ވީޑިއޯކޮން އަދި ޑައިލޮގް މެދުވެރިކޮށް ޗެނަލް ހިމަނައިގެން ރީބްރޯޑްކާސްޓްކޮށް (ކޭބަލްޓީވީ)ގެ ޚިދުމަތް ދެމުން ނުގެންދާކަމާއި، ނަމަވެސް ރ. ފައިނުގައި ބަޑީސް ނެޓްގެ ފަރާތުން ދެމުންގެންދަނީ އިންޓަރނެޓްގެ ޚިދުމަތްކަމާއި، އިންޓަރނެޓް ޕެކޭޖް އާއި އެކު ސްޓްރީމް ސާވިސް އަކުން ފެންނަން ހުންނަ ސްޓްރީމިން ޗެނަލްތަކަކީ އިންޓަރނެޓްގެ ޒަރީއާއިން ފެންނަ ޗެނަލްތަކެއްކަމާއި، އެއިރެއްގައި ލިންކް ލިބެންހުންނަ  ޗެނަލްތައް ސްޓްރީމް ސާރވިސް ތެރެއިން ފެންނާނެ ކަމަށް ބަޔާންކޮށްފައިވާތީއާ،

ކޭބަލް ޓީވީ ދޫކުރާ އުޞޫލުން ބަޑީސްނެޓްގެ ފަރާތުން ރ.ފައިނުގައި ކޭބަލް ވަޅުލައިގެން އެ ޚިދުމަތް ނުދޭކަމާއި، ނަމަވެސް، ބަޑީސްނެޓްގެ ފަރާތުން ރ. ފައިނުގައި ދޫކޮށްފައިހުންނަ ވައިފައި ސިގްނަލް މެދުވެރިކޮށް، އިންޓަނެޓް ހޯދާ ފަރާތްތަކަށް ބައެއް ޓީވީ ޗެނަލްތައް ބެލޭނެގޮތް ހަމަޖައްސާފައިވާކަމާއި، ވައިފައި ބޭނުންކޮށްގެން އިންޓަނެޓް ބޭނުންކުރާ ފަރާތްތަކުން ވައިފައިއާއި “ޓީވީ ބޮކްސް” ގުޅާލުމުންވެސް ބައެއް ޓީވީ ޗެނަލްތައް ފެންނަކަމާއި، ބަޑީސްނެޓް ފަރާތުން ރ.ފައިނުގައި ދެމުންގެންދަނީ އިންޓަނެޓްގެ ޚިދުމަތެއް ކަމަށާއި އެ ޚިދުމަތާއިއެކު ސްޓްރީމިންގ ސާވިސްއަކުން ބައެއް ޗެނަލްތައް ބެލެންހުންނަ ކަމަށާއި، އެއިރެއްގައި ލިބެންހުންނަ ޗެނަލްތައް ސްޓްރީމިންގ ސާވިސްގެ ތެރެއިން ފެންނާނެ ކަމަށާއި ވަކި ޚާއްޞަ ޗެނަލް ޕްކޭޖްތަކެއް ހަދާފައި ނުހުންނަކަން ފާހަގަކޮށް މާޅޮސްމަޑުލު އުތުރުބުރީ ފައިނު ކައުންސިލް އިދާރާއިން މަޢުލޫމާތު ދީފައިވާތީއާ،

މި މައްސަލައާ ގުޅިގެން ޤާނޫނީ ހަމަތަކުގެ މަތިން ތަޙްޤީޤުގެ އެންމެހައި އިޖުރާޢުތައް ފުރިހަމަކޮށް ކޮމިޝަނުގެ ތަޙްޤީޤަށް ލިބިފައިވާ މަޢުލޫމާތުތަކަށް ބަލާއިރު؛

އިންޓަނެޓްގެ ޒަރީއާއިން، ޗެނަލްތައް ސްޓްރީމްކުރެވޭގޮތަށް ދޭ ޚިދުމަތަކީ، ޤާނޫނު ނަންބަރު  16/2010(ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު) ގައި ބަޔާންކޮށްފައިވާ ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތަކަށް ނުވާތީ، ކޮމިޝަންގެ އިޙްތިޞާޞުގައި ހިމެނޭ މައްސަލަތަކެއް ނޫންކަމަށް ކޮމިޝަންގެ ނަންބަރު CAC-15/2017 އަދި ކޮމިޝަންގެ ނަންބަރު CAC-13/2019 މައްސަލަ ނިންމުމުގައި ކޮމިޝަނުން ކަނޑައަޅާފައިވާކަމާއި،

“ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސްއާ ގުޅޭ އުސޫލު” 20 އޮކްޓޫބަރު 2020 ގައި ކޮމިޝަނުން ފާސްކޮށް އަމަލުކުރަން ފަށާފައިވާކަމާއި،

މި އުސޫލުގައި ރީބްރޯޑްކާސްޓް ކުރުމުގެ ޚިދުމަތް ދިނުމަށް ބޭނުންކުރާ ވަސީލަތްތަކުގެ ތެރޭގައި އިންޓަރނެޓް އަދި އެހެނިހެން (ކޮމިޝަނުން ފާސްކޮށްފައިވާ) ހިމަނާފައި ވީނަމަވެސް، CAC-15/2020 މި މައްސަލަ ކޮމިޝަނަށް ހުށަހަޅާފައިވަނީ
25 ފެބްރުވަރީ 2020 ގައި ކަމުން މި މައްސަލައަކީ “ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސްއާ ގުޅޭ އުސޫލު” ވުޖޫދަށް އައުމުގެ ކުރިން ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލައެއް ކަމަށް ވީނަމަވެސް،

ބަޑީސްނެޓް ޕްރައިވެޓް ލިމިޓެޑުން ރ.ފައިނުގައި އިންޓަރނެޓް ޕެކޭޖް އާއި އެކު ސްޓްރީމް ސާވިސް އަކުން ފެންނަން ހުންނަ ސްޓްރީމިން ޗެނަލްތަކެއް ހިމަނައި ޚިދުމަތްދެމުންގެންދާކަން ބަޑީސްނެޓް ޕްރައިވެޓް ލިމިޓެޑްގެ އަމިއްލަ އިއުތިރާފުން އެންގެން އޮތަތީއާ،

“ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސްއާ ގުޅޭ އުސޫލު” ގައި ރީބްރޯޑްކާސްޓް ކުރުމުގެ ޚިދުމަތް ދިނުމަށް ބޭނުންކުރާ ވަސީލަތްތަކުގެ ތެރޭގައި އިންޓަރނެޓް އަދި އެހެނިހެން (ކޮމިޝަނުން ފާސްކޮށްފައިވާ) ހިމަނާފައިވާތީ، އިންޓަރނެޓާ އެކު ސްޓްރީމް ސާވިސް އަކުން ފެންނަން ހުންނަ ސްޓްރީމިން ޗެނަލްތަކެއް ހިމަނައިގެން ޚިދުމަތްދެމުންދާނަމަ، އެ ޚިދުމަތަކީ ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތެއްކަމަށް ބެލެވޭތީ، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި ކަމާގުޅޭ ގަވާއިދުތަކާއި އުސޫލުތަކުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ލައިސަންސް ލިބިގެން ނޫނީ ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ފޯރުކޮށް ނުދިނުމަށް ބަޑީސް ނެޓް ޕްރައިވެޓް ލިމިޓެޑަށް ދެންނެވުމަށްށާއި،  ބަޑީސް ނެޓް ޕްރައިވެޓް ލިމިޓެޑުން ރ.ފައިނުގައި އިންޓަރނެޓް ސްޓްރީމިންގ ޒަރީއާއިން ޚިދުމަތް ދެމުންގެންދާނަމަ، އެ ޚިދުމަތް ވަގުތުން ހުއްޓާލުމަށާއި، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި ކަމާގުޅޭ ގަވާއިދުތަކާއި އުސޫލުތަކުގައި ބަޔާންކޮށްފައިވާ އިމުގެތެރެއިން ޚިދުމަތް ދިނުމަށް ބަޑީސްނެޓް ޕްރައިވެޓް ލިމިޓެޑަށް ދެންނެވުމަށް މި މައްސަލަ ބެލި ކޮމިޝަންގެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން މައްސަލަ ނިންމީއެވެ.

20 ޖަނަވަރީ 2021